
ސަރުކާރުން ޚަރަދުކުޑަކުރުމުގެ ނަމުގައި ދެ އިންތިހާބެއް އެއްކޮށްލަން އުޅޭއިރު ސަރުކާރުން އެއަށް ވުރެ ބޮޑެތި ބޭކާރު ޚަރަދުތައް ކުރާ ކަން ޕީއެންއެފްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ފާހަގަކުރައްވައިފިއެވެ.
އެމަނިކުފާނު މިފަދަ ކަމެއް ފާހަގަކުރައްވާފައިވަނީ ޕިއެންއެފްގެ ފްރޮންޓު އޮފީހުގައި ބޭއްވި ޖަލްސާއެއްގައެވެ.
އެގޮތުން އެމަނިކުފާނު ވަނީ އަތޮޅު ކައުންސިލްތައް އުވާލާ ކައުންސިލްތަކުގެ ބާރު ސަރުކާރުން ނެގުމަށް ފަހު 55 ކައުންސިލެއް އިމާރާތްކުރަން 55 ބިލިއަން ޑޮލަރު ހޭދަކޮށް ރީތި އިމާރާތްތަކެއް ބިނާ ކުރާއިރު ބާރެއް ނެތް ބަޔަކު ރީތި އިމާރާތަކުން ކުރާނެ ކަމެއް ނޯންނާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން ބަޖެޓު ފާސްކުރިއިރުވެސް ރެކޯޑު މިންވަރުގެ ބޮޑު ބަޖެޓެއް ފާސްކުރިކަން ފާހަގަކުރައްވާ އެމަނިކުފާނު ވަނީ އެ ބަޖެޓުގައި ވެސް ތަފްސީލެއް ނުހިމަނާ ރައްޔިތުންނަށް ސަރުކާރުން ކަންކަން ފޮރުވަމުންދާކަން ވެސް ފާހަގަކުރައްވާފައެވެ.
ހަމައެހެންމެ ރައީސް މުއިއްޒު ޚަރަދު ކުޑަކުރާ ވާހަކަ ދައްކަވާއިރު އެމަނިކުފާނުގެ ދަތުރުފަތުރަށް އެކަނި ވެސް އެތައް ޚަރަދެއް ދައުލަތުން ކުރާކަން ފާހަގަކުރައްވާ ރައީސް ޔާމީން ވަނީ އެ ދަތުރުތައް ހުއްޓާލައިފި ނަމަވެސް ދައުލަތަށް އެތައް ޚަރަދެއްގެ ބުރަ ސަލާމަތް ކުރެވޭނެ ކަމަށްވެސް ވިދާޅުވެފައެވެ.
ރައީސް ޔާމީން ވިދާޅުވީ އެހެންކަމުން 80 ވަރަކަށް މިލިއަން ރުފިޔާ ސަލާމަތްކުރަން ދެ އިންތިހާބު އެއްކޮށްލުމަށްވުރެ ދައުލަތުގެ ޚަރަދުކުޑަކުރަން ކުރެވޭނެ ބައިވަރު ކަންކަން އެބަހުރި ކަމަށެވެ.
ރައީސް ޔާމީން ވަނީ ދެ އިންތިހާބު އެއްކޮށްލަނީ ޚަރަދު ކުޑަކުރަން ނޫންކަމަށް ތުހުމަތު ކުރައްވާ އެކަމުގެ ފަހަތުގައި ފޮރުވައިވާ ބޮޑެތި ސިއްރުތައް ހުރިކަމަށްވެސް ތުހުމަތު ކުރައްވާފައެވެ.










