theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved
- / ތޭރަ އޮންލައިން
ހަބަރު
ދެ އިންތިހާބު އެއްކުރަން އުޅެނީ ރިޔާސީ ދައުރު ދަންމަން، ނޫނެކޭ ބުނަން ޖެހޭ: ގައުމީ ކެންޑިޑޭޓު ޒަރިޔަންދު
Mariyam Isaadha
މަރިޔަމް އިސާދާ
10 ފެބްރުއަރީ 2026
މާލެ ސިޓީ

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލަން ފެނޭތޯ ބެލުމަށް ނަގާ ފެންނަ ނުފެންނަ ވޯޓު ނަގަނީ ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި އިތުރު ދައުރުތަކަކަށް ހުރުމަށް ރާވާފައިވާ މަކަރުވެރި ރޭވުންތަކުގެ ތެރެއިން ކަމަށް މާލެ ސިޓީގެ މޭޔަރު ކަމަށް ނުކުންނަވާ ގައުމީ މިނިވަން ކެންޑިޑޭޓު އިސްމާއިލް ޒަރިޔަންދު ވިދާޅުވެއްޖެއެވެ.

ޒަރިޔަންދު މިފަދައިން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ޒަރިޔަންދު ވިދާޅުވީ ދެ އިންތިހާބު އެއްކޮށްލަން ފެނޭތޯ ބެލުމަށް ނަގާ ފެންނަ ނުފެންނަ ވޯޓު ނަގަނީ ރާއްޖޭގައި އެންމެ މަދުން މީހުން ވޯޓުލާ ކައުންސިލް އިންތިހާބާ އެކު ކަމަށާއި، އެހެންކަމުން ދެ އިންތިހާބު އެއްކޮށްލުމަށް ނޫނެކޭ ބުނަން ޖެހޭ ކަމަށެވެ.

ޒަރިޔަންދު ވިދާޅުވީ ކައުންސިލް އިންތިހާބަކީ މިހާތަނަށް ރާއްޖޭގައި އެންމެ މަދު ބަޔަކު ވޯޓުލާ އިންތިހާބު ކަމަށާއި ސަރުކާރަށް ވެސް އެކަން އެނގޭނެ ކަމަށެވެ. ކައުންސިލް އިންތިހާބުގެ ވޯޓާ ދިމާކޮށް، ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަަކަށް ދާ ގޮތަށް ރޭވުމަކީ، ޒަރިޔަންދު ތުހުމަތު ކުރައްވާ ގޮތުގައި، ރައީސްގެ މަގާމުގައި އިތުރު ދައުރުތަކަކަށް ރައީސް މުއިއްޒު ދެމިހުންނެވުމަށް ރާވާފައިވާ ރޭވުންތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

އޭނާ ވިދާޅުވީ މަޖިލީހުން ފާސްކުރި އިސްލާހު ފާސްކޮށްފައިވަނީ ރައްޔިތުންގެ ހައްގުގައި ބަސްބުނުމުގެ ފުރުސަތު މަޖިލީހުގެ މެންބަރުންނަށް ބަންދުވެފައިވާ ހާލުގައި ކަމަށެވެ.

ޒަރިޔަންދު ވިދާޅުވީ ރާއްޖޭގެ މާލީ ހާލަތާއި މިސްރާބު އަދި ސަރުކާރުން ދައުލަތުގެ ފައިސާ އާއި ވަސީލަތް ބޭނުންކޮށްގެން ރާއްޖޭގެ ޑިމޮކްރެޓިކް އަދި އިދާރީ އިންތިޒާމު ގަޑުބަޑުކޮށް، ރައްޔިތުން އަޅުވެތިކުރުމުގެ ރޭވުންތެރި ނިޔަތެއް އެބަތޮތް ކަމަށެވެ. އެހެންކަމުން މި އިސްލާހަށް ނޫނެކޭ ބުނުމަކީ މި ރާއްޖެ ހުދުމުހުތާރު ވެރިކަމަކުން ސަލާމަތްކުރުމަށް ރައްޔިތުންނަށް ލިބޭ އެންމެ ފަހުގެ ފުރުސަތުގެ ގޮތުގައިވެސް ޒަރިޔަންދު ސިފަކުރައްވާފައިވެއެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާ އެކު އޮންނަ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓުގައި ރާއްޖޭގެ ރައްޔިތުން އަދި ހާއްސަކޮށް މާލޭގެ ރައްޔިތުންގެ ތެރެއިން ވީހާ ވެސް ގިނަ ބޭފުޅުން ވޯޓުގައި ބައިވެރިވެ ނޫނެކޭ ބުނުން މުހިއްމުކަމެއްގެ ގޮތުގައި ޒަރިޔަންދު ފާހަގަކުރައްވާފައިވެއެވެ.

ޒަރިޔަންދު މިފަދައިން ވިދާޅުވެފައިވާއިރު، ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ތާރީހެއްގައި ބޭއްވުމަށް ގާނޫނުއަސާސީއަށް ސަރުކާރުން ހުށަހެޅި އިސްލާހު މިއަދު އޮތް މަޖިލީހުގެ ޖަލްސާގައި ވަނީ ފާސްކޮށްފައެވެ.

އެ އިސްލާހު ރައީސް މުހައްމަދު މުއިއްޒު ތަސްދީގު ކުރެއްވިޔަސް، މިކަމާ ގުޅޭ ގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަންޖެހެ އެވެ. އެ ވޯޓު ކުރިއަށް އޮތް ކައުންސިލް އިންތިހާބުގެ ވޯޓާ އެކު ކުރިއަށް ގެންދާނެއެވެ.

ކޮމެންޓު
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved