ސަރުކާރުގެ މަގާމުތަކަށް ދާން މެމްބަރުކަމުން އިސްތިއުފާ ދިން މެމްބަރުންގެ ގޮނޑިތައް ނުހިމަނައި މެންބަރުން ޖުމްލަ އަދަދު ގުނުން ގޯސް ކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމަށް އަމަލުނުކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
މިކަން ފާސްކުރީ މަޖިލީހުގެ އަންގާރަ ދުވަހުގެ ޖަލްސާއަށް ރައީސް މުހައްމަދު އަސްލަމް ހުށަހެޅުއްވުމުންނެވެ.
އެގޮތުން އަސްލަމް ވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބެއް ބާއްވަން ހަ މަހަށް ވެފައި އޮއްވައި (ބައި-އިލެކްޝަނެއް ނުބޭއްވޭނެ ހާލަތުގައި) އެ މަޖިލީހުގެ ގޮނޑިއެއް ހުސްވެއްޖެ ނަމަ މެންބަރުންގެ ޖުމުލަ އަދަދު ގުނާނީ ހުސްވި ގޮނޑިތައް ނުހިމަނާ ކަމަށް ބުނެ ފަހުން ގެނައި އިސްލާހާ މެދު ގޮތެއް ނިންމަން ހުށަހަޅައިފައެވެ.
އެއީ އެ މާއްދާއަކީ ސުޕްރީމް ކޯޓުގެ ނިންމުމާ ހިލާފު މާއްދާއެއް ކަމަށްވާތީއެވެ.
ސުޕްރީމް ކޯޓުގެ އެ ހުކުމާ ގުޅިގެން ވިލިނގިލި ދާއިރާގެ އެމްޑީޕީ މެންބަރު ސައުދު ހުސައިން ވަނީ، މަޖިލީހުގެ ޖުމްލަ އަދަދު 80 މެންބަރުން ކަމަށް ކަނޑައަޅަން ހުށަހަޅުއްވާފައެވެ.
އެ ހުށަހެޅުމާ ގުޅޭ ގޮތުން ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 25 މެންބަރުންގެ ތެރެއިން 23 މެންބަރަކު އެގޮތަށް ފާސްކުރަން ރުހުން ދިންއިރު، ދެކޮޅަށް ވޯޓު ދިނީ ދެ މެންބަރުންނެވެ.
މި މައްސަލައަށް މެންބަރުން ބަހުސްކުރިއިރު ސަރުކާރަށް ތާއީދުކުރާ މެންބަރުން ފިޔަވައި ގިނަ މެންބަރުން ވާހަކަދެއްކެވީ ޖުމްލަ އަދަދު ގުނުމުގައި ހުސްގޮނޑި ގުނަން ނުޖެހޭނެ ކަމަށެވެ.
އެގޮތަށް ފާސްވުމުން އަސްލަމް ވިދާޅުވީ މީގެ ފަހުން މަޖިލިސް މެންބަރުންގެ ޖުމްލަ އަދަދު ކަމަށް މީގެ ފަހުން ބަލާނީ 80 ކަމަށެވެ.
އެހެންކަމުން ސުޕްރީމު ކޯޓަށް ޗެލެންޖުކޮށް މަޖިލީހުން ވަނީ ހުސް ގޮނޑި ނުގުނަން ނިންމާފައެވެ.
މަޖިލީހުގައި ތިއްބަވާ 87 މެންބަރުންގެ ތެރެއިން ހަތް މެންބަރަކު މި ސަރުކާރުގެ މަގާމުތަކަށް ވަޑައިގަތުމަށް އިސްތިއުފާ ދެއްވުމުން، އެމްޑީޕީގެ އަޣުލަބިއްޔަތު އޮންނަ މަޖިލީހުން ވަނީ އިސްތިއުފާ ދޭ މެންބަރުން ނުހިމަނައި ޖުމްލަ އަދަދު ގުނުމަށް މަޖިލީހުގެ ގަވައިދަށް އިސްލާހު ގެނެސްފައެވެ.
އެ މައްސަލަ ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން މިދިޔަ މަހުގެ 29ގައި އެ ކޯޓުން ހުކުމްކުރީ މެންބަރުންގެ އަދަދު 80އަށް ހަދަން މަޖިލީހުގެ ގަވާއިދަށް ގެނައި ބަދަލު ގާނޫނުއަސާސީއާ ޚިލާފު ކަމަށެވެ. ނަމަވެސް އޭރު މަޖިލީހުން ވަނީ އެ މާއްދާ ބާތިލުކޮށް، އެހެން މާއްދާއެއްގައި ކުދިކުދި ބަދަލުތަކާ އެކު އެ އިސްލާހު ހިމަނަން ފާސްކޮށްފައެވެ.
ސުޕްރީމު ކޯޓުގެ ހުކުމާ ގުޅިގެން މަޖިލީހުން ވަނީ އެއް ބާރުން އަނެއް ބާރަށް އަރައި ނުގަނެވޭނެ ކަމަށާ މަޖިލީހުގެ އިހުތިސާސުގެ ތެރެއަށް ކޯޓުތަކަށް ނުވަދެވޭނެ ކަމަށް ބުނެފައެވެ.