March 22, 2026
Advertisement
މުޅި ދުނިޔެ ހާސްކަމުގައި، ރާއްޖޭގެ ވެރިން އިންތިހާބަށް ކަނޑަޖެހުމަށް ނޯވޮރީ ޓެގުގައި!
މުޅި ދުނިޔެ ހާސްކަމުގައި، ރާއްޖޭގެ ވެރިން އިންތިހާބަށް ކަނޑަޖެހުމަށް ނޯވޮރީ ޓެގުގައި! / ތޭރަގްރެފިކްސް

މުޅި ދުނިޔެ ހާސްކަމުގައި، ރާއްޖޭގެ ވެރިން އިންތިހާބަށް ކަނޑަޖެހުމަށް ނޯވޮރީ ޓެގުގައި!

Mariyam Isaadha
މަރިޔަމް އިސާދާ
Mar 22, 2026, 04:08 PM
މާލެ ސިޓީ

މެދުއިރުމަތީގައި ބޮޑު ހަނގުރާމައެއް ފެށި، އެ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ މެރިޓައިމުގެ މުހިއްމު ޜޫޓުތަކެއް ބަންދުވުމާ އެކު ދުނިޔޭގެ އެތަން މިތަނުގެ ކަނޑުމަގުގެ ވިޔަފާރީ ހުއްޓުމަކަށް އަތުވެއްޖެއެވެ.

Advertisement

އެއާއެކު މުޅި ދުނިޔޭގެ ސަމާލުކަން އެކަމަށް ހުއްޓި ގައުމުތަކުން ދެން ވާނެ ގޮތަކާ މެދު ފިކުރު ހިންގަން ފެށިއެވެ. ކުރިއަށް އޮތީ ހިކި ކުރާގަނޑުތަކެއްގެ ޒަމާން ކަމަށް ލަފާކޮށް ރއްކާވެ ތިބިއްޔާ ދަތުރޭ ބުނާ އުސޫލުން ރައްކާތެރިކަމުގެ ފިޔަވަޅު އަޅާ ދުނިޔޭގެ ބޮޑެތި އިގްތިސޯދީ ގައުމުތަކުންވެސް ޚަރަދުކުރުމުގެ ފިޔަވަޅުތައް އަޅާ އަމަލީ ސިފަވެސް އެކަންކަމަށް ގެންނަން ވެސް ފަށައިފިއެވެ.

ނަމަވެސް އިގްތިސޯދީ ގޮތުން ބޯމަތިވަމުން އަންނަ ބޯކަޅު ވިލާގަނޑުގެ ސަބަބުން މިގައުމަށް ވެދާނެ ގެއްލުމާ އެކަމުން އަރައިގަންނަން އުނދަގޫވާނެ ކަން މިއަދުގެ ސަރުކާރުން ވިސްނާނަލަން ކުޑައިކޮށްވެސް ބޭނުންވާ ކަމަށް އަމަލުތަކުން ނުފެނެއެވެ.

ތެލާ ކާބޯތަކެތި ނުލިބާދެނީ މުޅި ދުނިޔެ ހާސްކަމުގައި، ރާއްޖޭގެ ވެރިން ނޯ ވޮރީސް ޓެގުގައި!

ހޮރުމޫޒު ކަނޑު އޮޅި ބަންދުކުރުމާ އެކު އެންމެ ބޮޑަށް ދުނިޔޭގެ ގައުމުތަކުން ކަންބޮޑުވި މައްސަލައަކީ ތެޔޮ ލިބުމުގައި ދިމާވާނެ އުނދަގުލާ ތުރާލާ ގުޅޭގޮތުންނެވެ. އެގޮތުން ހިރމޫޒު ކަނޑުއޮޅި ދުނިޔޭގެ ތެލާ މުދާވެސް އުފުލާ ބޯޓު ފަހަރުތައް ދަތުރުކުރާ މުހިއްމު ރޫޓަށްވާއިރު ހަނގުރާމަ ފެށުމާއެކު އިރާނުން އެ ސަރަހއްދު ބަންދުކޮށް ސަރަހައްދަށް ވަންނަން މަސައްކަތްކުރާ ބޯޓުތަކަށްވެސް ހަމަލާދޭން ފެށުމާއެކު އެ ރޫޓުން ދަތުރުކުރުން ބޯޓުތަކުން މަޑު ޖައްސާލިއެވެ. އެއާއެކު މުދާ އެތެރެ ކުރާ ގައުމުތަކަށް އެކަމުގެ ލޯލުން އަރަން ފެށިއެވެ. ޚާއްސަކޮށް ތެޔޮ ލިބުމުގެ ދަތިކަން އިހުސާސްކުރެވި ތެލުގެ މިންވަރު އިގްތިސޯދުކުރުމަށް ފިޔަވަޅުތަކެއް އެޅިއެވެ.

ރާއްޖޭގެ ރައީސް ނަމަވެސް ވިދާޅުވީ ތެޔޮ ލިބުމުގައި އެއްވެސް ހާސްކަމެއް ނެތް ކަމަށާ ރާއްޖޭގައި އެންމެ މަސް ދުވަހުގެ ތެޔޮ ރިޒާވުގައި ހުރި ކަމަށެވެ. ބޮޑު ހަނގުރާމައަކަށް ބަލާއިރު ތެލުގެ މަސް ދުވަހުގެ ރިޒާވަކީ ހަގީގަތުގައި ހުވަނދަކަށްވެސް ނުވާނެއިރު ރައީސް މީހާއަށް ތެޔޮ ހޮދުމުގައި ހާސްކަން ނެތީ ސިކުނޑީގެ ބަދަލުގައި މީދާ ކެއި އުނބެއް އިނުމުން ބާއޭ ހިތަށް ތަސައްވުރު ނުވޭތޯއެވެ.

ތެލުގެ އަގު ހިފަހައްޓާނީ އެސްޓީއޯގެ ފައިދާ ބޭނުންކޮށްގެންނޭބުނާއިރު އެއީ އާންމުންގެ މެދުގައި މަގުބޫލު ކަމަކަށް ވިޔަސް، މީގެ ސަބަބުން ހަކަތައިގެ ހަގީގީ އަގު އޮޅި، ހުސްވާނީ އެސްޓީއޯގެ ރައުސުލްމާލުކަން އިގްތސިޯދުގެ އަލިފުވެސް އެނގޭނަމަ ވިސްނާލެވޭނެއެވެ.

ތެލުގެ ސަބްސިޑީއަށް ބަޖެޓުކުރި ވަރަށް ވުރެ އިތުރަށް އެއް ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކުރެވޭއިރު މިއީ ބަނގުރޫޓުވަމުންދާ ދައުލަތަކަށް އެސްޓީއޯ ބޭނުންކޮށްގެން ވެސް އުފުލޭނެ ބުރައެއްނޫން ކަން ވެރިންނަށް ނޭނގެއެވެ.

ގައުމަށް އާމްދަނީ ވަންނަ އަސްލު ދޮރާށިކަމުގައިވާ ފަތުރުވެރިކަން ދަށަށް ގޮސް، ބޮޑެތި ސިންގާ ދަރަނިތައް ދައްކަން އޮއްވާ، ތެލުގެ އަގު ހިފެހެއްޓިފައި ހުންނަ ކޮންމެ ދުވަހަކީ މިހާރު ވެސް 8.8 ބިލިއަން ރުފިޔާގެ ބޮޑު ޑެފިސިޓެއްގައި އޮތް ބަޖެޓުގެ ޑެފިސިޓު ބޮޑުވެ، ފައިނޭންސިން އިތުރުވާނެ ކަމެކެވެ. އޭގެ މާނައަކީ ދަރަނިވެސް ދުވަހުން ދުވަހަށް އުފުލުމެވެ.

ކާބޯތަކެތީގައިވެސް ދަތިކަން ކުރިމަތި ނުވާނެ ކަމަށް ރައީސް މީހާ ހާމަކޮށްފައިވާއިރު ރާއްޖެއަކީ ކެއިން ބުއިމުގެ ބޮޑު ބައި އިމްޕޯޓަށް ބަރޯސާވެފައި އޮންނަ ގައުމަކަށްވާއިރު ބަންދުކުރި ދަޅުކާނާގެ ބާވަތްތަކަށް ެކަނި ބެލިނަމަވެސް އެއީ ދުބާއީއިން އެތެރ ކުރާ ތަކެއްޗަށްވެފައި ކަނޑުގެ މަގާ ވައިގެ މަގުވެސް އެ ސަރައްހަދުގައި ބަންދުވެފައިވުމުން ރާއްޖެއަށް ދަޅުކާނާގެ ބާވަތްތައް އެތެރެކުރުން ހަނގުރަމައިގެ ސަބަބުން ވަގުތީ ގޮތުން ހުއްޓުމަކަށް އައުމަކީ ނުވުމަށް ވުރެ ވުން ގާތް ކަންކަމެވެ.

މީގެ އިތުރުން ހޮރުމޫޒު ކަނޑުއޮޅިއަކީ އެ ކަނޑުއޮޅިއެއް ގިރާކޮށް ދުނިޔޭގެ އެތަން މިތަނުގެ ދަނޑުވެރިންނަށް ބޭނުންވާ ގަސްކާނާގެ ބާވަތްތައް އުފުލާ ބޯޓުތައް ދަތުރުކުރާ ކަނޑުއޮޅިއަކަށްވުމުން ގަސްކާނާ ލިބުން ދަތިވެ ދަނޑުވެރިކަމަށް ބުރޫ އަރާ މޭވާއާ ތަރުކާތީ ގޮވާމުގެ ބާވަތްތައްވެސް ލިބުން ދަތިވުމަކީ ކައިރި މުސްތަގުބަލުގެ ދުރުމީއިން ފެންނަން ހުރި ހިތްދަތި މަންޒަރެވެ.

ނުވީތާކަށް ރާއްޖޭގައި ހުރި އެންމެ ބޮޑު އެއް ގަސްކާނާ ގުދަން އިހަކަށް ދުވަހު އަދާ ހުލިވެެގެން ދިޔައިރު، އެއީ ރާއްޖޭގައި ތައްޔާރުކުރާ ދަނޑުވެރިކަމުގެ ބާވަތްތައްވެސް ލިބުމުގައި ހުރަހަކަށްވެގެންދާނެކަމެވެ.

ނަމަވެސް ދެންވެސް ވެރިން ބުނަނީ ނޯވޮރީޒްއޭ އެވެ.

ފަތުރުވެރިކަން ބަރާބަރޭ ބުނާއިރު، ހިސާބުތައް ދައްކަނީ މުޅިން ގޯސްކޮށް!

ފަތުރުވެރިކަމަކީ ރާއްޖޭގެ ރަންބިސް އަޅާ ކުކުޅު ކަން މިއީ މިއަދު އެންމެ ތުއްތު ކުއްޖާވެސް ދަންނަ ހަގީގަތެކެވެ. ރާއްޖޭގެ އިގްތިސޯދު ދެކަމެއްގެ މައްޗަށް މައިގަނޑު ގޮތެއްގައި ބިނާވެފައި އޮންނަ އިރު އޭގެތެރެއިން އެންމެ އާރު ހުރީ ފަތުރުވެރިކަމުގެ ސިނާއަތުގައެވެ.

އެހެންކަމުން މެދުއިރުމަތީގެ ހަނގުރާމަ ފެށި ދުނިޔޭގެ ދަތުރު ފަތުރުފަތުގެ ނިޒާމަށް ބޮޑެތި ބަދަލުތަކާ އެކު ދަތުރުފަތުރު ހުއްޓުމަކަށް އައުމުން ފަތުރުވެރިން އެމީހުންގެ މަންޒިލްތަކަށް ދަތުރުކުރުން ވަނީ ފުލުސްޓޮޕް ޖެހިފައެވެ. ނަމަވެސް ރާއްޖޭގެ ސަރުކާރުން ބުނަމުން ދިޔައީ ހާސްކަމެއް ނެތް ކަމަށެވެ.

 ހަނގުރާމައަށް ތިން ހަފުތާ ވާން ގާތްވެފައިވާއިރު، ރާއްޖޭގެ ފަތުރުވެރިކަމުގެ ހިސާބު ކިތާބުތަކުން ދައްކާނީ ރަތް އިންޒާރެވެ. އެގޮތުން ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާްހިސާބުތަކަށް ބަލާއިރު، މާރޗު މަހުގެ ފުރަތަމަ 15 ދުވަހު ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރި މިންވަރު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ.

ނަމަވެސް މިދިޔަ އަހަރުގެ މާރޗު މަހުގެ ފުރަތަމަ 15 ދުވަހު 95,755 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެއެވެ. މި އަހަރުގެ މި މުއްދަތުގައި އެ އަދަދު ވަނީ 76,369އަށް ދަށްވެފައެވެ.

ހިސާބު އަދަދުތަކެއް ދޮގު ނުހަދާނެ ކަމަށް ގައުމުގެ އިގްތިސޯދީ މާހިރުން އެކި މަހަލްތަކުގައި ބުނަމުންދާއިރު، މި އަދަދުތަކަކީ ފަތުރުވެރިކަން އިންތިހާއަށް ދަށްވަމުންދާކަމުގެ އިންޒާރުގެ ރަނގަބީލެވެ. މިއީ ކޮވިޑުގެ ބަލިމަޑުކަމަށް ފަހު އިގުތިސާދު އިޔާދަވަމުން އައިއިރު ހުރި މިންވަރެވެ.

ރާއްޖެއަށް 300އަށް ވުރެ ގިނަ ފްލައިޓް ކެންސަލްވެ، 60،000 އަށް ވުރެ ގިނަ ބުކިން ކެންސަލްވެ، ގާތްގަނޑަކަށް 350،000 ރޫމް ނައިޓްސް ގެއްލިފައިވާ ކަމަށް ލަފާކުރެވޭ ކަމަށް ރާއްޖޭގެ އެންމެ ބޮޑު ޓްރެވެލް އެޖެންޓު، އިނަރ މޯލްޑިވްސްއިން ހާމަކޮށްފައިވެސްވެއެވެ.

މިއީ ގަލްފުގެ ވައިގެ ސަރަހައްދު ބަންދުވުމާއި، ޔޫރަޕުން ރާއްޖެއަށް ޓޫރިސްޓުން އުފުލާ މައިގަނޑު އެއާލައިންތައް ކަމަށްވާ އެމިރޭޓްސް، ގަތަރު އެއާވޭސް އަދި އިއްތިހާދު ފަދަ އެއާލައިންތަކުގެ ދަތުރުތައް މެދުކަނޑާލުމުގެ އަސަރެވެ. އޭގެ ނަތީޖާއެވެ.

ގައުމުގެ މަސްލަހަތަށް ވުރެ ވެރިންގެ މަސްލަހަތު އިސްކޮށް ޚަރަދު ކުޑަކުރުން ބޯކޮޅު ވަތަށް!

ގައުމުގެ ހާލަތު ދުވަހުން ދުވަހަށް ދަށަށް ދަމުންދާ މަންޒަރު އެކި ރާދަރުތަކަށް އަރާފައިވާއިރު މިގައުމުގައި ފެންނަމުން ދަނީ ނަމަވެސް ވަކި ބައެއް ނުވަތަ ވަކި ކުލައެއްގެ މަސްލަހަތު ހިމާޔަތްކުރުން މުހިއްމުކަމުގައެވެ.

މުޅި ދުނިޔެ ރަތް ސިގްނަލުގައި އޮތް އިރު ވިލުނޫކުލައިގެ ސަރުކާރުގެ އަމަލުތަކުން ބުނާ ކަހަލައެވެ. އަހަރުމެންނަށް އަދިވެސް އޮތީ ގްރީން ސިގްނަލު ލިބިފައެވެ. މީގެ ދެ އަހަރާ ބައި ކުރިން ބުނި ފަދައިންނެވެ. ނަމަވެސް ޓްރެފިކު ލައިޓުގައި ޖެހި ރަތުން ނުނެއްޓި އިގްތިސޯދު އޮތް އިރުވެސް ފެންނަމުންދަނީ ސަރުކާރުގެ މަސްލަހަތު ހިމާޔަތްކުރުން ނޫން ކަމެއް މިވެރިންނާ މަތިވެފައިނުވާހެންނެވެ.

އިންތިހާބެއް ބޯމަތިވަމުން އަންނަކަން ނުދަންނަ ތުއްތު ކުއްޖަކުވެސް ނެތްއިރު ިއގތްިސޯދުގައި ކަޅު ސާލެއް ދަމާ ނޭވާ ހޮޅިއަށް އެޅިއަށް ގައުމު ވެންޓިލޭތަރުން ނޭވާ ލައްވަމުންވެސް މިވެރިން ބަލަނީ އިންތިހާބަށް ކަނޑަ ޖަހާ ރައްޔިތުން ލޮލުގައި އަނދުން އެޅުވޭތޯއެވެ.

ހަނގުރާމައާ ގުޅިގެން ޚަރަދު ކުޑަކުރުމުގެ އެއްވެސް ފިޔަވަޅެއް އަޅަން ދިވެހިރާއްޖެއަށް ނުޖެހެޔޭ ބުނާހެން އަމަލުތައް ބަހައްޓަމުން ވެރިން ދުވަނީ ބައިތުލް މާލުގައި ނެތް ފައިސާއަކުންވެސް މުސާރަދޭން ވަޒީފާތައް ތަބަކަށްލާ ބަހަމުންނެވެ. ރިކަރަންޓު ޚަރަދުގެ ވާފަށށަސް އިހުނަށް ބަރުކުރަމުންނެވެ. 

މެދުއިރުމަތީގެ ހަނގުރާމަ ދިގުލައިގެންދާ ކޮންމެ މަހަކު، ދިވެހި ސަރުކާރުގެ އާމްދަނީން 85 މިލިއަން ޑޮލަރާއި 100 މިލިއަން ޑޮލަރާ ދެމެދުގެ ބޮޑު ގެއްލުމެއް ލިބޭނެ ކަމަށް ހިސާބުތަކުން ދައްކާއިރު ފެންނަ ލޯ ނުފެންނަ ލޮލަށް ހަދައިގެން ތިބެ ރައީސުލްޖުމްހޫރިއްޔާވެސް ހިމެނޭހެން މިގެންދަނީ ޚަރަދުތައް މެކުހަށް ޖަހަމުންނެވެ.

އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ 33.5 ބިލިއަން ރުފިޔާއިން ކޮންމެ މަހެއްގައި ގެއްލިގެންދާ ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ގެއްލިގެންދާނެކަމަށް އަންދާޒާ ކުރެވޭއިރުވެސް އެގަހު ކޭލެއް މިގަހު ކޭލެއް ހިސާބުތަކުން ބެލުމެއް ނެތި ސަރުކާރުން ގެންދަނީ ހިތުހުރި ގޮތަކަށް ނޫޓުތައް ތަޅާ ބުރުއްސަމުންނެވެ.

ސުމާރެއް ބެލުމެއް ނެތި އިންތިހާބަށް ކަނޑަ ވިއްދަން ފައިސާއާ ވަޒީފާ ބަހަމުންދަނީ ކުޑަކޮށްވެސް ހާސްކަމެއްގެ ރޫވެސް ނިތްކުރިމަތިން ފާޅުކޮށްނުލާއެވެ. ބުނާ ކަހަލައެވެ. އަހަރުމެންނަށް އިންތިހާބު ކާމިޔާބުވަނިކޮށް ނިމުނީއެވެ.

ނަމަވެސް ރައްޔިތުން ވިސްނަން ޖެހޭ ކަމަކީ އިންތިހާބާ ދިމާކޮށް ހާސްކަމުގެ ނިޝާނެއް ވެރިންގެ މުނުމަތިން ނުދެއްކި ނަމަވެސް އިންތިހާބު ނިމުމާއެކު ހަނގުރާމައިގެ ސަބަބުން އަންނަ ދަތިކަމުގެ އަސަރު އާންމު ދިރިއުޅުމަށް ފެންނަން ފަށާނެކަމެވެ. އޭގެ އެއް ހެއްކަކީ ތެޔޮލިބުމުގައި ދަތިކަމެއް ނެތޭ ބުނެ 72 ގަޑިއިރު ނުވަނީސް ތެލުގެ އަގު ބޮޑުކޮށް ރައްޔިތުން ރަތަށް އެރުމުން ކުރިން ބުނިއެތި ކެންސަލްކުރުމެވެ. އެކަން އެހެން ކުރީ އިންތިހާބު ބޯމަތިވެފައި އޮތުމުން ރައްޔިތުން "ކޫލް" ކުރަން ނަމަވެސް އިންތިހާބަށް ފަހު ކަރަންޓު ވެސް ކަނޑާ ތެލުގެ އަގުވެސް މައްޗަށް ޖައްސާ ކާބޯތަކެތީގެ އަގުވެސް އަތް ނުފޯރާ ފަށަށް ޖައްސާނެއެވެ.

ރައްޔިތުންނޭވެ. ރައްކާވެތިބިއްޔާ ދަތުރެވެ. ފޮށި ތަންމަތިބަނދެ ތިމަތިމާމެންގެ ޚަރަދުކުރުމުގެ ސިޔާސަތުތައް އެކަށައަޅާ ބޮޑު ތަދުމަޑުކަމަކަށް ތައްޔާރުވާށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved