April 30, 2026
Advertisement
-
- / ރޮއިޓަރސް

ދެކުނު ލުބުނާނުގެ ދަނޑުވެރި ބިންތަކަށް ސަހްޔޫނީން ކެންސަރު ޖައްސާ ކެމިކަލް ޖަހައިފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Feb 9, 2026, 12:51 AM
މާލެ ސިޓީ

އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުން ދެކުނު ލުބުނާނުގެ ދަނޑުވެރިކަން ކުރާ ސަރަހައްދުތަކަށް ކެންސަރު ބައްޔާ ގުޅުންހުރި ނުރައްކާތެރި ކެމިކަލްތަކެއް އަނެއްކާވެސް ސްޕްރޭކޮށްފިއެވެ. މިދިޔަ ހުކުރު ދުވަހު ހިންގި މި އަމަލަކީ ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ހަނގުރާމައިގެ ޖަރީމާއެއްގެ ގޮތުގައި ސިފަކޮށް، ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައިވާ އަމަލެކެވެ.

Advertisement

މި ހާދިސާ ހިނގާފައިވަނީ ދެކުނު ލުބުނާނުގެ އިސްރާއީލާ ބޯޑަރު ހިއްސާކުރާ ދަނޑުވެރި ރަށްތަކުގައެވެ. އިސްރާއީލުގެ އަސްކަރިއްޔާއިން މި ސަރަހައްދުތަކަށް ވިހަ ކެމިކަލް ޖަހާފައިވަނީ އެ ސަރަހައްދުގެ ގުދުރަތީ ދިރުންތަކާއި ދަނޑުވެރިކަން ހަލާކުކޮށްލުމުގެ މަގްސަދުގައި ކަމަށް ރިޕޯޓުތައް ބުނެއެވެ. މި ކެމިކަލްތަކަކީ އިންސާނުންގެ ހަށިގަނޑަށް ވަނުމުން ކެންސަރު ފަދަ ނުރައްކާތެރި ބަލިތަކަށް މަގުފަހިވާ މާއްދާތަކެއް އެކުލެވިގެންވާ އެއްޗެހިކަން ވަނީ ފާހަގަކުރެވިފައެވެ.

ލުބުނާނުގެ ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން މައުލޫމާތު ދޭގޮތުގައި، އިސްރާއީލުން މިފަދަ ކެމިކަލްތައް ބޭނުންކުރުމުގެ ސަބަބުން އެތައް ސަތޭކަ އޭކަރެއްގެ ދަނޑުބިން ވަނީ ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައެވެ. މީގެ އިތުރުން، މި އަމަލުގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅޭ އާންމު ރައްޔިތުންގެ ސިއްހަތަށް ދިގު މުއްދަތުގެ ނުރައްކާތަކެއް ކުރިމަތިވާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ.

ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފަށް އިސްރާއީލުން ހިންގަމުންދާ މިފަދަ ލާއިންސާނީ އަމަލުތަކުގެ ސަބަބުން، ލުބުނާނުގެ އިގްތިސާދުގެ މައިނާރު ކަމުގައިވާ ދަނޑުވެރިކަމަށް ވަނީ ބޮޑެތި ލޮޅުންތަކެއް އަރާފައެވެ. އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ފަރާތްތަކުން ގޮވާލަމުންދަނީ، އާންމުންގެ ދިރިއުޅުމަށާއި ތިމާވެއްޓަށް އަމާޒުކޮށް އިސްރާއީލުން ހިންގާ މި ހަނގުރާމައިގެ ޖަރީމާތައް ވަގުތުން ހުއްޓާލުމަށެވެ.

މި ހަމަލާތަކާ ގުޅިގެން ލުބުނާނު ސަރުކާރުން ވަނީ ބައިނަލްއަގުވާމީ މުޖުތަމައުގެ ސަމާލުކަމަށް މިކަން ގެނެސް، އިސްރާއީލު ޖަވާބުދާރީ ކުރުވުމަށް ގޮވާލާފައެވެ. އެހެންނަމަވެސް، އިސްރާއީލުން ދަނީ އެއްވެސް ޖެހިލުމެއް ނެތި މިފަދަ މަނާ ހަތިޔާރާއި ކެމިކަލްތައް ބޭނުންކޮށް، ލުބުނާނުގެ އާންމު ރައްޔިތުންނަށް ދުއްތުރާ ކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved