
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުވާލުމުގެ ބާރު ސިޔާސީ ޕާޓީތަކަށްދީ ގާނޫނުއަސާސީއަށް ގެނައި އިސްލާހާ ގުޅޭ ދުސްތޫރީ މައްސަލައިގެ ދެވަނަ އަޑުއެހުން ސުޕްރީމް ކޯޓުގައި ތާވަލުކޮށްފިއެވެ.
މައްސަލަ ތާވަލްކޮށްފައި ވަނީ އަންގާރަ ދުވަހުގެ 10:30 އަށެވެ.
ގާނޫނީ ވަކީލު އަލީ ހުސެއިން ހުށަހެޅުއްވި ދުސްތޫރީ މައްސަލައިގެ ފުރަތަމަ އަޑުއެހުން ބޭއްވީ ފެބްރުއަރީ 17، 2025 ގައެވެ. މައްސަލައިގެ 2 ވަނަ އަޑުއެހުން، ފުރަތަމަ އަޑުއެހުމަށް 421 ދުވަސް ވީ ފަހުން ބާއްވާއިރު، ފުރަތަމަ އަޑުއެހުމަށް ފަހު ފާއިތުވި މުއްދަތުގެ ތެރޭގައި ސުޕްރީމް ކޯޓަށް ގިނަ ބަދަލުތަކެއް ވަނީ ގެނެސްފައެވެ.
އެގޮތުން ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑު ކުރެވުނީ، ހަމަ މި މައްސަލަ ކުރިއަށްދަނިކޮށް، ވަގުތީ އަމުރެއް ނެރެދިނުމަށް ހުށަހަޅައި، އެ ހުށަހެޅުމާ ގުޅޭ އަޑުއެހުން ފެށުމަށް ކުޑަ ވަގުތެއް ކުރިންނެވެ.ޖުޑީޝަލް ސާވިސް ކޮމިޝަނުން ސަސްޕެންޑު ކުރީ ފަނޑިޔާރު ހުސްނުއްސުއޫދާއި، ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި، ފަނޑިޔާރު ޑރ. އައިޝަތު އަޒްމިރަލްދާ ޒާހިރެވެ.
ތިން ފަނޑިޔާރުން ސަސްޕެންޑު ކުރީ، ޖިނާއީ ތަހުގީގެއް ކުރިއަށްދާ ކަމަށް ބުނެ، ތަހުގީގު ހިންގަމުންދިޔައީ އެންޓި ކޮރަޕްޝަން ކޮމިޝަނުންނެވެ. ނަމަވެސް، މިއަދާ ހަމައަށް ވެސް އޭސީސީ އިން އެ މައްސަލައިގައި ވަކި ގޮތެއް ނިންމާފައި ނުވެއެވެ. ތިން ފަނޑިޔާރުން ސަސްޕެންޑު ކުރުމުގެ ކުޑަވަގުތުކޮޅެއް ކުރިން، ރައްޔިތުންގެ މަޖިލީހުން ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް މަދުކުރަން ކޯޓުތަކުގެ ގާނޫނަށް އިސްލާޙް ގެނެސްފައެވެ.
ނަމަވެސް، އަވަސް އަރުވާލައިގެން އެންމެ 48 ގަޑިއިރު ތެރޭގައި ރައްޔިތުންގެ މަޖިލީހުން މިގޮތަށް ގާނޫނު އަސާސީ އިސްލާހުކުރީ 2024 އަހަރުގެ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހުގަ އެވެ. ހަމަ އެ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު މި އިސްލާހު ތަސްދީގުކުރެއްވިއެވެ. ފަހުން، ފަނޑިޔާރު އަޒްމިރަލްދާ އާއި ފަނޑިޔާރު މަހާޒު ވަކިކޮށް، ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ ސުޕްރީމް ކޯޓުން އިސްތިއުފާ ދެއްވައިފައެވެ. ހުސްނުއްސުއޫދު ވިދާޅުވީ، ވަކި ގޮތަކަށް ދުސްތޫރީ މައްސަލަ ނިންމުމަށް ރައީސް މުއިއްޒު ނުފޫޒު ފޯރުވަމުން ދިޔުމުން، އެކަމާ އިހުތިޖާޖު ކުރެއްވުމުގެ ގޮތުން އިސްތިއުފާ ދެއްވީ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު އޭނާ ނިސްބަތްވާ ޕާޓީން ވަކި ކުރުމުން، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސް އެ މެންބަރުގެ ގޮނޑި ވަގުތުން ގެއްލޭ ގޮތަށް އެ ގާނޫނު ބާއްވަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ވަނީ 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. ސަރުކާރުގެ ފަރާތުން ގާނޫނު އަސާސީ އަށް ބަދަލު ގެނައުމުގެ ބިލު ހުށަހެޅުއްވީ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއުއެވެ.
ޝުޖާއު ހުށަހަޅުއްވާފައި ވަނީ ޕާޓީން ވަކި ކުރިޔަސް ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ގެއްލޭނީ އާންމު ވޯޓަކުން މެންބަރު ކަމުން ވަކި ކުރަން ރައްޔިތުންނަށް ފެނިއްޖެ ނަމަ ކަމަށް ހަދަން ގާނޫނު އަސާސީ އަށް އިސްލާހު ގެނައުމަށެވެ.
ގާނޫނީ ވަކީލު އަލީ ހުސައިން ހުށަހެޅި ދުސްތޫރީ މައްސަލައިގައި ބުނެފައިވަނީ، ގާނޫނުއަސާސީގެ 73 ވަނަ މާއްދާއަށް ގެނައި ބަދަލަކީ، ދިވެހި ދައުލަތުގެ ހުރިހާ ބާރެއް ރައްޔިތުންގެ ކިބައިގައި ދެމި ހުންނަންވާނެ ކަމަށް ގާނޫނުއަސާސީގެ ހަތަރު ވަނަ މާއްދާ ކަނޑައަޅާ އަސާސާ ހިލާފު ބަދަލެއް ކަމަށެވެ.
ހަމައެހެންމެ، ދިވެހި ދައުލަތުގެ ހުރިހާ ބާރެއް ހިންގަންވާނީ ގާނޫނުއަސާސީ ތަންދޭ ގޮތުގެ މަތިން ކަމަށް ގާނޫނުއަސާސީގެ އަށް ވަނަ މާއްދާ ބަޔާންކުރާ ހަމައާ ވެސް ފުށުއަރާ ކަމަށެވެ. އަދި ގާނޫނު ހެދުމުގެ ބާރު ލިބިފައިވާ ވަކި މިނިވަން ބާރެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލިސް ދެމި އޮންނަންވާނެ ކަމަށް ގާނޫނުއަސާސީގެ ފަސް ވަނަ މާއްދާ ކަނޑައަޅާ ދުސްތޫރީ ހަމައާ ވެސް ހިލާފު ކަމަށެވެ.
މީގެ އިތުރުން، ގާނޫނުއަސާސީގެ 26 ވަނަ މާއްދާ އާއި، 75 ވަނަ މާއްދާ އާއި، 90 ވަނަ މާއްދާއާ ވެސް އެ ބަދަލު ފުށުއަރާ ކަމަށް ހުށަހެޅި މައްސަލައިގައި ބަޔާންކޮށްފައިވެއެވެ. ތިން ބާރު ވަކިވެފައިވާ ރިޔާސީ ނިޒާމު ގަޑުބަޑުވެ، ވެރިކަން ހިންގުމުގެ ބާރާއި ގާނޫނު ހަދާ ބާރާ ދެމެދު ހިފެހެއްޓިފައި ހުންނަންޖެހޭ ވަކިވެ ތިބުމުގެ ރޮނގު ފުހެވިގެންދާނެ ކަމަށް ވެސް ހުށަހެޅި މައްސަލައިގައި ފާހަގަކޮށްފައިވެއެވެ.
މައްސަލާގައި ގާނޫނީ ވަކީލު އަލީ ހުސައިން ސުޕްރީމް ކޯޓުގައި ދެ ކަމަކަށް އެދިވަޑައިގެންފައިވެ އެވެ. ފުރަތަމައީ، ގާނޫނުއަސާސީގެ 73 ވަނަ މާއްދާއަށް ގެނައި ބަދަލަކީ ދުސްތޫރީ ބާރުވެރިކަން ލިބިގެން ނުވާ ބާތިލު ބަދަލެއް ކަމަށް ކަނޑައަޅައިދިނުމަށެވެ. ދެވަނަ ކަމަކީ، ބަދަލަށް އަމަލުކުރެވޭ މުއްދަތުގައި ވެސް، މިހާރު ހިނގަމުންދާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މައްޗަށް އެ ބަދަލު ހިނގާނެ ބަދަލެއް ނޫން ކަމަށް ކަނޑައަޅައިދިނުމަށެވެ.
މައްސަލައިގެ ފުރަތަމަ އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ވަނީ އިޖުރާއީ ނުކުތާއެއް ނަންގަވައި، ސުޕްރީމް ކޯޓަށް އެ މައްސަލަ ބެލުމުގެ އިހުތިސާސް ލިބިގެން ނުވާ ކަމަށް ކަނޑައަޅައިދިނުމަށް އެދިފައެވެ. ނަމަވެސް ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ބެންޗުން ވަނީ ދެ ފަރާތްތަކުގެ ހުށަހެޅުންތަކަށް ރިއާޔަތްކުރުމަށް ފަހު، މައްސަލަ ކުރިއަށް ގެންދިޔުމަށް ނިންމަވައިފައެވެ.
ނޫނު އަސާސީގެ 73 ވަނަ މާއްދާ އަށް ހުށަހެޅި އިސްލާހު ގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލިހުގެ މެންބަރަކު ތަމްސީލު ކުރާ ސިޔާސީ ޕާޓީގެ މެންބަރު ކަމުން ގާނޫނު ގައި ބަޔާން ކުރާ ގޮތުގެ މަތިން ވަކި ކުރާ ހާލަތުގައި، އެ މީހަކު މަޖިލީހުގެ މެންބަރު ކަމުން ވަކިވާނީ އިންތިޚާބުވި ދާއިރާގެ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ގާނޫނުގައި ބަޔާން ކުރާ ގޮތުގެ މަތިން ނަގާ އާންމު ވޯޓެއް ގައި އެ މީހަކު ރައްޔިތުންގެ މަޖިލިހުގެ މެންބަރު ކަމުން ވަކި ކުރުމަށް ވޯޓު ދިން މީހުންގެ އަޣުލަބިއްޔަތު ލިބިއްޖެ ނަމައެވެ.









