
އެމެރިކާއިން އީރާނާ ދެކޮޅަށް އަމާޒުކޮށް ވަރުގަދަ އަސްކަރީ ބާރުތަކެއް އެ ސަރަޙައްދަށް ޖަމާކުރަން ފަށައިފިއެވެ.
މި ހަރަކާތުގެ ދަށުން އެމެރިކާއިން ވަނީ 15 ޑިސްޓްރޯޔަރާއި، ޒަމާނީ މަތިންދާބޯޓު އުފުލާ ކެރިއަރެއްގެ އިތުރުން ނިއުކްލިއާ ހަތިޔާރު އެޅި ސަބްމެރިންތަކެއް އެ ސަރަޙައްދަށް ފޮނުވާފައެވެ. މި ސަބްމެރިންތަކަކީ 600 އަށް ވުރެ ގިނަ ޓޮމާހޯކް ކްރޫޒް މިސައިލުން ހަތިޔާރު އަޅާފައިވާ، ނިއުކްލިއާ ބާރުގައި ދުއްވާ އުޅަނދުތަކެކެވެ.
އެމެރިކާގެ މި ނިންމުމަކީ މެދުއިރުމަތީގައި އީރާނުން ފަތުރަމުންދާ ނުފޫޒު ކުޑަކޮށް، އެ ޤައުމަށް ބިރުދެއްކުމުގެ ގޮތުން އެޅި ފިޔަވަޅެއް ކަމަށް މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އެމެރިކާގެ މިފަދަ އަމަލުތަކުގެ ސަބަބުން ސަރަޙައްދީ ހަމަޖެހުމަށް ބުރޫއަރައި، ހަނގުރާމައެއްގެ ބިރުވެރިކަން ވަނީ އިތުރުވެފައެވެ.
އީރާނުން މީގެ ކުރިން ބުނެފައިވަނީ އެމެރިކާގެ ކޮންމެ ހަމަލާއަކަށްވެސް އެކަށީގެންވާ ވަރުގަދަ ރައްދެއް ދޭނެ ކަމަށެވެ. އެމެރިކާއިން މިހާ ގިނަ އަދަދެއްގެ ހަތިޔާރާއި ސިފައިން މެދުއިރުމައްޗަށް ފޮނުވުމަކީ ބައިނަލްއަޤުވާމީ މަސްރަޙުގައި ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިފައިވާ ކަމެކެވެ.










