
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް، ސަރުކާރުގެ ކުންފުނިތަކުން ގިނަ އަދަދެއްގެ ވަޒީފާތައް އިޢުލާންކުރަމުންދާތީ ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު އައްބާސް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
މެންބަރު އައްބާސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރު.ޑީ.ސީ) ގެ ނ. ވެލިދޫ ސައިޓަށް އަލަށް 60 ވަޒީފާއަކަށް އިޢުލާންކޮށްފައިވާ ކަމަށެވެ. މިއީ ސީދާ އިންތިޚާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ހިންގާ ސިޔާސީ ޖަރީމާއެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
އައްބާސްގެ ޕޯސްޓުގައި އިތުރަށް ވިދާޅުވެފައިވަނީ، "ބޯމަތިވެފައި އޮތް ކައުންސިލް އިންތިޚާބާ ދިމާކޮށް ސަރުކާރުން ހިންގާ ޖަރީމާތައް މިހުރީ ފެންނަން" ކަމަށާއި، އިންތިޚާބު ނިމުމާއެކު މި ވަޒީފާތަކަށް ނަގާ މީހުން ވަކިކުރާނެކަމީ ޔަޤީންކަމެއް ކަމަށެވެ. މިއީ ދައުލަތުގެ ފައިސާ ބޭކާރު ގޮތުގައި އިސްރާފުކުރުން ކަމަށްވެސް އޭނާ ތުހުމަތު ކުރެއްވިއެވެ.
މި މައްސަލައިގައި އިދިކޮޅު ފަރާތްތަކުން ބުނަމުންދަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ޚަރަދު ކުޑަކުރުމުގެ ނަމުގައި ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށް ބޭއްވުމުގެ ރިފަރަންޑަމެއް ކުރިއަށް ގެންދަން އުޅޭއިރު، އަނެއްކޮޅުން ކުންފުނިތަކުން ބޭކާރު ވަޒީފާ އުފެއްދުމަކީ ދެކޮޅުނުޖެހޭ އަމަލެއް ކަމަށެވެ.
ޚަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން އިންތިޚާބުތައް އެއްކޮށްލަން ސަރުކާރުން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައި، ކުންފުނިތަކުން ކުއްލި ގޮތަކަށް ގިނަ އަދަދެއްގެ ވަޒީފާތަކަށް މީހުން ނެގުމަކީ ދައުލަތުގެ ބަޖެޓަށް ބޮޑު ބުރައެއް އުފުލަންޖެހޭނެ ކަމެއް ކަމަށް ބުނެ ސިޔާސީ ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.










