February 26, 2026
Advertisement
އިކޮނޮމިކް މިނިސްޓާރ މުހައްމަދު ސައީދު
އިކޮނޮމިކް މިނިސްޓާރ މުހައްމަދު ސައީދު / އިކޮނޮމިކް މިނިސްޓްރީ

ވިޔަފާރިވެރިންނަށް ފައިސާ ނުދީ ސިލްސިލާ ބައްދަލުވުންތައް ބާއްވަން ނިންމައިފި

Yana Shareef
ޔާނާ ޝަރީފް
Jan 11, 2026, 04:24 AM

ކުދި ވިޔަފާރިތަކަށް ގެއްލުންދިނުމަށްފަހު، އެ ފަރާތްތަކުގެ ކަންބޮޑުވުންތައް އަޑުއެހުމަށް ސިލްސިލާ ޑައިލޮގް ބައްދަލުވުންތަކެއް ކުރިއަށް ގެންދިޔުން މުހިންމު ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

Advertisement

އޮތެންޓިކް މޯލްޑިވްސްގެ ހަވަނަ އަހަރީ ހަފްލާގައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ ވިޔަފާރިތަކަށް ދެވޭ ޚިދުމަތްތައް ހަރުދަނާކުރެވޭނީ، ސީދާ ވިޔަފާރިވެރިންނާ ވާހަކަ ދެކެވި، ކުރިމަތިވާ މައްސަލަތައް ދެނެގަނެވިގެން ކަމަށެވެ. އަދި އެކަން ކުރެވޭނީ ގަވައިދުން ވިޔަފާރިވެރިންނާ ބައްދަލުވެ، ޚިޔާލު ހޯދައިގެން ކަމަށް ސައީދު ވިދާޅުވިއެވެ.

މި ސަރުކާރުން މާ ބޮޑު އަހައްމިއްޔަތުކަމެއް ނުދީ އޮތުމުން ކުދި ވިޔަފާރިތައް ބަނގުރޫޓުވެފައިވާ ކަމުގެ ތުހުމަތު އޮތީ ވަރަށް ބޮޑަށް ސަރުކާރަށް އަމާޒުވެފައެވެ. ކަން އެހެން އޮއްވައި މިފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިޔަފާރިވެރިންނާއެކު ބޭއްވި ބައްދަލުވުމަށް ފަހު ވަނީ މިއަހަރާއި އަންނަ އަހަރު ވިޔަފާރިތައް ކުރިއެރުވުމުގެ ގޮތުން ބޮޑެތި ލުއިތަކެއް ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

ގިނަ ވިޔަފާރިވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ސަރުކާރަށް ކޮށްދީފައި ހުރި މަސައްކަތްތަކަށް ފައިސާ ނުލިބި ގިނަ ދުވަސްވުމެވެ. މިދިޔަ މަހުގެ 17ވަނަ ދުވަހު ވިޔަފާރިވެރިންނާއެކު ރައީސް ބޭއްވެވި ބައްދަލުވުމުގައި ވެސް އެތައް ވިޔަފާރިވެރިއަކު އެ ކަންބޮޑުވުން ހިއްސާކުރިއެވެ.

ސަރުކާރުން ނުދައްކައިހުރި ފައިސާގެ ތެރޭ އަހަރަކަށްވުރެ ގިނަ ދުވަސްވެފައި ހުރި އެތައް މިލިއަން ރުފިޔާއެއްގެ ބިލުތައް ވެސް ހިމެނެއެވެ. އެ ވިޔަފާރިވެރިން ވަނީ ލިބެންޖެހޭ ފައިސާއާއި އެ ވިޔަފާރިވެރިން ދައްކަންޖެހޭ ޓެކުހާ ލާޖައްސައިގެން ނަމަވެސް އެ މައްސަލަ ހައްލުކޮށްދޭން އެދިފައެވެ.

އެއާއެކު އެ ފައިސާ އަންނަ ރޯދަމަހުގެ ކުރިން ދައްކާ ނިންމާނެ ކަމަށް ރައީސް މުއިއްޒު ވިޔަފާރިވެރިންނާ ބައްދަލުކުރައްވާ ވިދާޅުވިއެވެ.

މިއީ މިފަދައިން މި ފައިސާ ދޭނެކަމަށް ބުނި ތިން ވަނަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved