March 14, 2026
Advertisement
-
- / ތޭރަ އޮންލައިން

ރާއްޖެ ތެލަށް ޖެހިފައި އޮތްވާ "ދޫނިތައް" ސައިކަލް ބުރެއް ޖަހައިފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Mar 13, 2026, 10:04 PM
މާލެ ސިޓީ

މުޅި ދުނިޔޭގެ މަސްރަޙު ގޯސްވެ، ތެލުގެ އަގު އިންތިހާއަށް އުފުލި ރާއްޖެއަށް ތެޔޮ ލިބުމުގެ ދަތިކަން ކުރިމަތިވެފައިވާ މި ނާޒުކު ދަނޑިވަޅުގައި، ސަރުކާރު ހިންގާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ދޫނިތައް މިއަދު މާލޭގައި ބޮޑު ސައިކަލު ބުރެއް ބާއްވައިފިއެވެ.

Advertisement

އިޒްރޭލާއި އެމެރިކާ ގުޅިގެން އިރާނާ ދެކޮޅަށް ފަށާފައިވާ އުދުވާނުގެ ސަބަބުން، އިރާނުން ހޮރްމުޒް ކަނޑުއޮޅި ބަންދުކުރުމާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ އިންތިހާއަށް މައްޗަށް ގޮސްފައެވެ. މިކަމުގެ ސަބަބުން ރާއްޖެއަށް ބޭނުންވާ ތެޔޮ ހޯދުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެ، ރާއްޖެއިން މިހާރު ވަނީ ތެޔޮ ހޯދުމަށް އިންޑިއާ ސަރުކާރުގައި ރަސްމީކޮށް އެދިފައެވެ. ގައުމު މިފަދަ އިޤްތިޞާދީ ނާމާންކަމެއްގެ ތެރޭގައި އޮއްވައި، ސަރުކާރު ނިސްބަތްވާ ޕާޓީން އިސްނަގައިގެން، އެތައް ސަތޭކަ ސައިކަލެއްގައި މާލޭގެ މަގުތަކަށް ނުކުމެ މިފަދަ ބޭކާރު ޚަރަދުތަކެއް ހިމެނޭ ހަރަކާތެއް ހިންގުމަކީ ނާތަހުޒީބު އަދި ޒިންމާދާރުކަން ކުޑަ އަމަލެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ސިފަކުރަމުންނެވެ.

މިއަދު ހަވީރު މާފަންނު މެރީބްރައުން ސަރަހައްދުން ފެށި މި ސައިކަލު ބުރަކީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ އިތުރުން، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަށް ތައްޔާރުވުމުގެ ނަމުގައި ޕީއެންސީން އިންތިޒާމުކުރި ހަރަކާތެކެވެ. މާލޭގެ ބޮޑެތި މަގުތަކުގައި ބޭއްވި މި ބުރު ނިންމާލާފައިވަނީ ހެންވޭރުގައި ހުންނަ ކޮންގްރެސް ޕާޓީގެ މައި އޮފީސް ސަރަހައްދަށެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިޤްތިޞާދީ އިޞްލާޙީ ފިޔަވަޅުތަކުގެ ވާހަކަ ދައްކަމުންދާއިރު، ސަރުކާރުގެ ތާއީދު އޮތްކަން ދެއްކުމަށްޓަކައި ގިނަ އަދަދެއްގެ ތެޔޮ އަންދައި، މަގުތައް ތޮއްޖައްސައި މިފަދަ ސިޔާސީ "ޝޯ" އެއް ބޭއްވުމަކީ ރައްޔިތުންގެ ކަންބޮޑުވުންތަކަށް މަލާމާތްކުރުން ފަދަ ކަމެއްގެ ގޮތުގައި އިދިކޮޅު ފަރާތްތަކުންނާއި އާންމުން ދަނީ ބުނަމުންނެވެ.

ޚާއްޞަކޮށް، ރާއްޖެއަށް ތެޔޮ ލިބުމުގެ ދަތިކަން ކުރިމަތިވެ، ބޭރުގެ އެހީއަށް ސަރުކާރުން ސާާލާޖަހަން ޖެހިފައިވާ ދަނޑިވަޅެއްގައި، ޕީއެންސީގެ "ދޫނިތައް" މާލޭގެ މަގުތަކުގައި ސައިކަލު ބުރުތައް ޖެހުމަކީ ސަރުކާރުގެ އިޚްލާޞްތެރިކަމާމެދު ސުވާލު އުފެދޭ ކަމެކެވެ. ގައުމުގެ ހާލަތަށްވުރެ ސިޔާސީ ބާރުވެރިކަން ދެއްކުން ސަރުކާރަށް މުހިންމުވެފައިވާކަން މި ހަރަކާތުން ހާމަވެގެންދާ ކަމަށް ގިނަ ބަޔަކު އިއްތިފާގުވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved