
މެދުއިރުމަތީގެ ހަމަނުޖެހުމާ ގުޅިގެން ރާއްޖޭގެ އިޤުތިޞާދީ ކުރިއެރުން 2026 ވަނަ އަހަރު 1 އިންސައްތަ ދަށްވާނެ ކަމަށް ލަފާކޮށް، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން މިއަދު ރިޕޯޓެއް ނެރެފިއެވެ.
އެގޮތަށް ލަފާކޮށްފައި ވަނީ އޭޑީބީގެ މި މަހުގެ އޭޝިއަން ޑިވެލޮޕްމަންޓް އައުޓްލުކް ރިޕޯޓުގައެވެ.
އެ ރިޕޯޓުގައި ބުނީ މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމަށް ނޭދެވޭ އަސަރުތައް ކުރުމުގެ އިތުރުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް ބޮޑުވުމުގެ އަސަރު ރާއްޖޭގެ އިގުތިޞާދަށް ކުރާނެ ކަމަށެވެ.
މިދިޔަ އަހަރުގެ ތެރޭގައި 5.4 ޕަސެންޓުން ރާއްޖޭގެ އިގުތިސާދު ކުރިއަރާފައިވިޔަސް، މި އަހަރު އެ ރޭޓު އެއް ޕަސެންޓަށް ވެއްޓޭނެ ކަމަށް އެ ރިޕޯޓުގައި ލަފާކޮށްފައިވެ އެވެ.
ނަމަވެސް، ހަނގުރާމައިގެ ހާލަތު ނިމުމަކަށް އައިސް ދުނިޔޭގެ އިގުތިޞާދު ހަމައަކަށް އެޅުމުން، އަންނަ އަހަރު ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތް ތިން ޕަސެންޓަށް އުފުލޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
މީގެ އިތުރުން ތެލާއި ކާބޯތަކެތި ފަދަ އަސާސީ މުދާ އިމްޕޯޓު ކުރުމަށް ކުރަންޖެހޭ ހޭދަ ބޮޑުވުމުގެ ސަބަބުން، މި އަހަރުގެ ތެރޭގައި އިންފްލޭޝަން ނުވަތަ ތަކެތީގެ ފަސް ޕަސެންޓުން އުފުލޭނެ ކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައި ވެއެވެ.
ހަމައެހެންމެ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުގައި ނެގި 500 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކު މި މަހުގެ ތެރޭގައި މި ސަރުކާރުން ދެއްކުމުން ރާއްޖޭގެ ދަރަނީގެ އަދި ފިސްކަލް ހާލަތަށް ބޮޑު ކުރިއެރުމެއް ލިބިފައިވީނަމަވެސް ތެލަށް ކުރަންޖެހޭ ހޭދަ ބޮޑުވުމުގެ ޕްރެޝަރު، ސުކޫކު ދެއްކުމުން ހީނަރުވެފައިވާ ބޭރު ފައިސާގެ ރިޒާވަށް ކުރާނެ ކަމަށްވެސް އޭޑީބީން ބުނެފައި ވެއެވެ.
މީގެ އިތުރުން ބޭރުން އިތުރު ދަރަނި ނެގުމުގެ ފުރުސަތުތައް މަދުއިރު، ދައުލަތުގެ ރިކަރަންޓު ހަރަދުތައް ކުޑަކޮށް، އިގުތިސާދީ އިސްލާހީ ފިޔަވަޅުތައް އަވަސް ކުރަންޖެހޭ ކަމަށް ވެސް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.









