
ހޮރްމޫޒް ކަނޑުއޮޅިން ހަމައެކަނި ހުއްޓުވާނީ އެމެރިކާ އާއި އިސްރާއީލާ ގުޅިފައިވާ ބޯޓުތައް ކަމަށް އީރާނުން ބުނެފިއެވެ.
އީރާނާއި އޮމާނާ ދެމެދުގައި އޮންނަ ހޮރްމޫޒް ކަނޑުއޮޅިއަކީ ދުނިޔޭގައި އެންމެ މުހިންމު އަދި ތެޔޮ ހިފައިގެން ބޯޓުތައް ދަތުރު ކުރާ މަގުތަކުގެ ތެރެއިން އެއް މަގެވެ.
ދުނިޔޭގެ ޖުމްލަ ތެލުގެ ސަޕްލައިގެ ގާތްގަނޑަކަށް 20 އިންސައްތަ ދަތުރުކުރަނީ މި ކަނޑުއޮޅިންނެވެ. އެ ސަރަހައްދަށް އެއްވެސް ބުރޫއެރުމެއް އައިސްފި ނަމަ ސާފުނުކުރާ ތެލުގެ އަގު ބޮޑުތަނުން މައްޗަށް ދިއުމުގެ ފުރުސަތު ބޮޑުވެ، ސަރަހައްދީ ހަމަނުޖެހުން އިތުރަށް ފުޅާވެދާނެ ކަމުގެ ބިރުވެރިކަން އުފެދޭނެއެވެ.
މި ކަނޑުއޮޅިއަކީ ގާތްގަނޑަކަށް 100 މޭލު ދިގު އަދި އެންމެ ހަނި ހިސާބުގައި 21 މޭލު ފުޅާ ސަރަހައްދެކެވެ. ދުނިޔޭގެ އެންމެ ބޮޑެތި އުޅަނދުފަހަރު ޗައިނާއަށާއި ޔޫރަޕަށާއި އެމެރިކާއަށް ތެލާއި ގޭސް އުފުލުމަށް އެ ކަނޑުއޮޅި ބޭނުން ކުރެއެވެ. އެ ސާފުނުކުރާ ތެލުގެ ބޮޑު ބައި އަންނަނީ ސައޫދީ އަރަބިއްޔާ، ޔުނައިޓެޑް އެރެބް އެމިރޭޓްސް، އިރާގު، ކުވެއިތު، ގަތަރު އަދި އީރާނުންނެވެ.
އީރާނުން ބުނީ ހޮރްމުޒް ކަނޑުއޮޅިން ދަތުރުކުރަން ބޭނުންވާ ކޮންމެ ފަރާތެއް އެކަމާ ގުޅޭގޮތުން އެ ގައުމުގެ ސިފައިންނާއި އީރާނުގެ ރެވެލިއިޝަނަރީ ގާޑްސް ކޯޕްސް (އައިއާރުޖީސީ)އާ މަޝްވަރާކޮށް، އެކަން އަންގަން ޖެހޭނެ ކަމަށެވެ.










