April 19, 2026
Advertisement
ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 އިންސައްތަ މަދުކުރުމަށް އަންގައިފި
ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 އިންސައްތަ މަދުކުރުމަށް އަންގައިފި / ސޯޝަލް މީޑިއާ

ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 އިންސައްތަ މަދުކުރުމަށް އަންގައިފި

Mariyam Isaadha
މަރިޔަމް އިސާދާ
Apr 18, 2026, 05:15 PM
މާލެ ސިޓީ

ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 އިންސައްތަ މަދުކުރުމަށް އަންގައިފިއެވެ.

Advertisement

މުވައްޒަފުންގެ އަދަދު މަދު ކުރުމަށް އެންގީ، ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް މިނިސްޓްރީން، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، މިގޮތަށް ފިނޭންސުން ޕިސީބިއަށް އަންގާފައިވަނީ، މިނިސްޓަރު މޫސާ ޒަމީރު، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ރައީސް މުހައްމަދު އަނަސްއަށް ފޮނުއްވި ރަސްމީ ސިޓީއެއްގައެވެ.

މިނިސްޓަރު ޒަމީރުގެ ސިޓީގައިވާ ގޮތުން ކުންފުނިތަކުގެ އިންސާނީ ވަސީލަތްތައް މެނޭޖްކުރުން ހަރުދަނާކޮށް، މާލީ ގޮތުން ދެމެހެއްޓެނިވި ގޮތެއްގައި ކުންފުނިތައް ހިންގުމަށް ވަނީ ބާރުއަޅުއްވާފައެވެ.

ވަޒީފާއަށް މީހުން އައްޔަންކުރުމުގައި ތައުލީމީ ފެންވަރާއި ހުނަރަށް ބަލައިގެން މީހުން ހޮވާ "މެރިޓް ބޭސްޑް" އުސޫލު މިހާރަށްވުރެ ހަރުދަނާކުރުމަށް ވެސް މިނިސްޓަރު ވަނީ ޕީސީބީގައި އެދިވަޑައިގެންފައެވެ. މިއީ އެންމެ ގާބިލު ފަރާތްތައް ވަޒީފާއަށް ހޮވައި، ކުންފުނިތަކުގެ މަސައްކަތްތައް އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ގެންދިއުމަށް މަގުފަހިކުރުމަށް ނިންމި ނިންމުމެއް ކަމަށް ފިނޭންސް މިނިސްޓްރީން ފާހަގަކުރެއެވެ.

މި ނިންމުމަކީ ކުންފުނިތަކުގެ ހިންގުމުގެ ޚަރަދުތައް ކުޑަކުރުމަށާއި، ދައުލަތުގެ ފައިސާ ހަރުދަނާ އުސޫލެއްގެ ދަށުން ބެލެހެއްޓުމަށްޓަކައި އެޅި ފިޔަވަޅެއް ކަމަށް އެ މިނިސްޓްރީން ބުނެއެވެ. މިނިސްޓްރީން މީޑިއާއާ ހިއްސާކުރި މައުލޫމާތުގައިވާ ގޮތުން، މިއީ ޕީސީބީން މީގެ ކުރިން ނެރެފައިވާ އިރުޝާދުތަކަށް އިތުރުކުރެވުނު މުހިންމު ފިޔަވަޅެކެވެ.

މީގެ ކުރިން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި މުސާރައާއި އިނާޔަތްތައް ކޮންޓްރޯލްކުރުމާއި، ކޮންމެހެން ބޭނުންވާ ހާލަތްތަކުގައި ފިޔަވައި މަގާމުގެ ކުރިއެރުން ދިނުމާއި އައު މުވައްޒަފުން ނެގުން ހުއްޓާލުން ހިމެނެއެވެ. އަދި އިތުރުގަޑީގެ މަސައްކަތް ހަނިކުރުމާއި، ކޮންމެހެން ބާއްވަން ނުޖެހޭ ހަރަކާތްތަކާއި ދަތުރުފަތުރުގެ ޚަރަދުތައް ކުޑަކުރުން ވެސް ހިމެނެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved