
ސަރުކާރާ ދެކޮޅު 57 ކައުންސިލެއްގެ ސަބަބުން ރަށްރަށުގެ މަޝްރޫއުތައް ނުފެށިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެން ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސްގެ ނަސޭހަތުގެ ބަސްކޮޅެއް ރައީސް މުއިއްޒަށް އަމާޒުކުރައްވައިފިއެވެ.
އައްބާސް އޭނާގެ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ބަރަކާތްތެރި ރަމަޟާން މަހުވެސް ރައީސް މުއިއްޒު ގެންދަވަނީ އިތުރުފުޅު ހެއްދެވުމުގައި ހައްދުފަހަނައަޅައި ދަމުން ކަމަށެވެ.
ރައްޔިތުންގެ މަޖިލިސް އިންތިހާބު ކާމިޔާބު ކުރެއްވުމަށް މާތްﷲ ގަންދީ ހުވާކުރައްވައިގެން ވީ ބުހުތާނު ދޮގު ވައުދުތަކަށްފަހު، މިއަދު އަނެއްކާވެސް ފެންނަނީ ކައުންސިލް އިންތިހާބަށް ނުފޫޒު ފޯރުވުމަށްޓަކައި ރަށު ކައުންސިލްތައް ބަދުނާމު ކުރަމުންދާ މަންޒަރު ކަމަށް އައްބާސް ވަނީ ފާހަގަކުރައްވާފައެވެ.
ލާމަރުކަޒީ ގާނޫނަށް މިފަހުން ގެނެވުނު އިސްލާހުތަކަށް ބަލާއިރުވެސް، ރައީސް މުއިއްޒު އެ ދައްކަވަނީ ހަގީގަތާ ހިލާފު ވާހަކަފުޅުތަކެއްކަން ސާބިތުވާނެ ކަމަށާ އެހެންކަމުން ރަށު ކައުންސިލްތައް ބަދުނާމު ކުރުން ހުއްޓާލުމަށާއި، ހެއްދެވި ފަރާތުގެ މަތިން ހަނދުމަކޮށް ތައުބާވުމަށް ރައީސް މުއިއްޒަށް އައްބާސް ވަނީ ނަސޭހަތްތެރިވެފައެވެ.
މީގެ އިތުރުން ރައީސް މުއިއްޒަކީ އަމިއްލަ އަންބޮޑި ބޮޑުކުރުމަށްޓަކައި މުޅި އުމުރު ދޮގާއި އޮޅުވާލުމުގައި ހޭދަކުރައްވާ ބޭފުޅެއްގެ ގޮތުގައި ސިފަކުރައްވަމުން އައްބާސް ވަނީ އެމަނިކުފާނު ވެރިކަމަށް ވަޑައިގަތީވެސް "ހުސްގޮނޑި" ދައްކަވައިގެން ހެއްދެވި ބޮޑެތި އިތުރުފުޅުތަކުން ކަމަށާއި، މިހާރު ރޯދައަށް ހުންނަވައިގެން ކައުންސިލްތަކުގެ ބޮލުގައި ދޮގު އިލްޒާމު އެޅުވުމަކީ ގައުމު ދެކޭނެ އެންމެ ހީލަތްތެރި އަމަލު ކަމަށް ވިދާޅުވެފައެވެ.
ހަމައެހެންމެ ކައުންސިލްތަކުން ސަރުކާރު ހުއްޓުވާފައިވާ ކަމަށް ވިދާޅުވެ ރައީސް މުއިއްޒު ދެއްކެވި ވާހަކަތަކަށް އިޝާރާތްކުރައްވާ އައްބާސް ވިދާޅުވެފައިވަނީ، ރައީސް ޑރ.މުއިއްޒު އެދިލައްވައިގެން ޤާނޫނަށް އިސްލާހު ގެނެސްފައި އޮއްވާ މި ބަރަކާތްތެރި ރަމަޟާން މަހު ރޯދައަށް ހުންނަވާފައި ރައްޔިތުން ކުރިމަތީގައި ބޮޑެތި ދޮގުތައް މިހައްދަވަމުން ދަނީ، ދެންތިބި އެންމެނަކީ ގަމާރުންނަށް ހައްދަވަން ކަމަށް ވިދާޅުވެފައޮވެސް އައްބާސްވެއެވެ.










