theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved
. / ރައީސް އޮފިސް
ސިޔާސީ
ސިޔާސީ މަގާމުތަކަށް ކުރާ ހޭދައިން ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކުރެވޭނެ: މޭޔަރު އާތިފް
Yana Shareef
ޔާނާ ޝަރީފް
15 ފެބްރުއަރީ 2026

ސަރުކާރުގެ އެކި ވުޒާރާތަކަށް އައްޔަންކުރާ ސީނިއާ ޕޮލިޓިކަލް ޑައިރެކްޓަރުންގެ މުސާރައަށް ފަސް އަހަރު ދުވަހުގެ ތެރޭގައި ކުރާ ބޮޑު ހޭދައަކީ، އޭގެ ބަދަލުގައި ރަށްރަށުގެ އިގުތިޞާދު ކުރިއަރުވަން ބޭނުންކުރެވިދާނެ ފައިސާއެއް ކަމަށް ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުޙައްމަދު ޢާޠިފް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ "ހޭވައްލާ ތައްޔާރު" ކެމްޕެއިން އިފްތިތާހުކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އާތިފް ފާހަގަކުރެއްވީ، ކޮންމެ އެސްޕީޑީއަކަށް މަހަކު 25,000 ރުފިޔާ ދޭއިރު، ފަސް އަހަރުގެ ތެރޭގައި އެއީ ގާތްގަނޑަކަށް 1.5 މިލިއަން ރުފިޔާ ކަމަށެވެ. އެ ފައިސާ އެއްފަހަރާ ދީފައި ގެސްޓްހައުސް އެޅުމަށް ހަވާލުކުރި ނަމަވެސް، ގައުމުގެ އުފެއްދުންތެރިކަން މިއަށްވުރެ ބޮޑަށް އިތުރުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އާތިފްގެ ވާހަކަފުޅުގައި މި ސަރުކާރުން ސިޔާސީ މަގާމުތައް އިތުރުކުރަނީ ރައްޔިތުން ސަރުކާރަށް ސަލާންޖަހަން މަޖުބޫރުކުރުވައި، ރަށްތަކުގެ މައްޗަށް ބާރު ފޯރުވުމުގެ ބޭނުމުގައި ކަމަށް ތުހުމަތުކުރެއްވިއެވެ.

ހދ. ހަނިމާދޫ އެއާޕޯޓަކީ އުތުރުގެ އިގުތިޞާދީ ދޮރާށި ކަމަށް ސިފަކުރައްވަމުން އޭނާ ވިދާޅުވީ، އެމްޑީޕީގެ ސަރުކާރުން އެ ތަން ތަރައްގީކޮށް ނިންމާފައި އޮތް ނަމަވެސް، މި ސަރުކާރަށް އެތަނުގެ ބޭނުން ހިފަން ނޭނގުނު ކަމަށެވެ. އަދި އެމްޑީޕީއަށް ދެވަނަ ދައުރެއް ލިބުނު ނަމަ، ޒުވާނުންނަށް އެސްއެމްއީގެ ފުރުސަތުތައް ފަހިކޮށްދީ، އެ ސަރަހައްދުގައި ފަތުރުވެރިކަމުގެ އެނދުތައް އިތުރުކުރެވޭނެ މަގު އޮތީ ތަނަވަސްވެފައި ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ރާއްޖޭގެ އިޖުތިމާއީ އަދި އިގުތިޞާދީ މައްސަލަތައް އެންމެ ގާތުން ދެނެގަނެ، އެކަންކަމަށް ސިޔާސަތުތަކެއް ހުށަހަޅާ ހަމައެކަނި ޕާޓީއަކީ އެމްޑީޕީ ކަމަށް އާތިފް ވިދާޅުވިއެވެ. ބޭސްފަރުވާއާއި، ތައުލީމާއި، އިޖުތިމާއީ ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގައި އެމްޑީޕީން ކޮށްފައިވާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން އޭނާ ވިދާޅުވީ، ރައްޔިތުންގެ ހަގީގީ ބޭނުންތައް ދަންނަނީ އެ ޕާޓީން ކަމަށެވެ.

މިހާރުގެ ސަރުކާރުން ސިޔާސީ މަގާމުތަކުގެ އަދަދު ހާމަކުރަން ދެކޮޅު ހަދަމުންދާއިރު، ދައުލަތުގެ ބަޖެޓުން އެންމެ ބޮޑު ހޭދައެއް ކުރަނީ މިފަދަ މަގާމުތަކުގެ މުސާރައަށް ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން އަންނަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

ކޮމެންޓު
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved