March 16, 2026
Advertisement
-
- / ސޯޝަލް މީޑިއާ

އިޒުރޭލުގެ ރަހުމުކުޑަ ހަމަލާތަކުން ފަރަހުގެ ދިރިއުޅުން އަނދިރިކޮށްލައިފި: އުއްމީދަކީ ރަފާ ބޯޑަރު ހުޅުވުން

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Jan 26, 2026, 04:11 AM
މާލެ ސިޓީ

ފަލަސްތީނުގެ ޖަބަލިޔާގައި އުފާވެރި އާއިލީ ދިރިއުޅުމެއް އުޅެމުންދިޔަ އުމުރުން އެންމެ 17 އަހަރުގެ ފަރަހު މުޙައްމަދު އަލް ޚާލިދުގެ މުޅި ދިރިއުޅުން މިއަދު ވަނީ ބިރުވެރި ކަނޑަކަށް ގެނބިފައެވެ. މި ހިނގާ 2026 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 16 ވީ ބުރާސްފަތި ދުވަހަކީ ފަރަހުގެ ހަޔާތުން ދުވަހަކުވެސް ފޮހެވިގެން ނުދާނެ ކަޅު ދުވަހެކެވެ. އިޒުރޭލުގެ ހައްދުފަހަނަޅާފައިވާ ޔަހޫދީ ސިފައިން ދިން ރަހުމުކުޑަ ވައިގެ ހަމަލާއެއްގައި ފަރަހުގެ ލޯބިވާ ދެ ބެލެނިވެރިން މިދުނިޔެއާ ވަކިވެ، އޭނާގެ މުޅި އާއިލާ ވަނީ ވިއްސިވިހާލިވެފައެވެ.

Advertisement

މި ނުރައްކާތެރި ހަމަލާގައި ފަރަހަށް ލިބުނު އަނިޔާތަކުގެ ސަބަބުން އޭނާގެ އެއްލޯ ވަނީ މުޅިން ގެއްލިފައެވެ. ލިބުނު ފުން އަނިޔާތަކާއި، ލޮލަށް އެޅިފައިވާ ވޭނާއެކުވެސް ފަރަހު މިއަދު އިންތިޒާރު ކުރަމުންދަނީ އޭނާގެ ސަލާމަތުން ހުރި އަނެއް ލޮލަށް ފަރުވާ ހޯދުމަށް މިސްރަށް ދެވޭނެ މަގެއް ފެންނާނެ ދުވަހަކަށެވެ. ފަރަހުގެ ހުރިހާ އުއްމީދެއް ގުޅިފައިވަނީ ރަފާހް ބޯޑަރު ހުޅުވި، ބޭސްފަރުވާއަށް އަވަށްޓެރި މިސްރަށް ދަތުރުކުރެވޭނެ ފުރުސަތަކަށެވެ.

ފަރަހަކީ އެކަނި މިފަދަ ހާލަތެއްގައި ހުރި ކުއްޖެއް ނޫނެވެ. ޣައްޒާގެ އެތައް ހާސް ތުއްތު ކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި، ބަލިމީހުން މިއަދު ތިބީ ހިތާއި ރޫހުން އެދިގެން ރަފާ ބޯޑަރު ހުޅުވާނެ ވަގުތެއްގެ އިންތިޒާރުގައެވެ. އިޒުރޭލުގެ އަނިޔާވެރިކަމުގެ ސަބަބުން ޣައްޒާގެ ސިއްހީ ނިޒާމު ފުނޑުފުނޑުވެފައިވާއިރު، އެތައް ބަޔަކު ދަނީ އެކަށީގެންވާ ފަރުވާ ނުލިބި މަރުގެ ތުންފަތްމަތީގައި ދުވަސްތައް ގުނަމުންނެވެ.

އިޒުރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ މި ގަތުލުއާންމުގެ ސަބަބުން އިންސާނީ ބޮޑު ކާރިސާއެއް ކުރިމަތިވެފައިވާއިރު، ބައިނަލްއަގުވާމީ މުޖުތަމައުގެ އެހީތެރިކަމަށް ޣައްޒާގެ ރައްޔިތުން ދަނީ އާދޭސްކުރަމުންނެވެ.

އަޅުގަނޑުމެންގެ ދުޢާއަކީ މާތް ﷲ ފަލަސްތީނުގެ ލޯބިވެތި ރައްޔިތުންނަށް ދިމާވެފައިވާ މި ދަތި އުނދަގޫ ހާލަތުން ސަލާމަތްކުރައްވައި، ބޭސްފަރުވާގެ އަލިމަގެއް ހުޅުވައިދެއްވުމެވެ. އަދި ފަރަހު ފަދަ ވޭނުގައި އުޅެމުންދާ އެންމެހާ އަނިޔާލިބިފައިވާ ފަރާތްތަކަށް އަވަސް ޝިފާއެއް މިންވަރު ކުރައްވާށިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved