February 21, 2026
Advertisement
ޕްރިންސް އެންޑްރިއު
ޕްރިންސް އެންޑްރިއު / ރޮއިޓަރސް

އެޕްސްޓީންގެ މައްސަލައާ ގުޅިގެން ޔޫކޭގެ ކުރީގެ ޕްރިންސް އެންޑްރޫ ހައްޔަރުކޮށްފި

Yana Shareef
ޔާނާ ޝަރީފް
Feb 19, 2026, 11:39 PM

ޖިންސީ ކުށްވެރިޔާ ޖެފްރީ އެޕްސްޓީންއާ ގުޅުންހުރި މައްސަލައެއްގައި، ދައުލަތުގެ މަގާމެއްގައި ހުންނަވައިގެން ނަހަމަ ގޮތުގައި އަމަލުކުރެއްވި ކަމުގެ ތުހުމަތުގައި އިނގިރޭސިވިލާތުގެ ކުރީގެ ޕްރިންސް އެންޑްރޫ މައުންޓްބެޓަން- ވިންޑްސާ ހައްޔަރުކޮށްފި އެވެ.

Advertisement

ލަންޑަނުގެ ހުޅަނގުގެ ސަރަހައްދުތައް ބަލަހައްޓާ ތޭމްސް ވެލީ ޕޮލިހުން ބުނެފައި ވަނީ 2010 ވަނަ އަހަރު އެންޑްރޫ އިނގިރޭސިވިލާތުގެ ޓްރޭޑް އެންވޯއީގެ މަގާމުގައި ހުންނެވި ދުވަސްވަރު، ވިޔަފާރިއާ ގުޅޭ ސިއްރު ރިޕޯޓުތަކެއް އެޕްސްޓީންއަށް ފޮނުއްވި ކަމަށް ބުނާ މައްސަލައެއް ތަހުގީގު ކުރަމުންދާ ކަމަށެވެ.

އިނގިރޭސި ގާނޫނުތައް އޮންނަ ގޮތުން ފުލުހުން އެންޑްރޫގެ ނަން ސީދާ ހާމަކޮށްފައި ނުވި ނަމަވެސް، ހައްޔަރުކޮށްފައި ވަނީ އުމުރުން 60 ގެ އަހަރުތަކުގެ ފިރިހެނެއް ކަމަށް ފުލުހުން ވަނީ ކަށަވަރުކޮށްދީފަ އެވެ. އެންޑްރޫގެ އުމުރަކީ މިހާރު 66 އަހަރެވެ.

"ފުރިހަމަ އެސެސްމެންޓަކަށްފަހު، ދައުލަތުގެ މަގާމެއްގައި ހުންނަވައިގެން ހިންގާފައިވާ ކަމަށް ބުނާ މި ކުށުގެ ތަހުގީގު މިހާރު ވަނީ ފަށާފައި،" ފުލުހުން ނެރުނު ބަޔާނުގައިވެ އެވެ. އަދި މި ތަހުގީގުގެ މިނިވަންކަމާއި އިންސާފުވެރިކަން ދެމެހެއްޓުމަކީ މުހިންމު ކަމެއް ކަމަށް ވެސް ފުލުހުން ފާހަގަކޮށްފައިވެ އެވެ.

މި ހައްޔަރު ކުރުމާ ގުޅިގެން ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނަ ގޮތުގައި، ނޯފޯކްގައި ހުންނަ ސޭންޑްރިންހަމް އެސްޓޭޓްގެ ވުޑް ފާމް ސަރަހައްދުގައި ފުލުހުންގެ އުޅަނދުތަކާއި އާދައިގެ ހެދުމުގައި ތިބި ފުލުހުން އަންނަނީ ހަރަކާތްތެރި ވަމުންނެވެ. ފުލުހުން ބުނި ގޮތުގައި މި ތަހުގީގުގެ ބޭނުމަށް އިނގިރޭސިވިލާތުގެ ދެ ސަރަހައްދެއްގައި ހުރި ގެތަކެއް ބަލައި ފާސްކުރުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.

ބަކިންގްހަމް ޕެލަސްއިން ބުނެފައި ވަނީ ފުލުހުންގެ ތަހުގީގަށް ބޭނުންވާ އެއްބާރުލުން ދިނުމަށް ތައްޔާރަށް އޮތް ކަމަށެވެ. ރަސްގެފާނު ޗާލްސްގެ ތަރުޖަމާނު ވިދާޅުވި ގޮތުގައި، "އެންޑްރޫގެ އަމަލުތަކާ ގުޅޭގޮތުން ފެންމަތިވަމުންދާ ތުހުމަތުތަކާ މެދު ރަސްގެފާނު ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާ" ކަމަށެވެ. އަދި ކެންސިންގްޓަން ޕެލަސްއިން ބުނެފައި ވަނީ ޕްރިންސް އެންޑް ޕްރިންސަސް އޮފް ވޭލްސްގެ ވިސްނުންފުޅު ހުރީ މިކަމުގެ ޝިކާރައަކަށްވި ފަރާތްތަކާ އެކުގައި ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved