
ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި ކަމުގެ ސީރިއަސް ތުހުމަތުތަކެއް ކުރެވިފައިވާ ވިޔަފާރިވެރިޔާ ސަނީ އުމަރުގެ މައްޗަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ފަސް ދައުވާއެއް އުފުލައިފިއެވެ.
މިދިޔަ ޖެނުއަރީ މަހުން ފެށިގެން ޝަރީއަތް ނިމެންދެން ބަންދުގައި ހުރި ސަނީގެ މައްޗަށް އުފުލާފައިވަނީ:
ޕީޖީ އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، ސަނީ ވަނީ ކުޑަ ކުއްޖެއްގެ އުމުރުން 7 އަހަރުން ފެށިގެން 2023 ވަނަ އަހަރުގެ އޮގަސްޓް މަހާ ހަމައަށް އެކި ދުވަސް މަތިން އެކި ތަންތަނުގައި އެ ކުއްޖާއަށް ޖިންސީ ގޯނާކޮށްފައެވެ. މީގެ އިތުރުން އިތުރު ދެ ކުއްޖަކަށް ވެސް އެކި އުމުރުފުރާގައި ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު އޭނާގެ މައްޗަށް ކުރެވެއެވެ.
އަދުލު އިންސާފަށް ހުރަސްއެޅުމާއި ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އޭނާގެ މައްޗަށް ކުރަނީ، ތަހުގީގަށް ބޭނުންވާ ފޯނެއް ގެއްލިފައިވާ ކަމަށް ބުނުމާއި ސިމް ކާޑާ ގުޅޭ މައުލޫމާތު ދިނުމަށް ދެކޮޅު ހަދާފައިވާތީއެވެ.
މި މައްސަލަ ފެންމަތިވުމާއެކު ސަނީ ރާއްޖެއިން ފިލައިގެން ދިޔަ ނަމަވެސް، މިދިޔަ ޑިސެމްބަރު 1 ވަނަ ދުވަހު އޭނާ އެނބުރި ރާއްޖެ އައުމުން ވަނީ ހައްޔަރުކޮށްފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި އެ ދުވަހު ދެ ފަހަރެއްގެ މަތިން އޭނާ ހައްޔަރުކޮށް ދޫކޮށްލުމަށްފަހު، ކޯޓު އަމުރެއްގެ ދަށުން ތިންވަނަ ފަހަރަށް ހައްޔަރުކުރީ ޑިސެމްބަރު 2 ގައެވެ.
ސަނީ އުމަރަކީ 'މޯލްޑިވްސް ހަލާލް ޓްރެވަލް' އާއި 'ދަ ޓްރެވެލް ގައިސް' ފަދަ ފަތުރުވެރިކަމުގެ ދާއިރާގެ މަޝްހޫރު ވިޔަފާރިތަކެއް ހިންގަމުން އައި ފަރާތެކެވެ. މި މައްސަލައާ ގުޅިގެން 'ޓްރެވަލް ގައިސް' އިން ބުނެފައިވަނީ އޭނާގެ ހިއްސާ އެ ކުންފުނިން އަތުލުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، ތަހުގީގަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށެވެ.
އަނިޔާ ލިބުނު ކުދިންގެ އާއިލާއިން ބުނާ ގޮތުގައި، ސަނީގެ ފަރާތުން މިފަދަ އަމަލުތައް ހިނގަމުންދާތާ 10 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާ އިރު، މިކަމުގެ ސަބަބުން އެ ކުދިންނަށް ވަނީ ވަރަށް ބޮޑު ނަފުސާނީ އަސަރެއް ކޮށްފައެވެ.










