
އީރާނުން އެގައުމާއި ކައިރީ އޮންނަ ސްޓްރެއިޓް އޮފް ހޯމުޒް ނުވަތަ ހޯމުޒް ކަނޑުއޮޅި އީރާނުން ބަންދު ކުރުމާއެކު ތެޔޮ ބޭރު ކުރުން ހުއްޓިއްޖެއެވެ.
ހޯމުޒް ބަންދުކޮށްފައިވަނީ އެމެރިކާއާއި ގުޅިގެން އިސްރާއީލުން އެގައުމަށް ދެމުން އަންނަ ހަމަލާތަކާއި ގުޅިގެންނެވެ.
ކަނޑުއޮޅި ބަންދު ކުރިކަން އީރާން ރެވޮލިއުޝަނަރީ ގާޑް ކޯޕްސްގެ ކަނޑުގެ ސިފައިން ވަނީ އިއުލާނުކޮށްފައެވެ. އެގޮތުން އެއްވެސް ކަނޑުގެ އުޅަނދަކަށް އެ ކަނޑުއޮޅި ހުރަސް ނުކުރެވޭނެ ކަމަށް އެގައުމުން އަންގާފައިވާކަމަށް ރޮއެޓާސް ނޫހުން ވަނީ ރިޕޯޓްކޮށްފައެވެ.
ތަޖުރިބާކާރުން ގަބޫލުކުރާ ގޮތުގައި ހޯމުޒް ކަނޑުއޮޅި ބަންދުކޮށްފިނަމަ، އޭގެ ސަބަބުން ދުނިޔޭގެ އިގްތިސާދީ އަދި ސަލާމަތަށް ބޮޑެތި އަސަރުތަކެއް ކުރާނެއެވެ. ސަބަބަކީ އެއީ ދުނިޔޭގެ އެންމެ މުހިންމު އެއް ތެޔޮ ޗެކްޕޮއިންޓް ކަމަށްވާތީއެވެ.
ރިޕޯޓްތަކުން ބުނާ ގޮތުގައި ދުނިޔޭގެ ތެލުގެ ސަޕްލައިގެ 20 އިންސައްތަ ދަތުރު ކުރާނީ ހޯމުޒް ކަނޑުއޮޅި މެދުވެރިކޮށެވެ. އަދި އެކަނޑުއޮޅި ބަންދުކޮށްފިނަމަ، ތެޔޮ އެކްސްޕޯޓް ކުރާ ގައުމުތަކުގެ ތެރެއިން އެންމެ ބޮޑު އަސަރެއް ކުރާނީ ސައުދީ އަރަބިއްޔާ، އިރާގް، ޔޫއޭއީ، ކުވެއިތް އަދި ގަތަރަށެވެ. އެ ކަނޑުއޮޅި ބަންދު ކުރުމުން އީރާނަށް ވެސް އެކަމުގެ ގެއްލުންވާނެއެވެ.










