
މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލި، ރާއްޖޭގައިވެސް ތެލުގެ އަގު ބޮޑުވެފައިވާ މި ދަނޑިވަޅުގައި، ތެޔޮ ލިބުމުގައި އެއްވެސް ދަތިކަމެއް ނެތް ކަމަށް ވިދާޅުވެ އިގްތިސާދީ ވަޒީރު މުހައްމަދު ސައީދު އިތުރުފުޅު ހައްދަވައި ރައްޔިތުންނަށް އޮޅުވާލައްވައިފިއެވެ.
ސަރުކާރުން މިހާރުވެސް ވަނީ ތެލުގެ އަގު ބޮޑުކޮށް ރައްޔިތުންގެ ޖީބަށް ބާރުބޮޑުކޮށްފައެވެ. ނަމަވެސް، ހަގީގަތް އޮޅުވާލުމަށްޓަކައި އެސްޓީއޯގެ "ނޮމިނޭޝަން" އެރޭންޖްމެންޓްތަކުގެ ވާހަކަދައްކައި، ތެލުގެ ޝިޕްމެންޓްތައް ގަވާއިދުން ލިބޭނެ ކަމުގެ ފޮނި ހުވަފެން ދައްކަވަނީ ރައްޔިތުންގެ މެދުގައި އުފެދިފައިވާ ނުތަނަވަސްކަން ފޫބެއްދުމަށްކަމަށް ބުނެ ގިނަ ފަރާތްތަކުން އަންނަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.
އަގުތައް އިންތިހާއަށް އުފުލި، އާންމު ދިރިއުޅުމުގެ ހަރަދުތައް ބޮޑުވެފައިވާ މި ދަނޑިވަޅުގައި، ތެލާއި ގޭސް އަދި ކާޑުގެ ބާވަތްތައް ހުސްނުވެ ލިބޭނެ ކަމަށް ބުނެ އިތުރުފުޅު ހެއްދެވުމަކީ އިޚްލާޞްތެރިކަމެއް ނެތްކަން ދޭހަވާކަމެއްކަމަށް ވެސް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.
ސަރުކާރުން ބަލަނީ ކޮންމެ ހާލަތެއްގައިވެސް ކަންކަން ރޭވުންތެރިކަމާއެކު ކުރިއަށްދާކަން ދެއްކުމަށެވެ. އެހެންނަމަވެސް، ބާޒާރުގެ ހަގީގީ އަގުތަކާއި ރައްޔިތުން އުފުލަންޖެހިފައިވާ ތަކުލީފުތަކުން ހާމަވަނީ ވަޒީރު ދައްކަވާ ވާހަކަފުޅާއި އަމަލާ ދިމާނުވާކަމެވެ. މިއީ ސީދާ ރައްޔިތުންނަށް އޮޅުވާލައި، ދޮގު މައުލޫމާތު ފަތުރައިގެން ސަރުކާރުގެ ނުކުޅެދުންތެރިކަން ފޮރުވަން ކުރާ މަސައްކަތެކެވެ.










