
އެމެރިކާގެ އަސްކަރިއްޔާގެ ތިންވަނަ މަތިންދާބޯޓު އުފުލާ ބޯޓު ކަމަށްވާ "ޔޫއެސްއެސް ޖޯޖް އެޗް.ޑަބްލިއު ބުޝް" މެދުއިރުމައްޗަށް މިސްރާބު ޖަހާފައިވާ ކަމުގެ ރިޕޯޓްތަކެއް ފެންމަތިވެއްޖެއެވެ. މަޝްހޫރު ނޫސްވެރިޔާ ޕައުރިއާ ޒެރާތީ މިކަން ހާމަކުރައްވާފައިވާއިރު، މިއީ ސަރަހައްދީ ހަމަޖެހުމަށް އޮތް ބޮޑު ގޮންޖެހުމެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ. މި މަނަވަރު ސަރަހައްދަށް އަތުވެއްޖެނަމަ، މިއީ މިފަހަކަށް އައިސް މެދުއިރުމަތީގައި އެމެރިކާގެ އަސްކަރީ ބާރު މިހާ ވަރުގަދަ ކުރާ ފުރަތަމަ ފަހަރަށް ވެގެންދާނެއެވެ.
ޗައިނާގެ ޒަމާނީ ސެޓެލައިޓްތަކުން އެންމެ ފަހުން ލިބިފައިވާ ތަސްވީރުތަކުން ހާމަވާ ގޮތުގައި، އެމެރިކާގެ އަސްކަރީ މަރުކަޒުތަކުގައި ވަނީ ބޮޑެތި ތައްޔާރީތަކެއް ވަނީ ވެފައެވެ. އެގޮތުން، އެމެރިކާގެ ވައިގެ ސިފައިންގެ 13 ޓޭންކަރު މަތިންދާބޯޓާއި، ބޮއިންގް އީ-3ޖީ އެވަކްސް (AWACS) ގެ އިތުރުން 5 ލޮކްހީޑް ސީ-130 ހަރކިއުލަސް މަތިންދާބޯޓު އިރާން ސަރަހައްދުގައި ހުރިކަން ސެޓެލައިޓް ފޮޓޯތަކުން ވަނީ ކަށަވަރުވެފައެވެ. މި ވަސީލަތްތަކަކީ ވައިގެ މަގުން ދޭ ހަމަލާތަކަށް މަގުފަހިކޮށްދިނުމާއި ފާރަވެރިވުމުގައި މުހިންމު ދައުރެއް އަދާކުރާ އުޅަނދުތަކެކެވެ.
އެމެރިކާގެ ތިންވަނަ އެއާކްރާފްޓް ކެރިއަރު މި ސަރަހައްދަށް ވަނުމަކީ މަސްރަހު އިތުރަށް ގޯސްވެ، އީރާނާއެކު ހަނގުރާމައެއް ފެށުމުގެ ބިރު އިންތިހާއަށް ބޮޑުވެގެންދާނެ ކަމެކެވެ. މިފަދަ ހަނގުރާމައެއް ފެށިއްޖެނަމަ، މުޅި މެދުއިރުމަތީގެ އިގްތިސާދަށާއި އަމާންކަމަށް އޭގެ ނޭދެވޭ އަސަރު ކުރާނެއެވެ. އެހެންކަމުން، ބައިނަލްއަގުވާމީ މުޖުތަމައުން މިހާރު ދަނީ މި ނުތަނަވަސްކަން ކުޑަކުރުމަށް ކުރެވިދާނެ ކަންކަމާ މެދު މަޝްވަރާ ކުރަމުންނެވެ.
މި ހުރިހާ ތައްޔާރީތަކެއް ފެންނަމުންދާއިރު، އިރާން އިން ދަނީ އެގައުމުގެ އަސްކަރީ ގާބިލުކަން އިތުރުކޮށް، ބޭރުގެ ނުރައްކާތަކުން ގައުމު ސަލާމަތްކުރުމަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުންނެވެ. ކުރިއަށް އޮތް ދުވަސްތަކުގައި މި ސަރަހައްދުގެ އަސްކަރީ ހަރަކާތްތައް ހުންނާނެ ގޮތަކަށް ދުނިޔޭގެ ސަމާލުކަން މިހާރު ވަނީ ހުއްޓިފައެވެ.










