
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލޭ ޙާލަތްތައް ބަޔާންކޮށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލްކުރުމަށް ސުޕްރީމް ކޯޓަށް ހުށައެޅި މައްސަލައިގައި ވަކި ގޮތެއް ނިމެންދެން މަޖިލީހުގެ މެމްބަރުންނާއި މައްސަލަ ބައްލަވާ ފަނޑިޔާރުންނާމެދު އެއްވެސް ފިޔަވަޅެއް ނޭޅޭނެ ކަމަށް ކަނޑައަޅައިދިނުމަށް އެދުނު ނަމަވެސް، އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށް ނިންމައިފިއެވެ.
ސަރުކާރުގެ ފަރާތުން ގާނޫނު އަސާސީއަށް ހުށަހެޅުނު އިސްލާހު މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހު މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސެއިން ސްޕްރީމް ކޯޓަށް މައްސަލައެއް ހުށަހެޅުއްވީ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހު ހުށަހެޅި ދުސްތޫރީ މައްސަލައިގައި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ސިޔާސީ ޕާޓީ ބަދަލު ކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހަށް އަމަލުކުރުން މަޑުޖައްސާލައި އެފަދަ އެއްވެސް އިޖުރާތެއް ކުރިއަށް ނުގެންދަން އަމުރުކޮށްދިނުމަށް އެދި ހުށައަޅާފައިވާ ހުށައެޅުމާމެދު ގޮތް ނިންމާ ސުޕްރީމު ކޯޓުން ވަނީ އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށް ނިންމާފައެވެ.
ހަތް ފަނޑިޔާރުން ސޮއިކޮށް ނެރެފައިވާ މެމްބަރުންނާ ގުޅޭ ނިންމުމުގައި ވަނީ އެފަދަ ވަގުތީ އަމުރެއް ނެރުމުގެ ނަތީޖާއަކީ މި މައްސަލާގައި މައުޟޫއީ ގޮތުން ކަނޑައަޅަން ޖެހޭ ނުކުތާއަކަށް އަސަރުކުރުން ކަމަށް ބުރަވެވޭތީވެ އެފަދަ އަމުރެއް ނެރެެދެވޭނެ ތަނެއް ނެތް ކަމަށް ސުޕްރީމް ކޯޓްގެ ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައަޅާ ކަމަށެވެ.
ފަނޑިޔާރުންނާ ގުޅޭ އަމުރުގެ ނިންމުމުގައި ސުޕްރީމް ކޯޓުން ބުނީ، އެ އަމުރަކީ ފަނޑިޔާރުންގެ އަމިއްލަ މައްސަލައެއްގައި އަމިއްލައަށް ނިޔާ ކަނޑަނޭޅޭނެ ކަމަށް ބުނާ ތަބީއީ އަދުލުގެ އަދާލަތުގެ ހަމައާ ޚިލާފު އެދުމެއްކަމަށްވާތީ، އެ އަމުރު ނެރެދެވެން ނެތް ކަމަށެވެ.
އަލީ ހުސައިންގެ ފަރާތުން މައްސަލަ ހުށަހެޅިއިރު ދެ ވަގުތީ އަމުރެއް ނެރެދިނުމަށް އެދިފައިވެ އެވެ. އޭގެ ތެރެއިން އެއް ކަމަކީ މައްސަލަ ކޯޓުން ނިންމުމުގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެންބަރެއްގެ މަގާމުން ވަކިކުރުމާބެހޭ އެއްވެސް އިޖުރާއަތެއް ނުހިންގުމަށް އަމުރުކޮށްދީ ވަގުތީ އަމުރެއް ނެރެދިނުމަށް އެދިފައިވާ ހުށަހެޅުމެވެ.
ދެވަނަ އަމުރެއްގެ ގޮތުގައި އޭރު އެދިފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ މައްޗަށް ތަހުގީގެއް ހިންގައި ފަނޑިޔާރުން ވަކި ކުރުމާ ގުޅޭ އެއްވެސް އިޖުރާއަތެއް ކުރިއަށް ނުގެންދިއުމަށް އަމުރު ކޮށްދިނުމަށެވެ. އޭރު އެ ހުށަހެޅުން ހުށަހެޅީ މި މައްސަލަ ހުށަހެޅުނު ހިސާބުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ގެ އަދަދު މަދު ކުރުމަށް ބިލެއް ހުށަހަޅައި، ފަނޑިޔާރުންތަކެއް ވަކި ކުރަން އުޅޭކަމުގެ އަޑު ގަދަވެފައި ވަނިކޮށެވެ.










