
ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ސަރުކާރު ހިންގާ ޕީއެންސީއަށް ލިބިއްޖެ ނަމަ، ދިވެހި ރުފިޔާގެ އަގު ވަރުގަދަކޮށް، ޑޮލަރުގެ ރޭޓު 15.42 ރުފިޔާއަށް ވުރެ ވެސް ތިރިކުރާނެ ކަމަށް އިގްތިސާދީ ވަޒީރު މުހައްމަދު ސައީދު ވެވަޑައިގެންނެވި ވައުދަށް މިހާރު މިވަނީ ދެ އަހަރު ފުރެން ކައިރިވެފައެވެ. ނަމަވެސް، މިއަދުގެ ހަގީގަތަށް ބަލާއިރު ބާޒާރުގައި ޑޮލަރެއްގެ އަގު ހުރީ 20 ރުފިޔާއަށް ވުރެ މަތީގައެވެ. މިއީ ވައުދުވި އަމާޒަށް ވާސިލްވުމުގެ ބަދަލުގައި، އިގްތިސާދީ ގޮތުން ރައްޔިތުންނަށް އުފުލަންޖެހިފައިވާ ބުރަ ބޮޑުވަމުންދާ ކަމުގެ ނިޝާނެކެވެ.
ޑޮލަރުގެ އަގު ހިފެހެއްޓުމެއް ނެތް ގޮތެއްގައި މަތިވަމުން ދިއުމުގެ ސަބަބުން އާންމު ދިރިއުޅުމުގެ ޚަރަދުތަކާއި ކާބޯތަކެތީގެ އަގުތައް ވަނީ އިންތިހާއަށް އުފުލިފައެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ފާއިތުވި 13 އަހަރުގެ ތެރޭގައި ވެސް ރާއްޖޭގެ އިންފްލޭޝަން ނުވަތަ ތަކެތީގެ އަގު އުފުލޭ ރޭޓު އެންމެ މައްޗަށް ގޮސްފައިވަނީ މިދިޔަ އަހަރުއެވެ. މި ނާޒުކު ދަނޑިވަޅުގައި، ޑޮލަރުގެ ރޭޓު "ފްލޯޓު" ކުރުމަށް ސަރުކާރުން ގެންގުޅޭ ވިސްނުމަކީ ޑޮލަރުގެ އަސްލު އަގު ހާމަވާނެ ކަމެއް ކަމަށް ތަޖުރިބާކާރުން ބުނާއިރު، އޭގެ ނަތީޖާއަކަށް ވެގެންދާނީ ޑޮލަރުގެ އަގު މިހާރަށް ވުރެ ވެސް މައްޗަށް ދިއުން ކަމަށް ބެލެވެއެވެ.
މީގެ އިތުރުން، މި އަހަރަކީ ދިވެހިރާއްޖޭގެ ތާރީޚުގައި ވެސް އެންމެ ގިނަ ބޭރު ދަރަނި ދައްކަންޖެހޭ އަހަރެވެ. އެއް ބިލިއަން ޑޮލަރުގެ ބޮޑު ދަރަނި ދެއްކުމަށްޓަކައި ސަރުކާރުން އިތުރު ލޯނުތައް ހޯދުމަށް މަސައްކަތް ކުރަމުންދާއިރު، މިއީ އިގްތިސާދަށް އޮތް ބޮޑު ގޮންޖެހުމެކެވެ. ޚާއްސަކޮށް މީގެ ކުރިން ވިއްކާފައިވާ 500 މިލިއަން ޑޮލަރުގެ ސުކޫކު އަނބުރާ ދެއްކުމަކީ މިވަގުތު އޮތް އެންމެ ބޮޑު މަސްއޫލިއްޔަތެވެ. މި ހުރިހާ ސަބަބުތަކާ ހުރެ، ޑޮލަރުގެ އަގު ތިރިވާނެ ކަމުގެ އުންމީދު ކުޑަވެ، އިގްތިސާދީ މުސްތަގުބަލާ މެދު އުފެދިފައިވާ ކަންބޮޑުވުންތައް ދަނީ އިތުރުވަމުންނެވެ.










