March 14, 2026
Advertisement
-
- / moderndiplomacy

ރައީސްގެ ބަހާއި އަމަލު ދިމައެއް ނުވޭ: ތައުލީމީ ދުވަހުގެ ޝިއާރުތަކާއެކު ޒުވާނުންގެ ކަންބޮޑުވުން އިންތިހާއަށް

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Jan 25, 2026, 01:11 AM
މާލެ ސިޓީ

މިއަދަކީ ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ތައުލީމީ ދުވަހެވެ. މި ދުވަހުގެ މުނާސަބަތުގައި ރައީސް މުހައްމަދު މުއިއްޒު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދެމެހެއްޓެނެވި ތަރައްގީ އާއި ދުނިޔޭގެ ކުރިއެރުމުގެ ބިންގަލަކީ ތައުލީމު ކަމަށެވެ. އަދި މި ސަރުކާރުން ގައުމީ ތަރައްގީގެ "ހިތުގެ" ގޮތުގައި ތައުލީމު ކަނޑައަޅާފައިވާ ކަމަށާއި، ރާއްޖޭގެ ތަރައްގީގެ އެންމެ މުހިއްމު ކަމަކަށް ތައުލީމު އިސްކޮށްފައިވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

Advertisement

ރައީސް މުއިއްޒު މިފަދަ މޭރުމަކުން ވާހަކަފުޅު ދެއްކެވި ނަމަވެސް، ގައުމުގެ ހާލަތު މިއަދު އޮތީ މުޅިން ތަފާތު ގޮތަކަށެވެ. ކިޔަވައިގެން ތިބި ގާބިލު ޒުވާނުންނަށް ފުރުސަތު ދިނުމުގެ ބަދަލަށް، ވަޒީފާގެ ބާޒާރުން ފެންނަނީ މުޅިން އެހެން މަންޒަރެކެވެ. ސަރުކާރުގެ މަތީ މަގާމުތަކާއި މުހިއްމު ދާއިރާތަކަށް ކިޔަވައިގެން ތިބި ޒުވާނުން އައްޔަނު ކުރުމުގެ ބަދަލުގައި، ފެންނަނީ ރިޓަޔާކޮށްފައި ތިބި މީހުން އަލުން ނެރެގެން ގައުމު ހިންގަން އުޅޭ މަންޒަރެވެ. މިއީ ބުރަ މަސައްކަތުން ކިޔަވައިގެން މުޖުތަމައަށް ނުކުންނަ ޒުވާނުންގެ އުއްމީދުތައް ފުނޑުފުނޑުވެގެންދާ ކަމެކެވެ.

ޒުވާނުންގެ ބޮޑު ކަންބޮޑުވުމަކީ، އަމިއްލަ ޖީބުންނާއި ދަރަނި ނަގައިގެން ބޮޑެތި ޚަރަދުކޮށްގެން ހޯދާ މަތީ ތައުލީމާއި ސެޓްފިކެޓްތަކުގެ އެއްވެސް އަގަކާއި ބޭނުމެއް މި ސަރުކާރުގައި ނެތް ކަމުގެ އިހުސާސް ކުރެވެން ފެށުމެވެ. ކިތަންމެ މަތީ ފާހެއް އޮތް ނަމަވެސް، ވަޒީފާ ދިނުމުގައި ތައުލީމީ ފެންވަރަށްވުރެ ސިޔާސީ ފިކުރަށް އިސްކަންދޭ ކަމުގެ ޝަކުވާ ވަނީ އިންތިހާއަށް ބޮޑުވެފައެވެ.

މީގެ އިތުރުން، ވަރަށް ހާލުން ވަޒީފާއެއް ލިބުނު ކަމުގައި ވިޔަސް، ވަޒީފާގެ ޔަގީންކަމެއް ނެތެވެ. އިގްތިސާދީ އިސްލާހީ ފިޔަވަޅުތަކުގެ ނަމުގައި، "ހާމަނައިޒް" ކޮށްގެން ކަމަށް ބުނެ ކޮންމެ ވަގުތަކުވެސް މުސާރަ ކުޑަކޮށްފާނެ ކަމުގެ ބިރުވެރިކަން ވަނީ އުފެދިފައެވެ. ތައުލީމީ ދުވަހު ރައީސް މުއިއްޒު ދެއްކެވި ތައުލީމީ ރީތި ވާހަކަފުޅުތަކާއި، ސަރުކާރުގެ އަމަލީ ސިޔާސަތުތަކާ ދިމާނުވާކަން ފާހަގަކުރަމުން، ގިނަ ބަޔަކު ބުނަނީ މިއީ ހަމައެކަނި ދެއްކުންތެރި ޝިއާރުތަކެއް ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved