
އެމެރިކާއާއި ޔަހޫދީން އިސްވެ އީރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގެ ތެރެއިން، ފަލަސްޠީނުގެ ޙައްޤުގައި ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރާ ޤުދުސް ދުވަހުގެ އެއްވުމެއްގައި އެތަކެއް ހާސް ބަޔަކު ބައިވެރިވެ، ޞަހްޔޫނީ ދައުލަތުގެ އިސްތިޢުމާރީ ބާރުތަކަށް ގޮންޖަހައިފިއެވެ.
ތެހްރާންގައި ބޭއްވި އެއްވުމުގެ ބައިވެރިންނަށް އަމާޒުކޮށް ވެސް ޔަހޫދީން ވަނީ ނިރުބަވެރި ޙަމަލާތަކެއް ދީފައެވެ.ޤުދުސް ދުވަހަކީ، ފަލަސްޠީނުގެ ބިންތަކަށް ޔަހޫދީން ވެރިވެގަނެ، ފަލަސްޠީނުގެ ރައްޔިތުން އަޅުވެތިކުރުމާ ދެކޮޅަށް އަޑުއުފުލުމަށާއި، ފަލަސްޠީނުގެ ރައްޔިތުންނަށް ހިތްވަރު ދިނުމުގެ ގޮތުން ބައިނަލްއަޤުވާމީ ފެންވަރުގައި ކޮންމެ އަހަރަކު ވެސް ފާހަގަކުރާ ދުވަހެކެވެ. ތެހްރާންގައި ޤުދުސް ދުވަސް ފާހަގަކޮށްފައި މި ވަނީ، އެމެރިކާ-ޔަހޫދީ އިއްތިޙާދުގެ ޢުދުވާނާ ދެކޮޅަށް ސާބިތުކަމާއެކު ހަނގުރާމަ ކުރުމަށް އީރާންގެ އައު އިސް މުރުޝިދު، މުޖްތަބާ ޙުސައިނީ އަލް-ޚާމަނާޢީ އިލްތިމާސް ކުރައްވާފައިވާ ދަނޑިވަޅެއްގައެވެ.
ހުކުރު ދުވަހުގެ އެއްވުމުގެ ބައިވެރިންނަށް އަމާޒުކޮށް ވެސް ޔަހޫދީ ފައުޖުން ވަނީ ނިރުބަވެރި ޙަމަަލާތަކެއް ދީފައެވެ. އީރާންގެ އޮފިޝަލުން ވިދާޅުވީ، އެ ޙަމަލާތަކުގައި އަންހެނަކު ޝަހީދު ކޮށްލާފައިވާ ކަމުގައެވެ. ފެބުރުވަރީ 28 އިން ފެށިގެން ހިންގަމުންދާ ޢުދުވާނުގައި އީރާނުން މިހާތަނަށް 1,444 މީހުން ޝަހީދުކޮށްލައި، އިތުރު 18,551 މީހުން ޒަޚަމު ކޮށްލާފައިވާ ކަމުގައި އީރާންގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުންޏެވެ.
އީރާނުން ދަނީ މި ޢުދުވާނަށް ރައްދު ދިނުމުގެ ގޮތުން ދިފާޢީ ޙަމަލާތައް ވަރުގަދަކުރަމުންނެވެ. އެގޮތުން، ދުނިޔޭގެ ތެލުގެ ފަސްބައިކުޅަ އެއްބައި އުފުލާ ހުރްމުޛް ކަނޑުއޮޅި ބަންދުކޮށް، ލުބްނާންގެ މުޖާހިދުންގެ ޖަމާޢަތް، ޙިޒްބުﷲއާ ގުޅިގެން ބާރުގަދަ މިސައިލާއި އަސްކަރީ ޑްރޯން ބޭނުންކޮށްގެން ޔަހޫދީން ފައުޖުގެ އަސްކަރީ މަރުކަޒުތަކަށް އީރާންގެ އިސްލާމީ އިންޤިލާބީ ލަޝްކަރު (އައިއާރްޖީސީ)ން ވަނީ ވަރުގަދަ ޙަމަލާތަކެއް ދީފައެވެ.










