

ޖަވާބުދާރީވުމަށްޓަކައި ޕީއެންސީ ސަރުކާރުގެ ވަޒީރުން ރައްޔިތުންގެ މަޖިލީހަށް ހާޒިރުނުވާތީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ސިޓީއެއް ފޮނުއްވައިފިއެވެ.
މިފަދަ ސިޓީއެއް ރައީސުލްޖުމްހޫރިއްޔާއަށް އެޑްރެސްކުރައްވާ ފޮނުއްވީ އިދިކޮޅު އެމްޑީޕީގެ މަޖިލިސް މެންބަރުންނެވެ.
އެގޮތުން އެމްޑީޕީއަށް ނިސްބަތްވާ 12 މަޖިލިސް މެންބަރުން ސޮއިކުރައްވައި ރައީސް މުއިއްޒަށް ފޮނުއްވި އެ ސިޓީގައި ވިދާޅުވީ ވެރިކަން ހިންގުމުގެ ބާރުގެ ފަރާތުން ކުރާ ކަންތައްތައް ހިނގާނުހިނގާ ގޮތް ބެލުމާއި ޖަވާބުދާރީކުރުވުމަކީ ގާނޫނުއަސާސީގެ ދަށުން ރައްޔިތުންގެ މަޖިލީހާ މަތިކޮށްފައިވާ ޒިންމާއެއް ކަމަށެވެ.
ވަޒީރުންގެ މަޖިލީހުގެ މެންބަރަކާ ނުވަތަ ސަރުކާރުގެ އެއްވެސް ފަރާތަކާ އެ މީހަކު އަދާކުރާ މަސްއޫލިއްޔަތުތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ކުރާ ކޮންމެ ސުވާލަކަށް އެ މީހަކަށް އެނގިހުރި އެންމެ ރަނގަޅަކަށް ތެދުބަހުން ޖަވާބުދޭން ވާނެ ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކަމަށް ސިޓީގައިވެއެވެ.
ގާނޫނުއަސާސީ އާއި ގާނޫނުން ކަނޑައަޅާފައިވާ ކަންތައްތައް އިހުލާސްތެރިކަމާއެކު ތަންފީޒުކޮށް، ދައުލަތުގެ މުއައްސަސާތަކުންނާއި ރައްޔިތުން ގާނޫނުއަސާސީ އާއި ގާނޫނާ އެއްގޮތަށް އަމަލުކުރުމަށް ބާރު އެޅުމާއި، ގާނޫނުގެ ވެރިކަން ކުރިއަރުވައި، އެންމެންގެ ހައްގުތަކާއި މިނިވަންކަން ރައްކާތެރިކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތެއް ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކަން ވެސް އެ ސިޓީގައި ފާހަގަކުރައްވާފައިވެއެވެ.
އެގޮތުން ރައްޔިތުންނަށް އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުތައް ފުއްދުމަށް ވުޒާރާތަކުން ކުރާ މަސައްކަތްތަކާއި، އަދި، މި ހިނގާ 2025 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ދައުލަތުގެ ބަޖެޓުގައި ހިމަނާފައިވާ ކަންކަން ތަންފީޒުކުރަމުންގެންދާ މިންވަރު ބެލުމަށްޓަކައި ލިޔުމުން ނުވަތަ އަނގަބަހުން ވަޒީރުންނާ ސުވާލުކުރުމަށް އެތައް ފަހަރެއްގެ މަތިން ހުށަހަޅާފައިވާނެކަމާ އެހެންނަމަވެސް، ދެންނެވުނު ކަންކަމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވުމުގެ ބަދަލުގައި، އެ ޒިންމާއިން ބަރީއަވެ، މެމްބަރުންގެ ދުސްތޫރީ ވާޖިބަށް ވަޒީރުން ގެންދަވަނީ ހުރަސް އަޅުއްވަމުން ކަމަށް އެމްޑީޕީ މެންބަރުންގެ ސިޓީގައިވެއެވެ.
ވަޒީރުންގެ މަޖިލީހަށް މީހުން އައްޔަންކުރުމާއި އެ މަގާމުތަކުން މީހުން ވަކިކުރުމާއި ވަޒީރުންނާ މެދު ފިޔަވަޅު އެޅުމަކީ ގާނޫނުއަސާސީން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރެއްކަމަށްވީ ހިނދު، މަޖިލިސް މެންބަރުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅާ ވަޒީރުންނާ މެދު ފިޔަވަޅު އެޅުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލާޒިމު ކަމެއް ކަމަށެވެ.
އެހެންކަމުން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވުމަށް ވަޒީރުންނަށް އަންގަވައި، ވަޒީރުން ގާނޫނުއަސާސީ އާއި ގާނޫނަށް ތަބާވާކަން ކަށަވަރުކުރެއްވުމަށް އެމްޑީޕީގެ މަޖިލިސް މެންބަރުން ވަނީ އެދިވަޑައިގެންފައެވެ.