
ދައުލަތަށް ލިބޭ އާމްދަނީއާއި ކުރާ ޚަރަދުތަކުގެ ތަފްސީލު ހާމަކުރުމަށް ފިނޭންސް މިނިސްޓްރީން ކޮންމެ ހަފުތާއަކު އާންމުކުރާ "ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް" ރިޕޯޓުތައް ޝާއިއުކުރުން ހުއްޓާލައިފައިވާތީ، ސަރުކާރުގެ މާލީ ދެފުށް ފެންނަ މިންވަރާ މެދު އަނެއްކާވެސް ބޮޑެތި ސުވާލުތަކެއް އުފެދިއްޖެއެވެ.
މި އަހަރު ފެށުނު ފަހުން މިހާތަނަށް ދައުލަތުގެ މާލީ ހާލަތު އަންގައިދޭ އެއްވެސް ރިޕޯޓެއް ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ. ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުގައި އެންމެ ފަހުން އާންމުކޮށްފައިވަނީ ނިމިދިޔަ އަހަރުގެ ފަހު ހަފުތާގެ މައުލޫމާތެވެ. މީގެ ސަބަބުން މި އަހަރުގެ މިހާތަނަށް ސަރުކާރުން ބަޖެޓުން ޚަރަދުކުރީ ކިހާ ފައިސާއެއްކަން ވަނީ އާންމުންނަށް ނޭނގޭ ގޮތަށް ސިއްރުވެފައެވެ.
މީރާއިން އާންމުކޮށްފައިވާ ޖެނުއަރީ މަހުގެ ތަފާސްހިސާބުތަކުން ދައުލަތަށް 4.4 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނުކަން އެނގުނު ނަމަވެސް، އެ ފައިސާ ޚަރަދުކުރި ގޮތުގެ އެއްވެސް ތަފްސީލެއް ސަރުކާރުން ހާމައެއް ނުކުރެއެވެ. މި ރިޕޯޓުތައް ގަވާއިދުން އާންމުނުކުރާ މައްސަލައިގައި ފިނޭންސް މިނިސްޓްރީގެ ބަހެއް ހޯދުމަށް ކުރި މަސައްކަތުން، އެކަމަށް އެކަށީގެންވާ ޖަވާބެއް އެއްވެސް އޮފިޝަލަކަށް ދެވިފައެއް ނުވެއެވެ.
ހާމަކަން ބޮޑު ގޮތެއްގައި ވެރިކަން ކުރާނެ ކަމަށާއި މާލީ ކަންކަން ހާމަކުރާނެ ކަމުގެ ވައުދާއެކު އައި މި ސަރުކާރުން މާލީ ހިސާބުތައް ސިއްރުކުރާތީ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. ވަކިން ޚާއްޞަކޮށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި ސަރުކާރުގެ އިސްވެރިން ރާއްޖެއާއި ރާއްޖޭން ބޭރަށް ކުރައްވާ ދަތުރުފުޅުތަކުގެ ޚަރަދުތައް ހާމަކުރުމަށް ކުރިން ބުނި ނަމަވެސް، މި ފަހަކަށް އައިސް އެފަދަ އެއްވެސް ދަތުރެއްގެ ޚަރަދު ތަފްސީލު ސަރުކާރުން އާންމެއް ނުކުރެއެވެ.
މިއީ މި ސަރުކާރުން މާލީ ރިޕޯޓުތައް ހިފެހެއްޓި ފުރަތަމަ ފަހަރެއް ނޫނެވެ. 2024 ވަނަ އަހަރުގެ މެދުތެރޭގައިވެސް، ކުރީ ސަރުކާރުގެ ރެކޯޑުތަކުގައި މައްސަލަ އުޅޭ ކަމަށް ބުނެ ތިން މަސް ދުވަހަށް ރިޕޯޓުތައް މެދުކަނޑާލިއެވެ. ނަމަވެސް، އެ ފަހަރަށްވުރެ ވެސް މިފަހަރު ރިޕޯޓުތައް ޝާއިއުނުކޮށް ދިގުލައިގެން ގޮސްފައިވާތީ، މިއީ ދައުލަތުގެ މާލީ ހިސާބުތައް އާންމުންނަށް އޮޅުވާލުމަށް ކުރާ ކަމެއްގެ ގޮތުގައި އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރެއެވެ.




