April 3, 2026
Advertisement
ރިޒާވާއި އެސްޑީއެފް ބޭނުންކޮށްގެން ސުކޫކު ދެއްކިއިރު ތަފްސީލެއް ނެތް!
ރިޒާވާއި އެސްޑީއެފް ބޭނުންކޮށްގެން ސުކޫކު ދެއްކިއިރު ތަފްސީލެއް ނެތް! / ސޯޝަލް މީޑިއާ

ރިޒާވާއި އެސްޑީއެފް ބޭނުންކޮށްގެން ސުކޫކު ދެއްކިއިރު ތަފްސީލެއް ނެތް!

Mariyam Isaadha
މަރިޔަމް އިސާދާ
Apr 3, 2026, 02:35 PM
މާލެ ސިޓީ

ދައުލަތުގެ ރަސްމީ ރިޒާވާއި ސޮވަރިން ޑިވެލޮޕްމަންޓް ފަންޑުގައި ހުރި ޑޮލަރު ބޭނުންކޮށްގެން ސުކޫކަށް ދައްކަން ޖެހޭ 500 މިލިއަން ޑޮލަރު ދައްކާފައިވާ ކަމަށް ސަރުކާރުން ހާމަކޮށްފައިވާއިރު އެ ހިސާބުތަލުގެ ތަފްސީލު ހާމަކޮށްފައިވާ ނުވާކަން ހާމަވެއްޖެއެވެ.

Advertisement

ފިނޭންސް މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ 500 މިލިއަން ޑޮލަރާއި ސުކޫކުގެ ފައިދާއަށްވާ ރޭޓަށްވާ 24.68 މިލިއަން އެމެރިކާ ޑޮލަރާއެކު ޖުމްލަ 524.68 މިލިއަން އެމެރިކާ ޑޮލަރު ސަރުކާރުން ދައްކައި ހަލާސްކޮށްފައި ކަމަށެވެ. އަދި މީގެ ސަބަބުން ޖީޑީޕީގެ ނިސްބަތުން ޖުމްލަ ދަރަނީގެ މިންވަރު ކުޑަވެގެންދާނެ ކަމަށް ވެސް ފިނޭންސުން ބުނެފައިވެއެވެ.

އެސްޑީއެފްގައި ހުރި ފައިސާ އާއި ރިޒާވު ބޭނުންކޮށްގެން ސުކޫކު ދެއްކި ކަމަށް ފިނޭންސުން ބުނި ނަމަވެސް އޭގެ ތަފުސީލުތަކެއް ނުދެއެވެ. މީގެ ކުރިން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެފައި ވަނީ ފައިސާ ދެއްކުމަށް ފަހު އޭގެ ތަފުސީލުތައް ހާމަކުރާނެ ކަމަށެވެ.

މީގެ ފަސް އަހަރު ކުރިން އެމްޑީޕީ ސަރުކާރުގައި ވިއްކި މި ބޮންޑަކީ އޭގެ ކުރީ ސަރުކާރުން ނަގާފައިވާ 250 މިލިއަން ޑޮލަރުގެ "ސަނީ ސައިޑް" ބޮންޑް އަދާކުރަން ވިއްކި ބޮންޑެކެވެ. ފިނޭންސުގެ ބަޔާނުގައި މިކަން ފާހަގަކޮށް، ކުރީ ސަރުކާރަށް ފާޑުކިޔަމުން ބުނީ، އެ ފައިސާ ނެގީ އަނބުރާ ދެއްކޭނެ ގޮތެއް ނުހޯދާ ކަމަށެވެ.

މި ސަރުކާރުން ބުނި ގޮތުގައި މި ސަރުކާރު އައިސް އެޅި ފިޔަވަޅުތަކުގެ ސަބަބުން އެސްޑީއެފްގެ ޑޮލަރު ބެލެންސް ފުރަތަމަ ފަހަރަށް 350 މިލިއަން ޑޮލަރަށް ވުރެ އިތުރުވިއެވެ. މިކަން ފާހަގަކުރި ނަމަވެސް މި 350 މިލިއަން ޑޮލަރުގެ ތެރެއިން ސުކޫކު ދައްކަން އަނބުރާ ބޭނުންކުރި ވަރެއް ބަޔާނުގެ އެއްވެސް ހިސާބެއްގައި ނެތެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved