
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި މާލެ ސިޓީގެ މޭޔަރުކަމުގެ މަގާމަށް ވާދަކުރައްވާ، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އެންޑޯސްކުރައްވާފައިވާ "ޤައުމީ މޭޔަރަލް ކެންޑިޑޭޓް" އިސްމާޢީލް ޒަރިޔަންދުގެ ކެމްޕެއިން ޚާއްޞަ ހަރަކާތެއް މިރޭ ބޭއްވުމަށް ނިންމައިފިއެވެ.
"ޕީޓްރަލް ކަންމަތި ވިތް ޒަރިޔަންދް" ގެ ނަމުގައި ކުރިއަށްގެންދާ މި ހަރަކާތް އޮންނާނީ މިރޭ 21:30 ގައި މާލޭގެ ޕީޓްރަލް ޕާކް ސަރަޙައްދުގައެވެ. މިއީ މާލޭގެ ރައްޔިތުންނާ ގާތުން ބައްދަލުކޮށް، ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އަޑުއެހުމާއި، ޒަރިޔަންދުގެ ތަޞައްވުރު ހިއްސާކުރުމަށް ބާއްވާ ހަރަކާތެކެވެ.
ޒަރިޔަންދުގެ ކެމްޕެއިން ޓީމުން ބުނިގޮތުގައި، މިރޭގެ މި ބައްދަލުވުމަށް ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވުމަކީ ކެންޑިޑޭޓް ޒަރިޔަންދުގެ ވަރަށް ބޮޑު އެދުމެކެވެ. ޚާއްޞަކޮށް މާލެ ސިޓީގެ ތަރައްޤީއަށް ލޯބިކުރާ އަދި ސިޓީ ކައުންސިލުން ކޮރަޕްޝަން ނައްތާލުމަށް ބޭނުންވާ ހުރިހާ ފަރާތްތަކުން މި ފުރުޞަތުގެ ބޭނުން ހިފުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.
މި އިންތިޚާބުގައި ޒަރިޔަންދު ނުކުމެވަޑައިގަންނަވަނީ މާލެ ސިޓީގެ ތަރައްޤީއާއި ލާބައަށްޓަކައި، ދެފުށް ފެންނަ، ކޮރަޕްޝަނުން ސަލާމަތްވެފައިވާ ވަރުގަދަ އިދާރާއަކަށް މާލެ ސިޓީ ކައުންސިލް ހެދުމުގެ ފޮނި އުންމީދާ އެކުގައެވެ. ރައީސް ޔާމީންގެ ފުރިހަމަ ތާއީދާއެކު ވާދަކުރައްވާ ޒަރިޔަންދަކީ މާލޭގެ މައްސަލަތަކަށް ޙައްލު ހޯދައިދެވޭނެ ތަޢުލީމީ އަދި ޤާބިލް ބޭފުޅެކެވެ.










