
ގައުމުގައި ބާއްވަމުން އަންނަ މައި ދެ އިންތިހާބު ކަމުގައިވާ ރިޔާސީ އިންތިހާ މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ސަރުކާރުން ނިންމާފައިވަނީ ކަރަދު ކުޑަކުރުމުގެ ނިޔަތުގައި ކަމަށް ބުނަމުންދާ ދިއުމަށް ޕީއެންއެފްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.
ޕީއެންއެފުން ސިލްސިލާކޮށް ބާއްވަމުން ގެންދާ ފްރޮންޓު އޮފީސް ޖަލްސާތަކުގެ ތެރެއިން ޖަލްސާއެއްގައި އެމަނިކުފާނު ދެ އިންތިހާބު އެއްކޮށްލުމަށް އިޝާރާތްކުރައްވާ ދިގުކޮށް ވާހަކަފުޅު ދައްކަވާފައެވެ.
އެމަނިކުފާނު ވިދާޅުވީ ޚަރަދު ކުޑަކުރުމުގެ ހެޔޮ ނިޔަތް ސަރުކާރުގައި އޮތް ނަމަ ޚަރަދު ކުޑަކުރުމަށް ކުރެވޭނެ ބައިވަރު ކަންކަން އެބަހުރި ކަމަށެވެ.
އެގޮތުން އެމަނިކުފާނު ވަނީ ގައުމުގައި ބޭކާރު ގޮތުގައި ހުރި ސިޔާސީ މަގާމުތައް ވެސް އުވާލާ ދައުލަތުގެ ރިކަރަންޓު ކަރަދު ކުޑަކުރުމުން އެއީވެސް ދައުލަތުން ސަލާމަތްކުރެވޭނެ ފައިސާކަން ހާމަކުރައްވާފައެވެ.
މީގެ އިތުރުން ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެން ފައިދާއެއް ނެތް ގޮތުގައި ކުރަމުންދާ ދަތުރުތަކަކީ ވެސް ޚަރަދު ކުޑަކުރުމަށް މަޑު ޖައްސާލެވިދާނެ ކަންކަން ކަމަށާ އެ ދަތުރުތަކަށް ހޭދަވީ ކަރަދުވެސް އނަބުރާ ދައުލަތަސް ދެއްކުމުން އެއީ ވެސް ސަލާމަތްކުރެވެނެ ފައިސާކަން ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.
ހަމައެހެންމެ އިންތިހާބުތަކާ ދިމާކޮށް ކަނޑަ ޖެއްސެވުމުގެ ގޮތުން ވެސް ވަޒީފާތައް ބެހުމާ ކުންފުނިތަކުގެ ފައިސާއިން މަޖިލިސް މެމްބަރުންނަށް ބަހަމުން ގެންދާކަމަށް އަޑު ފެތުރިފައިވާ ފައިސާވެސް ބެހުން ހުއްޓާލުމަކީ ވެސް ޚަރަދުކުޑަކޮށް ބައިތުލްމާލަށް ފައިސާ ވަންނަނެ މަގެއްގެ ގޮތުގައިވެސް ރައީސް ޔާމީން ވިދާޅުވެފައިވެއެވެ.
އެމަނިކުފާނު ވިދާޅުވީ އެހެންކަމުން ޚަރަދު ކުޑަކުރުމުގެ އެހާ ހެޔޮ ނިޔަތެއް ވެރިންގެ ކިބައިގައި އޮތްނަމަ އެކަންކަން އެބޭފުޅުންގެ އަމިއްލަފުޅު ކަންކަމުން ވެްސ ދެއްކެން އޮތްއިރު އިންތިހާބުތަކެއް އެއްކޮށްލައިގެން ޖަހަން އުޅެނީ ސިޔާސީ މަޅިއެއް ކަމަށެވެ.
އެމަނިކުފާނު ސިފަކުރެއްވި ގޮތުގައި ދެ އިންތިހާބު އެއްކޮށްލައިގެން އުޅެނީ ސަރުކާރު ޖަވާބުދާރީ ކުރުވަން އޮތް ފުރުސަތު ގެއްލުވާލުމަށެވެ.
އެގޮތުން ރިޔާސީ އިންތިހާބަށް ފަހު ދުވަސް ގަނޑެއް ފަހުން މަޖިލިސް އިންތިހާބު ބޭއްވުމުގެ ބޭނުމަކީ ރައީސުލްޖުމްހޫރިއްޔާގެ އަމަލުތަކަށް ފާރަވެރިވެ މަޖިލީހަށް މެމްބަރުން ހޮވުން ކަމަށްވާއިރު ދެ އިންތިހާބު އެއްކޮށްލުމުން ސަރުކާރަށް ފާރަވެރިވާނެ މެމްބަރުންތަކެއް ހޮވުމުުގެ ފުރުސަތު ގެއްލޭނެއެވެ. އެއާއެކު ހޮވިގެންދާނީ ރައީސަށް ފާރަވެރިވާނެ މަޖިލީހެއް ނޫން ކަމަށެވެ.
މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ، ރައީސަކު ވެރިކަމަށް އައުމަށް ފަހު ގޯސް ހަދާ ތަން ފެނުނީމާ ރައްޔިތުންގެ މަޖިލީހަށް ހުއްޓުވޭނީ، ރިޔާސީ އިންތިހާބަށް ފަހުން މިހާރު އޮންނަ ގޮތަށް މަޖިލިސް އިންތިހާބު އޮވެގެން ކަމަށެވެ.
ދެ އިންތިހާބު އެއްކޮށްލުމުން ފުށޫއަރަނީ އެއަށް ވުރެ މާ ބޮޑު މަސްލަހަތެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.










