theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved
_ / ތޭރަގްރެފިކްސް
ހަބަރު
މާލެ ހިޔާގެ ރައްޔިތުންގެ ހައްގުގައި ގައުމީ ކެންޑިޑޭޓު ވާހަކަ ދެއްކުމުން ފްލެޓު ވެރިން މުލިއާގެއަށް ގެންގޮސް ކޮންމެ މީހަކަށް 1 ލައްކަ ރުފިޔާދޭން ނިންމައިފި
Ali Haaji
އަލީ ހާޖީ
17 ފެބްރުއަރީ 2026
މާލެ ސިޓީ

މާލެ ހިޔާގެ ރައްޔިތުންގެ ހައްގުގައި ގައުމީ ކެންޑިޑޭޓު ވާހަކަ ދެއްކުމުން ފްލެޓު ވެރިން މުލިއާގެއަށް ގެންގޮސް ކޮންމެ މީހަކަށް 1 ލައްކަ ރުފިޔާދޭން ނިންމައިފިއެވެ.

މިފަދަ ނިންމުމަށް ނިންމާފައިވަނީ އެ ފްލެޓު ވެރިންނަށް ހައްގު ހޯދައިދިނުމަކީ ސިޓީ ކައުންސިލްގެ ޒިންމާއެއް ކަމަށާ އޭނާގެ މޭޔަރުކަމުގައި އެކަންކަން ހައްލުވާނެ ކަމަށް ގައުމީ ކެންޑިޑޭޓު އިސްމާއިލް ޒަރިޔަންދު ހާމަކުރިތާ 24 ގަޑިއިރު ނުވަނީސް އެވެ.

މާލޭގެ މޭޔަރު ކަމަށް ނުކުންނަވާ ގައުމީ މިނިވަން ކެންޑިޑޭޓު ޒަރިޔަންދުގެ ޑޯޓުޑޯގައި އެ ފްލެޓްތަކުގައި ދިރިއުޅޭ މީހުންނާ ބައްދަލުކޮށް ދެކެވުނީ ވާހަކަތަކާ ގުޅިގެން މީސް މީޑިޔާއަށް ދޫކޮށްލި ވީޑިއޯ މެސެޖެއްގައި ޒަރިޔަންދު ވަނީ މާލެ ހިޔާ ފްލެޓުތަކަކީ ރާއްޖޭގައި އެންމެ ފުރަތަަމަ މީހުން އުޅެން ފެށި ފްލެޓުތައް ކަމަށާއި އެ ފްލެޓުތައް މިހާރު މީހުންނަށް ނޫޅެވޭ ވަރަށް ހާލަތު ދެރަވެފައިވާ ކަމަށް ވިދާޅުވެފައެވެ.

އެ ގޮތުން މަތީ ފަންގިފިލާތަކުގެ ފާހާނާ ތަކުން ފްލެޝް ކުރާ ފެން ތިރި ފަންގިފިލާތަކުގެ ސިޓިންރޫމަށް ފައިބާ ހާލަތުގައި ތަން ހުރިކަން ހާމަކުރައްވާ ޒަރިޔަންދު ވިދާޅުވީ، މާލޭގައި ދިރިއުޅޭ ރައްޔިތުން އެހާ ދަތި ނިކަމެތި ހާލުގައި އުޅޭއިރު މާލެ ސިޓީ ކައުންސިލުން އަތްއުރާލައިގެން ތިބެގެން ނުވާނެ ކަމަށެވެ.

ޒަރިޔަންދު ވިދާޅުވީ، އެ ފްލެޓުތަކަކީ މީހުންނަށް ދިރިއުޅެވޭ ވަރުގެ ތަނަކަށް ނުވާ ނަމަ އެ ރައްޔިތުންނަށް ރައްކާތެރި ބޯހިޔާވަހިކަމެއް ހޯދައިދިނުމަށް ވަކާލާތުކުރުމަކީ މާލެ ސިޓީ ކައުންސިލްގެ މައްޗަށް ލާޒިމްކުރާ ކަމެއް ކަމަށެވެ.

ހަމައެހެންމެ ގާނޫނު އަސާސީގެ 23 ވަނަ މާއްދާގެ ށގެ ދަށުން ހިޔާވަހިކަން ރައްޔިތުންނަށް ހޯދައިދިނުމަކީ ދައުލަތުގެ މައްޗަށް ލާޒިމުވެގެންވާ ކަމެއްކަންވެސް ޒަރިޔަންދު ފާހަގަކުރެއްވިއެވެ.

ޒަރިޔަންދު މިފަދައިން ވާހަކަ ހިއްސާ ކުރެއްވިތާ 24 ގަޑިއިރު ނުވަނީސް، ސިނަމާލެ އަދި މާލޭހިޔާގެ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކާ ބައްދަލުކުރައްވާ ރައީސް ޑރ މުހައްމަދު މުއިއްޒު ވަނީ ސިނަމާލެ 1، 2، 3 އަދި 4 އާއި، މާލެހިޔާ 1 އަދި 2 ގެ ވެރިފަރާތްތަކަށް އިނާޔަތެއް ދެއްވުމަށް ނިންމަވާފައިވާ ކަން އިއުލާނު ކޮށްފައެވެ.

އެ ގޮތުން ފްލެޓްތަކަށް ފައިސާ ދެއްކޭގޮތް ނުވުމުގެ ސަބަބުން މިހާތަނަށް އަރާފައިވާ ޖޫރިމަނާ އެއްކޮށް މަޢާފުކޮށްދެއްވުމަށާއި ފްލެޓްތައް ބައުވެ، ސްޓްރަކްޗަރ ހަލާކުވެފައިވާތީ އާއި، އެކަމަށް ހައްލެއް ހޯއްދަވައިނުދެވި ގިނަ ދުވަސްވެފައިވާތީ، މި ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް އިނާޔަތެއްގެ ގޮތުގައި 100،000 ރުފިޔާ ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ކަމަށް ހާމަކޮށްފައިވެއެވެ.

މި އިނާޔަތް ދިނުމުގައި ފްލެޓުގެ ވެރިފަރާތުން ފްލެޓަށް ދައްކަންޖެހޭ ޖުމުލަ އަދަދު 100،000 ރުފިޔާއަށް ވުރެ ބޮޑުވާނަމަ، 100،000 ރުފިޔާއާ ހަމައަށް އުނިކުރެވޭނެ އެވެ. ފްލެޓަށް ދައްކަންޖެހޭ ޖުމުލަ ޢަދަދު 100،000 ރުފިޔާއަށް ވުރެ ކުޑަނަމަ، އެ މިންވަރެއް މަޢާފުކޮށްދެއްވުމަށްފަހު، މި އަދަދުން ބާކީވާ މިންވަރެއް، ފްލެޓްގެ ވެރިފަރާތުގެ އެކައުންޓަށް ޖަމާކުރެވޭނެ ކަމަށްވެސް ވެއެވެ.

ފްލެޓް މިލްކުކުރުމަށް ފައިސާ ދައްކާ ނިންމާފައިވާ ފަރާތްތަކަށް 100،000 ރުފިޔާ އެއްކޮށް، އެޕާޓްމަންޓްގެ ވެރިފަރާތުގެ އެކައުންޓަށް ޖަމާކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވެސް ވަނީ ނިންމަވާފައި ކަމަށް ވެއެވެ.

ރައީސް މުއިއްޒު މިފަދަ ނިންމުމެއް ކުއްލި ގޮތަަކަށް އަވަސް އަރުވާލައިގެން ނިންމެވީ ޒަރިޔަންދު އެފަދައިން ދެއްކެވި ވާހަކަތަކާ ގުޅިގެން އޭނާއަށް ލިބިދާނެ ފައިދާއަކަށް ނުފޫޒު ފޯރުވުމުގެ ގޮތުން ކަމަށް ބެލުމުގެ ފުރުސަތު ހުޅުވެއެވެ.

ކައުންސިލް އިންތިހާބަށް ނުފޫޒު ފޯރުވަން ސަރުކާރުން އެކި ފަރާތްތަކަށް ހުށަހެޅުންތައް ހުށަހަޅަމުން ދާކަމުގެ އަޑުތައް ގަދަވެފައި ވެއެވެ.

ކޮމެންޓު
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved
Zakiyya, vee kihineh?