March 14, 2026
Advertisement
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު / ސޯޝަލް މީޑިއާ

އިނގިރޭސި ބަހުން ވާހަކަދެއްކުމުގައި މިނިސްޓަރު ސައީދުގެ ފެންވަރު ދަށްކަމުން އާންމުންގެ ފާޑުކިޔުން އަމާޒުވެއްޖެ!

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Jan 24, 2026, 09:41 PM
މާލެ ސިޓީ

އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ބޭރުގެ މީޑިއާއެއް ކަމަށްވާ "ވިއޯން" (WION) އަށް ދެއްވި އިންޓަވިއުއެއްގައި، އިނގިރޭސި ބަހުން ވާހަކަދެއްކެވުމުގައި ހުރި އުނިކަންކަމާއި ފެންވަރު ދަށްކަމުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެއެވެ.

Advertisement

މި އިންޓަވިއު އާންމުވުމާ ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ފާޅުކުރަމުންދާ ޚިޔާލުތަކުގައި ބުނެފައިވަނީ، ގައުމުގެ އިގްތިސާދީ އެންމެ މުހިންމު ވުޒާރާއާ ހަވާލުވެވަޑައިގެން ހުންނެވި ވަޒީރަކު، ބައިނަލްއަގުވާމީ މައިދާނެއްގައި ގައުމު ތަމްސީލުކުރައްވާއިރު މިއަށްވުރެ ގާބިލުވާންޖެހޭނެ ކަމަށެވެ. މިނިސްޓަރު ސައީދުގެ ވާހަކަދެއްކުމުގައި ލަފްޒުތައް ބޭނުންކުރެއްވި ގޮތާއި، ޖުމްލަ އެތުރުމުގައި ހުރި ގޯސްތަކުގެ ސަބަބުން، ރާއްޖޭގެ ވަޒީރުންގެ ފެންވަރާމެދު ސުވާލު އުފެދޭ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

މި މައްސަލައިގައި ސަރުކާރަށް ފާޑުކިޔާ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ބައެއް މިނިސްޓަރުންނަކީ ބައިނަލްއަގުވާމީ ފެންވަރުގައި މުއާމަލާތް ކުރުމުގެ ގާބިލުކަން ކުޑަ ބޭފުޅުންނެވެ. ވަކިން ހާއްސަކޮށް، ރާއްޖެއަށް އިންވެސްޓަރުން ހޯދުމާއި ބޭރުގެ ގައުމުތަކާއެކު ގާތް ގުޅުމެއް ބާއްވަން މަސައްކަތްކުރާ މިނިސްޓަރެއްގެ ފަރާތުން މިފަދަ ދަށް ފެންވަރެއް ފެނުމަކީ ގައުމުގެ އަބުރަށް ލިބޭ އުނިކަމެއްގެ ގޮތުގައި އިދިކޮޅު ފަރާތްތަކުން ސިފަކުރެއެވެ.

"މިއީ ހަމައެކަނި ބަހުގެ މައްސަލައެއް ނޫން. މިއީ ގައުމެއްގެ ވަޒީރެއްގެ ހުންނަންޖެހޭ ތައުލީމީ ފެންވަރާއި ގާބިލުކަމާ ގުޅޭ މައްސަލައެއް،" ސޯޝަލް މީޑިއާގައި އެކަކު ލިޔެފައިވެއެވެ.

މީގެ އިތުރުން، ސަރުކާރުގެ ބައެއް އެހެން ވަޒީރުންވެސް ރަސްމީ ބައްދަލުވުންތަކުގައާއި އިންޓަވިއުތަކުގައި ވާހަކަދައްކަވާއިރު، މައުލޫމާތުގެ މުއްސަނދިކަން ކުޑަވުމާއި މުއާމަލާތް ކުރުމުގެ ހުނަރު ނެތްކަން ހާމަވަމުންދާ ކަމަށް ބުނެ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މިފަދަ ކަންކަމުގެ ސަބަބުން ބައިނަލްއަގުވާމީ މުޖުތަމައުގައި ރާއްޖެއަށް އޮންނަ އިތުބާރު ކުޑަވެގެންދާނެ ކަމަށް ސިޔާސީ މުހައްލިލުން ލަފާކުރެއެވެ.

މިނިސްޓަރު ސައީދުގެ މި އިންޓަވިއުއަކީ ކުރީގެ ފަތުރުވެރިކަމުގެ ވަޒީރު ފައިސަލްގެ ފަހުން، މި ފަހަކަށް އައިސް ސަރުކާރުގެ ވަޒީރަކަށް އެންމެ ބޮޑަށް ފާޑުކިޔުން އަމާޒުވި އެއް ފަހަރުގެ ގޮތުގައި ވަނީ ފާހަގަވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved