
ﷲ ސުބުހާނަހޫ ވަތައާލާގެ ކޯފާއަށް ބިރުވެތިވެ އެކަލާނގެ އެންގެވުންތަކަށް ފުރިހަމަ ބޯލަނބާ މުސްލިމު އެއްވެސް އަޅަކު، ރައީސް މުހައްމަދު މުއިއްޒު އުޅުއްވާ ގޮތަށް ނޫޅުއްވާނެ ކަމަށް ދޭހަވާ ފަދަ މޭރުމަކުން ކުރީގެ ނައިބު ރައީސް، ޑރ މުހައްމަދު ޖަމީލު އަހުމަދު ވާހަކަދައްކަވައިފިއެވެ.
ޑރ ޖަމީލު މިފަދަ މޭރުމަކުން ވިދާޅުވެފައިވަނީ، ދަރަނި އިންތިހާއަށް އޮވެމެ، ދުނިޔެ އިގްތިސޯދީ ގޮތުން ދަތި ދުވަސްތަކަކާ ކުރިމަތިލަމުންދާއިރުވެސް ރައީސް މުއިއްޒުގެ ސަރުކާރުން ޚަރަދަކަށް ބެލުމެއް ނެތި ކައުންސިލް އިންތިހާބާ ދިމާކޮށް ޚަރަދުތައް އިންތިހާއަށް މަތިކުރަމުންދާ ދިއުމާ މެދު ނުރުހުން ފާޅުކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެގޮތުން ކަސްޓަމްސްއާ ކަރެކްޝަންގެ މުވައްޒަފުންގެ މުސާރަ ކުއްލިއަކަށް ބޮޑުކުރި ކުރުމަށް އިޝާރާތްކުރައްވާ ޑރ ޖަމީލު ވަނީ، ރާއްޖެއަށްވުރެ މާލީ ގޮތުން މާފުދުންތެރި ގައުމެއް މިވަގުތު މިދުނިޔޭގައި ނެތްކަމުގެ އިޙްސާސް މި ސަރުކާރުގެ އެފަދަ އަމަލުތަކުން ސިފަކުރެވޭ ކަމަށާ، ދުނިޔޭގެ ބޮޑަތި އިގްތިސާދުތައް ބިރުން އުޅޭއިރު، މިގައުމުގައި ފެންނަމުންދަނީ މުސާރަ ބޮޑުކުރުމާ، ތެލުގެ އަގު ދެގުނަޔަށް އުފުލިފައިވާއިރުވެސް، އެއީ އަގު ހެޔޮވުންކަމަށް ދެއްކުމާ، ކުށްވެރިން ދޫކުރުމާ، މުސާރަ ދޭން ލޯނު ނެގުމާ، މަސައްކަތެއް ނެތީސް ވަޒީފާ ދިނުން ފަދަ ކަންކަމަށެވެ.
އެކަންކަމާ ގުޅުވާ މުޅި ރަށުތެރޭ ޕީއެންސީގެ ދޮގުތައް ފަތުރަމުންދާއިރު އެއީ ކައުންސިލް އިންތިހާބަށް ސަރުކާރުން ޖަހާ ކަނޑަތަކެއްގެ ގޮތުގައި ސިފަކުރައްވާ ޑރ ޖަމީލު ވިދާޅުވީ، ބަޔަކު އިންތިޚާބަކަށް ކަޑަޖަހާނީ އެހާކަންހާ މިންވަރަކަށް ކަމަށެވެ.
ރައީސް މުއިއްޒުގެ ދޮގު ހެދުމަކަށް ރޯދަ މަހުގައި ވެސް ހުއްޓުމެއް ނެތްކަމަށް ވިދާޅުވެ ޕޯސްޓު ނިންމަވާލައްވަމުން ޑރ. ޖަމީލު ވަނީ ސުވާލެއް ދޫކުރައްވާފައެވެ. އެގޮތުން اللهއަށް ބިރުވެތިވާ އަޅަކު ރައީސް މުއިއްޒު އުޅޭ ގޮތަށް އުޅޭނެބާއޭ ހިތަށް އަރުވާ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
ޑރ ޖަމީލުގެ ނުރުހުން ސަރުކާރާ މެދު ފާޅުކުރައްވާފައިވާއިރު، ސަރުކާރުގައި އިގްތިސޯދު އެނގޭ ބަޔަކު ނެތް ކަމަށާ އެހެން ނޫން ނަމަ އިގްތިސޯދީ ކާރިސާއެއް ކުރިމަތީ އޮއްވާ ބޭކާރު ޚަރަދު ނުކުރާނެ ކަމަށް ގިނަ ބަޔަކު ބުނަމުންދާކަން ފާހަގަކޮށްލެވެއެވެ.










