

ކައުންސިލްތަކުގެ މާލީ ބާރު ހަނިކުރާ ބިލަކީ އެތައް ބައެއްގެ ހައްގުތަކެއް އޭގެ ސަބަބުން ގެއްލިގެން ދާނެ ބިލެއް ކަމަށް ކުޅުދުއްފުށި ސިޓީގެ މޭޔަރ މުހައްމަދު އާތިފް ވިދާޅުވެއްޖެއެވެ.
އާތިފު މިފަދައިން ވިދާޅުވީ އެ ބިލާ މެދު ކަންބޮޑުުވުން ފާޅުކުރައްވާ ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
އާތިފު ވިދާޅުވެފައިވަނީ މިއީ ކައުންސިލްތަކުގެ ބާރުތަކާ މާލީ މިނިވަންކަމަށް އަރައިގަނެވނެ ގޮތަށް ފަރުމާކޮށްފައިވާ ބިލެއް ކަމަށެވެ. އާތިލު ވިދާޅުވީ، މި ބިލުގެ ސަބަބުން ރައްޔިތުން އެމީހުންގެ އިންތިހާބީ ހައްގުގެ ބޭނުންކޮށް ހޮވާފައިވާ ކައުންސިލަރުންގެ ދައުރުގެ ފަހު އެއް އަހަރު ދުވަހުގެ ތެރޭގައި ކުރަން ހުންނަ މަސައްކަތަށް ހުރަސް އެޅިގެން ދާނެ ކަމަށެވެ. ނަމަވެސް އެ ރައްޔިތުން ކައުންސިލަރުން ހޮވާފައިވަނީ ފަސް އަހަރުގެ ދައުރަކަށް ކަމަށްވާއިރު ސަރުކާރުން މި ފަދަ ބިލެއް ތަސްދީގުކޮށްފި ނަމަ އެއާއެކު ރައްޔިތުންގެ ހައްގުތަކަކާ ކައުންސިލަރުންގެ ހައްގުތަކެއްވެސް ގެއްލިގެންދާނެ ކަމަށް އާތިފު ވިދާޅުވިއެވެ.
އާތިފު އިތުރަށް ވިދާޅުވީ މިހާރުވެސް ކުޅުދުއްފުށީގެ ތަރައްގީއަށް އެތައް ބިމެއް ކުއްޔަށް ދޫކުރުމަށް އެގްރިމަންޓުކުރެވި އެއްބަސްވުމުގެ އެންމެ ފަހު މަރުހަލާގައި އޮތް މި ބިލު ތަސްދީގުކޮށްފި ނަމަ އެ އެއބަސްވުންތައް އެކުލަވާލެވިފައިވާ ފަރާތްތަކާ މެދުގައި ވެސް ވެވޭ ބޭއިންސާފަކަށް ވެގެން ދާނެ ކަމަށެވެ.
އާތިފު ވިދާޅުވީ މިއަދުގެ ރައީސުލްޖުމްހޫރިއްޔާއަކީ ވެސް ލާމަރުކަޒީ އުސޫލުގެ ތެރެއިން ބޮޑު ސިޓީއެއްގެ މޭޔަރކަން ކުރައްވާފައި ހުންނެވި ބޭފުޅަކަށްވާއިރު މި އިސްލާހު ތަސްދީގުކުރައްވައިފި ނަމަ ދިމާވާނެ ހުރަސްތައް އެނގިވަޑައިގަންނަވާނެ ކަމަށްވާތީ މި ބިލު ތަސްދީގު ނުކުރުމަށް އާތިފު ވަނީ ރައީސް ޑރ މުހައްމަދު މުއިއްޒަށް ގޮވާލައްވާފައެވެ.
ކުޅުދުއްފުށި ސިޓީގެ ހުރިހާ ކައުންސިލަރުން ވަނީ މި ބިލު ތަސްދީގު ނުކުރުމަށް ރައީސް މުއިއްޒަށް ގޮވާލައްވާފައެވެ.
ޕީއެންސީގެ ސަރުކާރުން ލާމަރުކަޒީ ގާނޫނަށް ކައުންސިލްތަކުގެ ބާރު ހަނިވާ ގޮތަށް ގެނައި އިސްލާހާ ދެކޮލަށް މިހާތަނަސް 60 ކައުންސިލަކުން ވަނީ ތެދުވެފައެވެ. ގިނަ ކައުންސިލްތަކުން ހާމަކުރާ ގޮތުގައި މިއީ ކައުންސިލްތައް ހިންގުމަށް ސަރުކާރުން ނުފޫޒު ފޯރުވުމަށް ހުޅުވަން މަސައްކަތް ކުރާ ދޮރެކެވެ.
ކައުންސިލްތަކުގެ މާލީ ބާރު ހަނިކުރާ ބިލަށް ގެނައި އިސްލާހުގެ ދަށުން ކައުންސިލްތަކުގެ އުމުރުގެ ފަހު އަހަރު ނުވަތަ ދައުރު ހަމަވާން އަހަރަކަށް ވުރެ ކުުރު މުއްދަތެއް އޮވެއްޖެ ނަމަ، މާލީ ކަންކަމާ ގުޅޭ މައިގަނޑު ތިން ކަމެއްގައި ސަރުކާރުގެ ބަހެއް ނެތި ނުކުރެވޭ ގޮތްތަށް ގާނޫނު ބަދަލުވެފައިވެއެވެ.އެ ކަންކަމުގެ ތެރޭގައި ހިމެނެނީ:
ކައުންސިލް އިދާރާއަށް ނުވަތަ ކައުންސިލްގެ އޮފީހަކަށް ދާއިމީ މުވައްޒަފުންގެ ގޮތުގައި ނުވަތަ ކޮންޓްރެކްޓް އުސޫލުން މުވައްޒަފުން ނެގުން
ކައުންސިލް އިހްތިސާސްގެ ދަށުގައި ހުރި ބިމާއި ފަޅާއި ފަރުގެ ސަހަރައްދުތައް ކުއްޔަށް ދޫކުުރުމާއި ދިނުން
ކައުންސިލްތަކުން އެކަށައަޅާފައިވާ ތަރައްގީގެ ޕްލޭންތަކުގައި ކަނޑައަޅާފައި ނުވާ އާ ތަރައްގީގެ މަޝްރޫއުތައް ފެށުން
މި އިސްލާހާއި ދެކޮޅަށް 30 އަކަށްވުރެ ގިނަ ކައުންސިލްތަކުން ކަންބޮޑުވުން ފާޅުކޮށް ނޫސް ބަޔާންތައްވެސް ނެރެފައިވާކަން ފާހަގަކުރެވިފައިވެއެވެ.