
ގަލްފް ސަރަހައްދުގައި ގާއިމުކޮށްފައިވާ އެމެރިކާގެ ރާޑަރުތައް އީރާނުން ހަލާކުކޮށްލިތާ 72 ގަޑިއިރުގެ ތެރޭގައި، އެ ގައުމަށް އަހަރެއްހާ ދުވަހުގެ ވާރޭ ވެހި ބޮޑެތި ޑޭމްތައް ފުރިއްޖެއެވެ. މި އާދަޔާ ހިލާފު މޫސުމީ ބަދަލާއެކު، ހަތް އަހަރުގެ މެދުކެނޑުމަކަށްފަހު އީރާނުގެ ބޮޑެތި ޑޭމްތައް ވަނީ ފުރި ބާރުވެފައެވެ.
މިދިޔަ އަހަރަކީ ފަންސާސް އަހަރުގެ ތެރޭގައި އީރާނަށް ކުރިމަތިވި އެންމެ ބޮޑު ހަނަފަސްކަމާ ކުރިމަތިލާންޖެހުނު އަހަރެވެ. އޭގެ ސަބަބުން ކާބޯތަކެތީގެ އަގު އިންތިހާއަށް އުފުލި، އާންމުންގެ މެދުގައި ބޮޑެތި ހަމަނުޖެހުންތަކެއް އުފެދިފައިވާއިރު، މި ވެހުނު ވާރޭގެ ސަބަބުން ގައުމުގެ ދަނޑުވެރިކަމަށް ބޮޑު އުއްމީދެއް ވަނީ ލިބިފައެވެ.
ޑަރބަނާކަން ޑޭމްގެ ޑިރެކްޓަރު ހާމަކުރެއްވި ގޮތުގައި، 3 ބިލިއަން ކިއުބިކް މީޓަރަށް ވުރެ ގިނައިން ފެން ރައްކާކުރެވޭ އެ ޑޭމް މިހާރު ވަނީ 100 އިންސައްތަ ފުރިފައެވެ. މިއީ އީރާނުގެ އެންމެ ބޮޑު އެއް ޑޭމް ކަމަށްވާއިރު، މާޗް މަހުގެ ކުރީކޮޅު އީރާނުން ދިން މިސައިލް ހަމަލާތަކުގައި ގަލްފުގައި ހުރި އެމެރިކާގެ މަރުކަޒުތަކުގެ ރާޑަރުތައް ނައްތާލުމާއެކު މޫސުމަށް މިފަދަ ބޮޑު ބަދަލެއް އައުމަކީ ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވާ ކަމެކެވެ.
މި ހާދިސާއާ ގުޅިގެން ބައެއް ފަރާތްތަކުން ސުވާލު އުފައްދަނީ، އެމެރިކާގެ ރާޑަރުތަކަކީ މޫސުމަށް ބަދަލު ގެނައުމަށް ބޭނުންކުރާ 'ހާޕް' (HAARP) އޮޕަރޭޝަންތަކުގެ ބައެއްތޯއެވެ. އެމެރިކާގެ ރާޑަރުތައް ހަލާކުވުމާއެކު ވަގުތުން ވާރޭ ވެހެން ފެށުމުން، މިއީ މޫސުމާ ދެކޮޅަށް ކުރެވުނު ހަނގުރާމައެއްގެ ނިމުން ކަމަށް ބައެއް މަސްދަރުތަކުން ތުހުމަތު ކުރެއެވެ.
ކުރިން އޮތް ބަނޑުހައިހޫނުކަމާއި ދާޚިލީ ހަމަނުޖެހުންތަކުގެ ބިރުވެރިކަން، މި ލިބުނު ގުދުރަތީ ފެނުގެ މުއްސަނދިކަމާއެކު ކުޑަވެގެންދާނެ ކަމަށް ބެލެވެއެވެ. ނަމަވެސް، މޫސުމީ ބަދަލުތަކާއި އަސްކަރީ ޓެކްނޮލޮޖީއާ ހުރި ގުޅުމާ މެދު ކުރެވޭ ބަހުސްތައް މިހާރު ވަނީ އިތުރަށް ހޫނުވެފައެވެ.










