
ފަންޑިންގ ހޯދައި ނުދީ މާނަހުރި ޑިވެލޮޕްމަންޓް ލޯނު ޕޯޓްފޯލިއޯއެއް ބިނާކުރަން, މޯލްޑިވްސް ޑިވެލޮމަންޓު ބޭންކް (ޑީބީއެމް)އިން ގަސްތުކުރަނީ ކިހިނެއް ކަމާ މެދު، މާލީ ތަޖުރިބާކާރު، އިސްމާއިލް ޒަރިޔަންދު ސުވާލު އުފައްދަވައިފިއެވެ.
ޒަރިޔަންދުގެ މިފަދަ ޒުވާލެއް އަމާޒުކޮށްފައި މިވަނީ ހިދުމަތްތައް ނުވެސް ފެށެނީ ބޭންކުގެ އިސް ސަފުން ގިނަ ބޭފުޅުންތަކެއް އިސްތިއުފާދީފައިވަނިކޮށްެވެ.
ޑީބީއެމްގެ ސީއީއޯއާ އެ ބޭންކުގެ ބޮޑޫ މެމްބަރެއްހެ އިތުރުން ބޭންކުގެ ޗެއަރޕާސަން ވެސް މިހާރު ވަނީ މަގާމުތަކުން އިސްތިއުފާދީފައެވެ. އެކަންކަމަށް އިޝާރާތްކުރައްވާ ޒަރިޔަންދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް (ޑީބީއެމް) އުފެދުނީ 2024 ވަނަ އަހަރުގެ މެއި މަހު ކަމަށާއި ބޭންކިން އޮޕަރޭޝަންތައް ފެށުމަށް ރުހުން ލިބުނީ 2026 ވަނަ އަހަރުގެ ޖެނުއަރީ މަހު ކަމަށެވެ.
އެ ބޭންކް އިންކޯޕަރޭޓް ކޮށްފައިވަނީ 300 މިލިއަން ރުފިޔާއަށް ކަން ފާހަގަކުރައްވާ ޒަރިޔަންދު ވިދާޅުވީ ހުއްދަ ހިއްސާގެ ރައުސުލްމާލަކާ އެކު ނަމަވެސް 2024 ވަނަ އަހަރުގެ އޮޑިޓް ކޮށްފައިވާ މާލީ ބަޔާންތަކުގައި ރިޕޯޓްކޮށްފައިވަނީ އިޝޫކޮށްފައިވާ އަދި ދައްކާފައިވާ ހިއްސާގެ ރައުސުލްމާލަކީ އެންމެ 3 މިލިއަން ރުފިޔާ ކަމަށެވެ.
އެހެންކަމުން ފުރަތަމަ ބޮޑު ޕޭޑްއަޕް ކެޕިޓަލް ނުވަތަ ދިގު މުއްދަތުގެ ހޯލްސޭލް ފަންޑިންގ ހޯދައި ނުދީ މާނަހުރި ޑިވެލޮޕްމަންޓް ލޯނު ޕޯޓްފޯލިއޯއެއް ބިނާކުރަން ޑީބީއެމް އިން ގަސްތުކުރަނީ ކިހިނެއް ކަމާ މެދު ޒަރިޔަންދު ވަނީ ސުވާލު އުފައްދަވާފައެވެ.
ޒަރިޔަންދު މިފަދައިން ވިދާޅުވެފައިވާއިރު، ޑީބީއެމްއަށް ފުރަތަމަ އަހަރު 2.3 މިލިއަން ރުފިޔާގެ ގެއްލުން ވެފައިވާ ކަމަށް އޮޑިޓް ރިޕޯޓަކުން ވަނީ ދައްކާފައެވެ. ޑިވެލޮޕްމަންޓު ބޭންކު އިފުތިތާހުކުރީ ނޮވެންބަރު 16، 2024 ގައެވެ.
ޑީބީއެމް އުފެއްދިތާ އަހަރެއްހާ ދުވަސްފަހުން އެ ބޭންކަށް ވިޔަފާރި ފެށުމުގެ ހުއްދަ ދިނީ މި އަހަރުގެ ޖެނުއަރީ މަސް ތެރޭގައެވެ. ނަމަވެސް އެ ފަހުން ވެސް އެ ބޭންކުގެ ޚިދުމަތްތައް އަދިވެސް ފެށިފައެއް ނުވެއެވެ.










