March 11, 2026
Advertisement
Muizzu
Muizzu / ރައީސް އޮފިސް

ޕްރެޝަރު ބޮޑުވެ 163 ސްކޫލް ކުދިން ޝަހީދުކޮށްލުން ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Mar 11, 2026, 03:26 AM
މާލެ ސިޓީ

މެދުއިރުމަތީގައި އިޒްރޭލުން ހިންގަމުންދާ ލާއިންސާނީ އަމަލުތަކުގެ ތެރެއިން 163 ސްކޫލް ކުދިން ޝަހީދުކޮށްލި ހާދިސާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ.

Advertisement

ފޮރިން މިނިސްޓްރީން މިކަން ކުށްވެރިކޮށް ބަޔާނެއް ނެރެފައި މިވަނީ، މި ހަމަލާއާ ގުޅިގެން ސަރުކާރަށް އާންމުންގެ ބޮޑު ޕްރެޝަރެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ނެރުނު ބަޔާނުގައި، އިޒްރޭލުން ސްކޫލްތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފު އަމަލެއްގެ ގޮތުގައި ސިފަކޮށްފައިވެއެވެ. ނަމަވެސް، ބައެއް ސިޔާސީ ތަޖުރިބާކާރުން ދެކޭގޮތުގައި ސަރުކާރުގެ މި ފިޔަވަޅަކީ އިޚްލާޞްތެރިކަމާއެކު އިސްލާމީ އުއްމަތަށް އޮތް ކުލުނެއްގެ ސަބަބުން ނިންމި ނިންމުމެއް ނޫނެވެ.

ތަޖުރިބާކާރުން ފާހަގަކުރާ ގޮތުގައި، ރާއްޖޭގެ ދާޚިލީ ކަންކަމުގައި ދީނީ ކާޑު ބޭނުންކޮށްގެން ސިޔާސީ މަންފާ ހޯދަމުންދާ ކަމަށް ތުހުމަތު ކުރެވޭ މި ސަރުކާރުން، ބޭރުގެ ބައެއް ބާރުތަކުގެ ރުހުން ހޯދުމަށް މަސައްކަތް ކުރެއެވެ. އެގޮތުން، "އަޚުވަންތަ" ގައުމުތަކުގެ ނަމުގައި ގަލްފުގެ ގައުމުތަކަށް އީރާނުން ދޭ ހަމަލާތައް ކުށްވެރިކޮށް ދާދި ފަހުން ނެރުނު ބަޔާނަކީވެސް ވަކި ފަރާތްތަކެއްގެ ރުހުން ހޯދުމަށް ކުރި ކަމެއްގެ ގޮތުގައި ވަނީ ސިފަކޮށްފައެވެ.

މި ޚަބަރާ ގުޅޭގޮތުން ވާހަކަދެއްކި ބައެއް ފަރާތްތަކުން ބުނާ ގޮތުގައި، ސްކޫލް ކުދިން ޝަހީދުކޮށްލި ހާދިސާ ކުށްވެރިކުރުމަށް ސަރުކާރުން ލަސްތަކެއް ކުރީ، ބޭރުގެ ބާރުގަދަ ގައުމުތަކުގެ ނުރުހުން އަތުވެދާނެތީއެވެ. އެހެންނަމަވެސް، ދިވެހި ރައްޔިތުންގެ މެދުގައި އުފެދުނު ނުރުހުމާއި، ސޯޝަލް މީޑިއާގައި ކުރިމަތިވި ޕްރެޝަރާ ގުޅިގެން، ސިޔާސީ މަސްލަހަތަށްޓަކައި ސަރުކާރުން މި ބަޔާން ނެރުނީ ކަމަށް ބެލެވެއެވެ.

މި ހާދިސާ ހިނގާފައިވަނީ މީގެ ދުވަސްތަކެއް ކުރިން ކަމަށްވީ ނަމަވެސް، ސަރުކާރުން ރަސްމީކޮށް މިކަމާ މެދު އެއްޗެއް ބުނެފައި މިވަނީ ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވުމަށްފަހުގައެވެ. މިއީ ސަރުކާރުގެ ޚާރިޖީ ސިޔާސަތު ބައްޓަންކުރުމުގައި ރައްޔިތުންގެ ވިންދަށްވުރެ ބޮޑަށް ބޭރުގެ ބާރުތަކުގެ މަސްލަހަތަށް އިސްކަންދޭ ކަމުގެ ހެއްކެއް ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ތުހުމަތު ކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved