
ދިވެހިރާއްޖޭގެ ޝަރުއީ ދާއިރާއަށް ބޭނުންވަނީ މޫނުމަތި ރީތިކުރާނެ ނުވަތަ ކޮސްމެޓިކް ބަދަލުތައް ނޫން ކަމަށާ އެ ދާއިރާއަށް ބޭނުންވަނީ އަސާސީ ކަންކަން ރަނގަޅަށް ހޯދުން ކަމަށް ރާއްޖޭގެ ކުރީގެ ނައިބު ރައީސް އަދި ޕީއެންއެފްގެ ވެސް ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
ޑރ ޖަމީލު މިފަދައިން ވިދާޅުވީ، ޓެކްނޮލޮޖީއާ އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ރާއްޖޭގެ ޝަރުއީ ނިޒާމު ހަރުދަނާކޮށް ޒިންމާދާރު ކުރެވިދާނެ ގޮތްތަކާ ގުޅޭ ގޮތުން ޕްރޮފެސަރ ހަސަން އުގެއިލް ދެއްވި ތަގުރީރުގެ ހުލާސާއެއް ޑިޕާޓުމަންތު އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންއިން އެކްސްގައި ހިއްސާކުރުމުންނެވެ.
ކުރީގެ އިސް ގާޒީ އަދި ޖަސްޓިސް މިނިސްޓަރުކަން ވެސް ކުރެއްވި ޑރ. ޖަމީލް އެކްސްގައި ކުރެއްވި ޕޯސްޓުގައިވަނީ ޝަރުއީ ނިޒާމުގައި ބޮޑެތި އުނިކަންތައްތަކެއް ހުރި، ޝަރުއީ މިނިވަންކަން ގާތްގަނޑަކަށް ނެތް، އަދި ފަނޑިޔާރުން ސިޔާސީ ބޭފުޅުންގެ ލޯބި ހޯދާ ގައުމެއްގައި ޝަރުއީ ދާއިރާގެ ގާބިލްކަން ކިހާވަރަކަށް ކުރެވޭނެތޯ ސުވާލު އުފައްދަވާފައެވެ.
ސަރުކާރާ ނުވަތަ ބާރުގަދަ ފަރާތްތަކާ ދެކޮޅަށް މައްސަލަ ހުށަހެޅުމުގެ މަރުހަލާގައި ވެސް އިންސާފުގެ އަސާސީ އުސޫލުތައް، މިނިވަން، އިންސާފުވެރި، އަދި ހަމަހަމަ ގޮތެއްގައި އަމަލުކުރުން ފަދަ ކަންކަން ރާއްޖޭގައި ކަށަވަރު ނުވާކަން ފާހަގަކުރައްވާ އެމަނިކުފާނު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
އެގޮތުން އެފަދަ ހާލަތްތަކުގައި ޝަރުއީ ގޮތުން މުރާޖައާ ކުރުމަށް މާނަހުރި އެއްވެސް އަސާސެއް ނެތި، ސުޕްރީމް ކޯޓަށް، އިހުތިޔާރުގައި، މައްސަލައެއް ޕާކުކޮށް، ބާތިލްކޮށް، ނުވަތަ ސެޓްލް ކުރެވިފައިވާ ގާނޫނު އަލުން މާނަކުރެވޭ ހާލަތްތަކުގައި ރާއްޖޭގެ ޝަރުއީ ނިޒާމު އޮތްކަން ވެސް ފާހަގަކުރައްވާފައެވެ.
އެހެންކަމުން މިއަދު ރާއްޖެއަށް ބެނުންވަނީ ޝަރުއީދާއިރާގެ ކަންކަން ރަގަޅުކޮށް އިސްލާހުކުރަން ކޮސްމެޓިކް ބަދަލުތައް ނޫން ކަމަށާ، ޝަރުއީ ދާއިރާއަށް ބޭނުންވަނީ އަސާސީ ކަންކަން ރަނގަޅަށް ހޯދުން ކަން ޑރ ޖަމީލުގެ ޕޯސްތު ނިންމަވާލައްވަމުން ފާހަގަކުރައްވާފައިވެއެވެ.
ޑރ ޖަމީލު މިފަދައިން ވިދާޅުވެފައިވާއިރު، ރާއްޖޭގެ ފަނޑިޔާރު ގެތަކާ މެދު ދިވެހި ރައްޔިތުންގެ އުއްމީދު މިހާރު ނެތިގޮސްފައިވާކަން ފާހަގަަކޮށްލެވެއެވެ.










