
ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން ހިންގާ ފިނޑި އަމަލުތަކަށް ސިހި ވަޑައިގެން ފަހަތަށް ނުޖެހޭނެ ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
އާޒިމް މިފަދައިން ވިދާޅުވީ މިރޭ އެމްޑީޕީއިން ކުރިއަށް ގެންދިޔަ މުޒާހަރާގައި ހުންނަވަނިކޮށް އޭނާއަށް ހަމަލާދޭން މަސައްކަތްކުރުމުންނެވެ.
މޭޔަރު އާޒިމް ވިދާޅުވީ، ސަރުކާރުގެ މިފަދަ ފިނޑި އަމަލުތަކުގެ ސަބަބުން ބިރުން ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށާއި، ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތުގައި ސާބިތުކަމާއެކު ދެމިހުންނަވާނެ ކަމަށެވެ.
އާޒިމަށް ހަމަލާދޭން މަސައްކަތްކޮށްފައިވަނީ، ބޮޑުރަސްގެފާނު މަގުން ގަލޮޅު ސަހަރާ ކައިރިން މުޒާހަރާގެ ބައިވެރިން ދަނިކޮށް، ކުއްލި ގޮތަކަށް މީހަކު މުޒާހަރާގެ ތެރެއަށް ވަދެގަނެގެންނެވެ.
ސޯޝަލް މީޑިޔާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަ ގޮތުގައި އާޒިމަށް ހަމަލާ ދެނީ އިހުތިޖާޖުގެ ބައިވެރިން ހިނގަމުން ދިޔަ މަގުގައި ހުއްޓިލައިގެން ހުރި ޒުވާނެކެވެ. އެ ޒުވާނާ އާޒިމް ގައިގައި އަތް އަޅާ ކޮށްޕާލާ މަންޒަރު ފެނިގެން ދެއެވެ. އަދި އިހުތިޖާޖުގެ ބައިވެރިން އާޒިމްގެ ދިފާއުގައި ނުކުންނަ މަންޒަރު ވެސް ފެނިގެން ދެއެވެ.
މުޒާހަރާގެ ބައިވެރިން ތުހުމަތު ކުރާ ގޮތުގައި މިއީ އިދިކޮޅު ހަރަކާތްތަކަށް ހުރަސް އެޅުމުގެ މަގުސަދުގައި ސަރުކާރު އަޑީގައި އޮވެގެން ހިންގާފައިވާ އަމަލެކެވެ.










