
ރައީސް ޑރ މުހައްމަދު މުއިއްޒު ބުރާސްފަތި ދުވަހު އިއްވި އެމަނިކުފާނު 3 ވަނަ ރިޔާސީ ބަޔާނުގައި ދެއްކެވި ހަގީގަތާ ޚިލާފު ގިނަ ވާހަކަތަކެއް ކަމަށް ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.
މަލީހު މިފަދައިން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ޑރ މުއިއްޒު ބުރާސްފަތި ދުވަހު އިއްވި ރިޔާސީ ބަޔާނަކީ ދޮގުން ފުރިފައިވާ ބަޔާނެއްގެ ގޮތުގައި ސިފަކުރައްވާ މަލީހު ވަނީ އެއީ ހަޤީގަތާއި ދެއްކި ވާހަކައާއި 1 މޭލުގެ ފަރަގު ހުރި، ބޮޑެތި ދޮގާއި އޮޅުވާލުން ހުރި ބަޔާނެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.
އެމަނިކުފާނު ރިޔާސީ ބަޔާނުގައި ހެއްދެވި އެންމެ ބޮޑު ދޮގަކީ އައްޑޫ ޝަންގްރީލާ ރިސޯޓު ހުޅުވި ވާހަކަކަމަށް ވިދާޅުވެ މަލީހު ވިދާޅުވެފައިވަނީ އެ ރިސޯޓުގައި އަދި އެއްވެސް ގެސްޓެއް ނެތް ކަމަށާ ޓޫރިޒަމް ހުއްދަ ދިނީ އުސޫލާއި ޚިލާފަށް ކަމަށެވެ.
މަލީހު މިފަދައިން ވިދާޅުވެފައިވާއިރު، އައްޑޫ އަތޮޅުގައި ފަތުރުވެރިކަން ކުރިއެރުވުމަށް މިދިޔަ އަހަރު ހާއްސަ މަސައްކަތްތަކެއް ކުރެއްވިކަމަށް ވިދާޅުވެ، ރައީސް ޑރ. މުއިއްޒު ވިދާޅުވީ ބަންދުކޮށްފައިވާ ޝަންގްރިއްލާ ރިސޯޓު ހުޅުވާފައިވާ ކަމަށެވެ.
އެއީ ރިސޯޓުގެ މެނޭޖްމަންޓާ ގުޅިގެން ސަރުކާރުން ކުރި މަސައްކަތުގެ ނަތީޖާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ހުއްޓިފައި އޮތް ހަންކެޑެ މަޝްރޫއު ފެށުމަށް އެވޯޑްކޮށްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.










