

ރަށްތަކުގެ މެދުގައި ހުރި ތަފާތުތައް ނައްތާލެވޭނީ ބަޖެޓު ލާމަރުކަޒީ ކުރެވިގެން ކަމަށް ކުޅުދުއްފުށީ ސިޓީގެ މޭޔަރ މުހައްމަދު އާތިފު ވިދާޅުވެއްޖެއެވެ.
ޗެނަލް13އަށް ދެއްވި ޚާއްސަ ބަސްދީގަތުމެއް ވާހަކަ ދައްކަވަމުން އާތިފު ވިދާޅުވީ، ރައްޔިތުންނަށް ޚިދުމަތްކޮށްދިނުމުގައި ހުރި އެންމެ ބޮޑު ދަތިކަމަކީ ދީފައި އޮންނަ ބަޖެޓު ކުޑަކަމެވެ. އާތިފު ވިދާޅުވީ އޭގެ ސަބަބުން ރަށުގައި ނުވަތަ ސިޓީގައި ކުރަން ހުންނަ މުހިއްމު އެތައް ކަމެއް މަޑުޖައްސާލަން ކައުންސިލްތަކަށް މަޖްބޫރުވާ ކަމަށެވެ.
މީގެ އިތުރުން އާތިފު ވިދާޅުވީ ކައުންސިލްތަކަށް އާމްދަނީ ހޯދޭނެ މަގު ފަހިކޮށްދޭން ސަރުކާރުން ޖެހޭ ކަމަށާ ކައުންސިލްތަކުން ވެސް ކުރަނީ ސަރުކާރުގެ މަސައްކަތް ކަމަށެވެ. އެގޮތުން ކައުންސިލްތައް ސަރުކާރުގެ ފަށަލައެއްގެ ގޮތުގައި ސިފަކުރައްވާ އާތިފު ވިދާޅުވީ، ރައްޔިތުންނާ އެންމެ ގާތުން މަސައްކަތްކުރަން ތިބޭ ބަޔަކީ ކައުންސިލަރުން ކަމަށްވާއިރު، ޕީއެސްއައިޕީ ބަޖެޓު ކައުންސިލުތަކާ ހަވާލުކުރުމުން ރައްޔިތުންގެ ހުރި އެންމެ ނާޒުކު އެދުންތަކަށްވެސް ހައްލު ހޯދައިދޭން ފަސޭހަވެ އަވަސް ވާނެ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާވެސް އެބަ ހުރި ބައެއް ފޯރަމްތަކުގައި ވިދާޅުވެފައި، ކައުންސިލްތަކުގައި ވަރަށް ބައިވަރު މައްސަލަތައް އެބަ ހުއްޓޭ. އެހެން ނަމަވެސް އަޅުގަޑު ދަންނަވާނީ ރަގަޅަށް ބައްލަވައިފިއްޔާ އަދި ސަރުކާރުން އެމްއެންޔޫ މެދުވެރިކޮށް ނިމިދިޔަ އަހަރު ލާމަރުކަޒީ ގަވާއިދާ ބެހޭ ގޮތުން ހަދާފައި އޮތް ދިރާސާއިން ދައްކާ ގޮތުގައި މައި ސަރުކާރުން ދޭ ޚިދުމަތްތަކާ ދޭތެރޭގައި ރައްޔިތުން އެންމެ ބޮޑަށް ހިތްހަމަ ނުޖެހެނީ. އެއީ ތައުލީމީ ދާއިރާއާ އަދި ސިއްހީ ދާއިރާ. ކައުންސިލްތަކުން ދޭ ޚިދުމަތްތަކާ ދޭތެރޭގައި އޭގެ 60 ޕަސެންޓު ރައްޔިތުން ހިތްހަމަ ޖެހޭ. އޭގެ މާނައަކީ ދިވެހިރާއްޖޭގެ ހުރި ގިނަ ޚިދުމަތްތަކެއް އިތުރަށް ލާމަރުކަޒު ކުރަން އެބަ ޖެހެޔޭ. އަދި މުޅި ދިވެހިރާއްޖޭގެ ބަޖެޓުވެސް ލާމަރުކަޒީ ކުރަން އެބަ ޖެހެޔޭ. އަޅުގަޑު ބަޖެޓުގެ ވާހަކަ މި ދެންނެވީ، ޕީއެސްއައިޕީ ބަޖެޓު. މިހާރު މިވާ ގޮތަކީ ނުފޫޒުގަދަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއް ނުވަތަ ސަރުކާރުގެ ނުފޫޒުގަދަ އިސް ފަރާތެއް ނިސްބަތްވާ ރަށަކަށް ހަމަ ވަރަށް ބައިވަރު ކަންތައްތައް ވެދާނެ. އެހެންނަމަވެސް އެއަށްވުރެ މާ އާބާދީ ބޮޑެތި ރަށްރަށް ނުވަތަ މާ މުހިއްމު އަސާސީ ކަންތައްތަކަށް ބޭނުން ޖެހިފައި ހުރި ރަށްރަށް އެބަ ހުރޭ ވަރަށް ބޮޑަށް އިހުމާލުވެވި ބާކީ ކުރެވިފައި. އެއޮންނަ އޮތުން ނިމުމަކަށް ގެނެވޭނީ އަޅުގަޑު ދަންނަވާނީ ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓު ލާމަރުކަޒު ކޮށްގެންނޭ. އޭގެ މާނައަކީ އެރަށެއްގެ ބިމާ އާބާދީއާ އެތަންތަނުން ލިބެން ހުންނަ ޚިދުމަތަށް ރިއާޔަތްކޮށްފައި ބަޖެޓު އެލޮކޭޓުކޮށްދެއްވާށޭ. އަދި އެރަށަކަށް އެއަހަރެއްގެ އެންމެ ބޭނުންވާ ޕްރޮޖެކްޓުތައް ނިންމުމުގެ ފުރުސަތު ދޭށޭ އެރަށުގެ ރައްޔިތުންނާ ކައުންސިލް މަޝްވަރާކޮށްފައި. އޭރުން ސަރުކާރަށް ވެސް ވަރަށް ބޮޑުތަން ލުއިވީ. އަދި ސަރުކާރުތައް ބަޖެޓުވީމަ ޕްރޮޖެކްޓުތައް ހުއްޓޭ ހުއްޓުމަށް އޮންނަ ލޮޅުންވެސް ވަރަށް ބޮޑަށް ކުޑަވެގެން ދާނެ
ލާމަރުކަޒީ ގާނޫނަށް ގެންނަން ސަރުކާރުން މަސައްކަތްކުރާ އިސްލާހަށް ނަޒަރު ހިންގަވާލައްވާ އާތިފު ވިދާޅުވީ އެއީ ރަށް ރަށުގެ ރައްޔިތުންގެ ފަރާތުން އައްޔަންކޮށްފައި ތިބި ކައުންސިލަރުން ގަން ހިންގާ، ފިނޭންސް މިނިސްޓްރީއަށް ސަލާން ޖަހަން ނެރެން ގެންނަ އިސްލާހުތަކެއްގެ ގޮތުގައި އޭނާއަށް ގަބޫލުކުރެވޭ ކަމަށެވެ.