
ސިޔާސީ ޕާޓީއަކުން ނުކުމެ ރައްޔިތުންނަށް ލާމަރުކަޒީ އުސޫލުން ހިދުމަތްކޮށްދެވިދާނެ ކަމަށް ގަބޫލުނުކުރާ ކަމަށް މާލޭގެ މޭޔަރު ކަމަށް ވާދަކުރާ ގައުމީ ކެންޑިޑޭޓު އިސްމާއިލް ޒަރިޔަންދު ވިދާޅުވެއްޖެއެވެ.
ޒަރިޔަންދު މިފަދައިން ވިދާޅުވީ، "އަދަދު" ނޫހުން ގެނެސްދޭ "ކުޅިކޮށް" ޕްރޮގްރާމުގެ މި އަހަރުގެ ފުރަތަމަ އެޕިސޯޑުގައި ވާހަކަ ދައްކަވަމުންނެވެ.
ޒަރިޔަންދު ވިދާޅުވީ، އޭނާ މިނިވަންކޮށް މޭޔަރުކަމަށް ނުކުންނެވި ސަބަބަކީ ޕާޓީއަކުން ލާމަރުކަޒީ އިންތިޒާމެއްގައި ނުކުމެ ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ހިދުމަތްތައް އެންމެ ފުރިހަމަކޮށް ފޯރުކޮށްދެވިދާނެ ކަމަށް ގަބޫލުނުކުރާ ކަމަށެވެ. އެގޮތުން ސިޔާސީ ޕާޓީއަކުން ނުކުމެ ހޮވިއްޖެ ނަމަ އެ ސަރަހައްދެއް ނުވަތަ އެ ރަށެއްގެ ގިނަ ބަޔަކު އެ ކުލަޔަކާ ހުރެ ނުވަތަ ލޯގޯ އެއްގެ ސަބަބުން ބާކީވެގެން ދާނެ ކަމަށް ވެސް ޒަރިޔަންދު ވިދާޅުވިއެވެ.
ޒަރިޔަންދު ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބު ސިޔާސީ ކުލަޔަކަށް ކާމިޔާބުވާން ޖެހޭ ކަމަށް ގަބޫލު ނުކުރާ ކަމަށާ ރައީސުލްޖުމްހޫރިއްޔާގެ އިންތިހާބުގައި ސިޔާސީ ޕާޓީއަކުން ވާދަކުރުން އޭނާގެ ނަޒަރުގައި ގޯސް ނޫން ކަމަށްވެސް ޒަރިޔަންދު ވިދާޅުވެފައިވެއެވެ.
ޒަރިޔަންދު ވިދާޅުވީ މާލޭގެ މޭޔަރު ކަމަށް ނުކުންނެވީ މާލޭގައި ހުރި މައްސަލަތައް ވަރަށް ރަގަޅަށް އެނގި ހުރި ކަމަށެވެ.










