

އަދުގެ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެން ފަހުން އއ.ތޮއްޑޫގައި ތަރައްގީގެ އެއްވެސް މަޝްރޫއެއް ފައްޓާފައިނުވާކަން ހާމަވެެއްޖެއެވެ.
ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ދުވަސްވަރު ތޮއްޑޫއަށް ވަޑައިގެން އެ ރަށު ރައްޔިތުންނަށް މުއިއްޒު ވެވަޑައިގެންނެވި އެއްވެސް ވައުދެއް ވެރިކަމަށް މިހާ ދުވަސް ވީއިރުވެސް ފަށާފައިނުވެއެވެ.
ވެރިކަމަށް އައުމަށްފަހު 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 8 ވަނަ ދުވަހު ތޮެއްޑޫއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވާ މުއިއްޒު ވަނީ މަގުހެދުމުގެ މަޝްރޫޢު އާއި ސްކޫލުގެ އެކްސްޕޭންޝަންއާއި، ސިއްހީ މަރުކަޒު ތަރައްޤީކޮށް ބޮޑުކުރުމާއި، ކުނި މެނޭޖްކުރުމުގެ މަސައްކަތަކީ ތޮއްޑޫއަށް ކޮންމެހެން ބޭނުން ޖެހިފައި ހުރިކަންކަން ކަމަށް ވިދާޅުވެފައެވެ.
ނަމަވެސް މީގެން އެއްވެސް މަޝްރޫއެއް އެ ރަށުގައި މުއިއްޒު ފައްޓަވާފައިނުވެެއެވެ.
ބުދަ ދުވަހު އަނެއްކާވެސް އެ ރަށަށް ވަޑައިގެން ރައްޔިތުންނަށް ހުވަފެން ދައްކާފައިވެއެވެ. އޭގެއިތުރުން ތޮއްޑޫއަށް ވަޑައިގެން ރަސްމީކޮށް ފައްޓަވައިދެއްވި ނަރުދަމާ ނިޒާމަކީ ކުރީ ސަރުކާރުގައި ފެށި މަސައްކަތެކެވެ. މުއިއްޒުގެ މި ދަތުރުފުޅުގައި ތޮއްޑޫގައި އަލަށް ފެށުމަށް ސޮއިކުރި ޕްރޮޖެކްޓަކީ ތޮއްޑޫ ދެކުނު ފަރާތުގައި ފާލަން ތަރައްގީކުރުމުގެ މަސައްކަތެވެ.
މުއިއްޒުގެ މި ދަތުރުފުޅުގައި ކައުންސިލްގެ ފަރާތުން ވަނީ، ޓާރމިނަލަކާއެކު ސީ ޕްލޭންގެ ޚިދުމަތް ފަށަން ބޭނުންވާކަމަށާއި، އިތުރުވަމުންދާ އާބާދީއަށާއި އަދި ފަތުރުވެރިކަން ފުޅާވަމުންދިއުމާއެކު މިހާރު ހުރި ހެލްތު ސެންޓަރ ހޮސްޕިޓަލެއްގެ ދަރަޖައަށް ބަދަލުކުރައްވައި، އެފެންވަރަށް ތަރައްޤީކޮށްދެއްވުމަށް އެދިވަޑައިގަންނަވާފައެވެ. މި ބައްދަލުކުރެއްވުމުގައި ސްކޫލުގެ ފަރާތުން ވަނީ، ސްކޫލުގެ ޖާގައިގެ ދަތިކަން ހައްލުކޮށްދެއްވައި، ސައިންސް ލެބެއް ނެތުމުން ދިމާވާ ދަތިތައް ހިއްސާކުރައްވާފައެވެ.
މުއިއްޒު ވަނީ ކައުންސިލުން އެދުނު ކަންކަން ބައްލަވާނެކަމަށް ވިދާޅުވެފައެވެ. ނަމަވެސް މިކަންކަން ކޮށްދެއްވާނެކަމުގެ އެއްވެސް ޔަގީންކަމެއް މުއިއްޒު ދެއްވާފައި ނުވެއެވެ.
މުއިއްޒު މިހާރު ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގައި ކުރިއެކޭ އެއްގޮތަށް ވައުދުތައް ތަކުރާރު ކުރަމުންދާކަން ފާހަގަކޮށްލެވެއެވެ.