
ސަހްޔޫނީ ބާރުތަކުން ޣައްޒާގެ އެކި ސަރަހައްދުތަކަށް ދެމުންދާ ހަމަލާތަކުގައި ފަލަސްތީނުގެ ދެ މީހަކު ޝަހީދުކޮށްލައިފިއެވެ.
ވަށާލާފައިވާ ޣައްޒާގެ އެކި ހިސާބުތަކުގައި މިއަދު ހިނގި ޖަރީމާތަކުގައި ސަހްޔޫނީންގެ ބަޑީގެ ހަމަލާތައް އަމާޒުވެފައިވަނީ އާންމު ރައްޔިތުންނަށެވެ. މީގެ އިތުރުން، ސަހްޔޫނީން ދަނީ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިންސާނިއްޔަތާ ޚިލާފު އެތައް އަމަލުތަކެއް ހިންގަމުންނެވެ.
އެގޮތުން، ރަފާހު ބޯޑަރު ހުރަސްކޮށް އަވަސް ސިއްހީ ފަރުވާ ހޯދުމަށް ބޭރު ގައުމުތަކަށް ދާންޖެހިފައިވާ އެތައް ހާސް ބަޔަކު ފުރުން ހުއްޓުވައި، ސަހްޔޫނީން ވަނީ އެމީހުންގެ މަގަށް ހުރަސް އަޅާފައެވެ. މިކަމުގެ ސަބަބުން ފަރުވާ ނުލިބި ގިނަ ބައެއްގެ ފުރާނައަށް ވަނީ ބޮޑެތި ނުރައްކާވެފައެވެ.
ސަހްޔޫނީންގެ މި ލާއިންސާނީ އަމަލުތަކުގެ ސަބަބުން ޣައްޒާގެ ސިއްހީ ނިޒާމު މުޅިން އިނދަޖެހިފައިވާއިރު، ބަލިމީހުންނަށް ބޭނުންވާ އަސާސީ ފަރުވާ ފޯރުކޮށްދިނުމަށް ވެސް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. މި ހުރަސްތަކަކީ ފަލަސްތީނުގެ ރައްޔިތުން ނައްތާލުމަށް ސަހްޔޫނީން ހިންގަމުންދާ ރޭވުންތެރި އަމަލުތަކެއްގެ ބައެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.
ބައިނަލްއަގުވާމީ މުޖުތަމައުން މިކަންކަން ހުއްޓުވުމަށް ގޮވާލަމުންދިޔަ ނަމަވެސް، ސަހްޔޫނީން ދަނީ އެއްވެސް ޖެހިލުމެއްނެތި ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފުވަމުންނެވެ. ޣައްޒާގެ ރައްޔިތުން ކާބޯތަކެއްޗާއި ބޭހުން މަހްރޫމްކޮށް، މުޅި ސަރަހައްދު ބަންދުކޮށްފައި އޮތުމުގެ ސަބަބުން އިންސާނީ ބޮޑު ކާރިސާއެއް ވަނީ ކުރިމަތިވެފައެވެ.










