March 23, 2026
Advertisement
ޒަރިޔަންދު
ޒަރިޔަންދު / ތޭރަ އޮންލައިން

ސުޖާގެ އިސްތިއުފާއަކީ ގާނޫނީ ސިޔާދަތު ނެގެހެއްޓުމަށް އެޅުއްވި ހިތްވަރުގަދަ ފިޔަވަޅެއް: ގައުމީ ކެންޑިޑޭޓް

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Feb 5, 2026, 12:17 AM
މާލެ ސިޓީ

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ސީއީއޯގެ މަގާމުން ސުޖާތާ ހަލީމް އިސްތިއުފާ ދެއްވުމާ ގުޅިގެން، ގައުމީ މޭޔަރަލް ކެންޑިޑޭޓް އިސްމާއީލް ޒަރިޔަންދު އޭނާއަށް ތައުރީފު ކުރައްވައިފިއެވެ. ޒަރިޔަންދު ވިދާޅުވީ ސުޖާއަކީ އަބަދުވެސް ގާނޫނާއި ގަވާއިދުގެ ހަމަތަކަށް އިސްކަންދެއްވާ ފަރާތެއްކަން ވަރަށް ގާތުން ތަޖުރިބާކުރެވިފައިވާ ކަމަށެވެ.

Advertisement

ޒަރިޔަންދު ފާހަގަކުރެއްވި ގޮތުގައި، އެމް.އެމް.އޭ މެދުވެރިކޮށް ފައިސާ ޗާޕުކޮށްގެން ޕެންޝަން ފަންޑަށް ދީ، އެ ފައިސާ ދައުލަތުގެ ޚަރަދުތަކަށް ބޭނުންކުރުމަށް ބޯޑުން ނިންމި ނަމަވެސް، ސީއީއޯގެ ހައިސިއްޔަތުން އެ ފައިސާ ދޫކުރެވެން އޮތީ "ސްޓޭޓްމަންޓް އޮފް އިންވެސްޓްމަންޓް ޕްރިންސިޕަލްސް 2023" ގެ 19 އާއި 21 ވަނަ މާއްދާގެ ޝަރުތުތަކާ އެއްގޮތަށެވެ. އެހެންކަމުން، ގާނޫނީ ހަމަތަކުން ބޭރުން ކަންކަން ކުރަން ޖެހިވަޑައިގަތުމުން ސުޖާ އިސްތިއުފާ ދެއްވާނެ ކަމަށް ކުރިންވެސް ބެލެވުނު ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ޒަރިޔަންދު ވިދާޅުވީ، ސަރުކާރުގެ 2.5 ބިލިއަން ރުފިޔާގެ ބޮންޑު އިންވެސްޓްމަންޓަށް ފައިސާ ނުދައްކާ އޮތްއިރު، އެކްޓިވް ބޯޑަކާއި ސީއީއޯއެއް ނެތި މިފަދަ ފައިސާއެއް ދޫކުރުމަކީ އިޖުރާއީ ގޮތުން ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެއީ ޕެންޝަން އޮފީހުގެ އިންވެސްޓްމަންޓް އުސޫލުތަކާ ޚިލާފު ކަމެއްކަންވެސް ފާހަގަކުރެއްވިއެވެ.

ޒަރިޔަންދު ވަނީ ރާއްޖޭގެ އިގްތިސާދަށް ގެއްލުންވާނެ ކަންކަމަށް ފުރުސަތު ނުދެއްވައި، ގާނޫނު ނެގެހެއްޓުމަށް ސުޖާ ދެއްކެވި ހިތްވަރަށް ޝުކުރު އަދާކުރައްވާފައެވެ. ސުޖާގެ މި ނިންމުމަކީ ގައުމުގެ މާލީ ރައްކާތެރިކަމަށްޓަކައި އެޅުއްވި މުހިންމު ފިޔަވަޅެއްގެ ގޮތުގައި ޒަރިޔަންދު ސިފަކުރެއްވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved