March 13, 2026
Advertisement
ރާއްޖޭގެ ކުރީގެ ނައިބު ރައީސް، ޑރ މުހައްމަދު ޖަމީލު އަހުމަދު
ރާއްޖޭގެ ކުރީގެ ނައިބު ރައީސް، ޑރ މުހައްމަދު ޖަމީލު އަހުމަދު / ޕީޕީއެމް

މިއީ ބިރުވެރި މިންވަރަކަށް ރިޝްވަތު ފެތުރިފައިވާ ވެރިކަމެއް: ޑރ. ޖަމީލް

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Jan 24, 2026, 09:08 PM
މާލެ ސިޓީ

"އަދަދު" ނޫހުގައި ޝާއިއުކުރި ސިޔާސީ ކާޓޫނެއް ނެގުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން އެންގި އެންގުމާ ގުޅިގެން، މުޢިއްޒުގެ ސަރުކާރަށް ޕީއެންއެފްގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙުމަދު ވަރަށް ހަރުކަށި އިބާރާތުން ފާޑުވިދާޅުވެއްޖެއެވެ.

Advertisement

ޑރ. ޖަމީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސް މުޢިއްޒުގެ ވެރިކަމުގައި ރާއްޖެ މިއަދު މިވަނީ މުސްލިމަކު ބިރުގަންނަންޖެހޭ މިންވަރަށް ރިޝްވަތުގެ ވަބާ ފެތުރިފައިވާ ތަނަކަށް ވެފައި ކަމަށެވެ. އަދި ދައުލަތުގެ ފައިސާ އާއި، ވަޒީފާގެ އިތުރުން ބިންތަކާއި ދައުލަތުގެ ތަންތަން ބަހަމުންދާ ކަމަށް ތުހުމަތުކުރައްވައި، ރާއްޖެ މިއަދު ވައްޓާލާފައިވާ ފުން ވަޅުގަނޑާ މެދު އެމަނިކުފާނު ސުވާލު އުފެއްދެވިއެވެ.

ނޫސްވެރިކަމުގެ މިނިވަންކަމަށް އިޝާރާތް ކުރައްވަމުން ޖަމީލް ވިދާޅުވީ، ކާޓޫނަކީ ނޫސްވެރިކަމުގެ ބައެއް ކަމަށާއި، "އަދަދު" ނޫހުގެ ކާޓޫނުގައި އެއްވެސް މައްސަލައެއް އޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. އަދި ވައްކަމާއި ކޮރަޕްޝަން ރައީސް މުޢިއްޒު ކުރެއްވުމުން އެކަންކަން "ޙަލާލު" ވެގެން ހަނުތިބޭ ދީނީ އިލްމުވެރިންނަށް، ނޫސްވެރިކަމުގެ ފާޑުކިޔުންތައް ހަޖަމް ނުވާނެ ކަމަށްވެސް ޖަމީލް ވިދާޅުވިއެވެ.

މީޑިއާ ކައުންސިލުން އެ ކާޓޫނު ނެގުމަށް އެންގީ އޭގައި ހުރި މައުލޫމާތުތަކަކީ އަޚުލާގީ މިންގަނޑާ ޚިލާފު އެއްޗެއް ކަމަށް ބުނެއެވެ. ނަމަވެސް ޑރ. ޖަމީލް ވަނީ މިއީ ހަގީގީ މައްސަލަތައް ފޮރުވުމަށް ކުރާ މަސައްކަތެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

މި މައްސަލައާ ގުޅިގެން ސަރުކާރުގެ އެއްވެސް ރަސްމީ އިދާރާއަކުން އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް މިކަމަކީ ރާއްޖޭގެ މީޑިއާގެ މިނިވަންކަމާ މެދު ސުވާލު އުފެދިފައިވާ ދަނޑިވަޅެއްގައި މީޑިއާ މިނިވަންކަމެއް ނެތްކަން ހާމަވެގެން ދިޔަ ކަމެއް ކަމަށްވެސް ގިނަ ބަޔަކު އަންނަނީ މި ހާދިސާއާއި ގުޅިގެން ބުނަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved