March 26, 2026
Advertisement
-
- / ސޯޝަލް މީޑިއާ

އީރާނުގެ ވަރުގަދަ މިސައިލް ހަމަލާތަކެއް ސަހްޔޫނީންގެ ޕަވަރ ޕްލާންޓްތަކަށް

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Mar 25, 2026, 08:33 PM
މާލެ ސިޓީ

އީރާނުން އިސްރާއީލަށް އަމާޒުކޮށް ފޮނުވާލި ނުރައްކާތެރި މިސައިލް ހަމަލާތަކެއްގައި، އިސްރާއީލުގެ މުހިންމު ހަކަތަ އުފައްދާ މަރުކަޒުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ. ބައިނަލްއަޤުވާމީ މީޑިއާ ރިޕޯޓްތައް ބުނާގޮތުން، އިސްރާއީލުގެ ހަދަރާ ސަރަޙައްދުގައި ހުންނަ ބޮޑު ހަކަތަ ޕްލާންޓަކަށް އީރާނުގެ މިސައިލެއް ސީދާ އަމާޒުވެ، އެތަނަށް ވަނީ ބޮޑެތި ގޮވުންތަކަކާއެކު ގެއްލުންތައް ލިބިފައެވެ.

Advertisement

މި ހަމަލާތަކަކީ އިސްރާއީލުން އިރާނާއި ފަލަސްޠީނާއި ލުބުނާނުގައި ހިންގަމުންދާ ލާއިންސާނީ އަމަލުތަކާއި، މުޖާހިދުންގެ ލީޑަރުން ޝަހީދުކޮށްލުމާ ގުޅިގެން އީރާނުން ދެމުންދާ ވަރުގަދަ ރައްދެކެވެ. ރިޕޯޓްތައް ބުނާގޮތުން އީރާނުން ފޮނުވާލި ފާތިޙް-1 ގެ ހައިޕަރސޮނިކް މިސައިލްތަކުން އިސްރާއީލުގެ ދިފާއީ ނިޒާމުތައް ފޫއަޅުވާލުމަށްފަހު، އިގްތިސާދީ ގޮތުން މުހިންމު ބިނާތަކަށް ވަނީ އަމާޒުކޮށްފައެވެ.

ހަދަރާގައި ހުންނަ "އޮރޮޓް ރާބިން" ޕަވަރ ޕްލާންޓަށް ދިން މި ހަމަލާއާ ގުޅިގެން އިސްރާއީލުގެ ބައެއް ސަރަޙައްދުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިވާ ކަމަށްވެސް މަޢުލޫމާތު ލިބެއެވެ. އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސްއިން ހާމަކޮށްފައިވާ ގޮތުގައި، މި އޮޕަރޭޝަންގެ މައިގަނޑު ބޭނުމަކީ އިސްރާއީލުގެ އަސްކަރީ އަދި އިގްތިސާދީ މައިބަދައަށް ހަމަލާދީ، އެ ގައުމުގެ ގާބިލްކަން ކުޑަކުރުމެވެ.

މި ހަމަލާތަކާ ގުޅިގެން މުޅި ސަރަޙައްދުގައި ނުތަނަވަސްކަން އިތުރުވެފައިވާއިރު، އިސްރާއީލުގެ ހަރުކަށި ސަރުކާރުން ދަނީ މިކަމަށް ރައްދު ދޭނެ ގޮތަކާ މެދު މަޝްވަރާ ކުރަމުންނެވެ. ނަމަވެސް އީރާނުން ވަނީ، އިސްރާއީލުން އިތުރު ފިޔަވަޅެއް އަޅައިފިނަމަ، މިއަށްވުރެ މާ ވަރުގަދަ ހަމަލާތަކެއް ކުރިމަތިލާން ޖެހޭނެ ކަމުގެ އިންޒާރު ދީފައެވެ.

މި ހަމަލާތަކަކީ ފާއިތުވި ދިހަވަރަކަށް އަހަރު ތެރޭގައި އިސްރާއީލަށް އަމާޒުވި އެންމެ ވަރުގަދަ އަދި އެންމެ ނުރައްކާތެރި މިސައިލް ހަމަލާތައް ކަމަށް ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރެއެވެ. އިސްރާއީލުގެ އަސްކަރިއްޔާއިން މި ހަމަލާތަކުން ލިބުނު ގެއްލުންތަކުގެ ތަފްސީލު ސިއްރުކުރަން މަސައްކަތް ކުރި ނަމަވެސް، ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ބޮޑެތި އަލިފާންގަނޑުތައް އަރަމުންދާ މަންޒަރު ފެނެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved