
އދ. އަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ މަންދޫބު ދެއްވި ބަޔާނަކީ ދިވެހި ގިނަ ރައްޔިތުންގެ ޝުޢޫރުތައް ދައްކުވައިދޭ ބަޔާނެއް ނޫން ކަމަށް ވިދާޅުވެ، ކުރީގެ ނައިބު ރައީސް އަދި ޕީއެންއެފްގެ ނައިބު ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
އދ. ގައި ރާއްޖޭގެ މަންދޫބު ދެއްވި ބަޔާނާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޑރ. ޖަމީލް ވިދާޅުވީ، މީގެ ކުރިން ސަރުކާރުން ނެރުނު ބަޔާނަކީ ހަމައެކަނި "ކަންދައްކަން" ނެރުނު ބަޔާނެއް ކަމަށެވެ. އަދި އެ ބަޔާނާއި ޚިލާފަށް އދ ގައި ދެއްވި ބަޔާނުގައި މުސްލިމް އުންމަތަށް ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތަކާ މެދު ބަސްބުނެފައި ނުވާތީ އެކަމުގެ ކަންބޮޑުވުން ޖަމީލް ފާޅުކުރެއްވިއެވެ.
ޑރ. ޖަމީލް ފާހަގަކުރެއްވި ގޮތުގައި، އިސްރާއީލުން އީރާނުގެ އިސްތިގުލާލަށް އަރައިގަނެ ދިން ހަމަލާތަކާއި، 169 އަށްވުރެ ގިނަ ސްކޫލް ކުދިން މަރާލި މައްސަލައިގައި ރާއްޖޭގެ ބަޔާނުގައި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. މީގެ އިތުރުން، އީރާނުގެ ރޫހާނީ މީޑަރު އާޔަތުﷲ ޚާމަނާއީ އަވަހާރަކޮށްލުމާއި ގުޅިގެން ވެސް ރާއްޖެއިން ބަހެއް ބުނެފައި ނުވާކަން ފާހަގަކުރެއްވިއެވެ.
އެމެރިކާއާއި އިސްރާއީލުން ހިންގާ މިފަދަ ލާއިންސާނީ އަމަލުތަކަކީ އދ. ގެ ޗާޓަރާ ސާފުކޮށް ޚިލާފު ކަންކަން ނޫންތޯ ސުވާލު އުފައްދަވަމުން، ޑރ. ޖަމީލް ވިދާޅުވީ މިހާރުގެ ސަރުކާރުން ބައިނަލްއަގުވާމީ މައިދާނުގައި ދިވެހިންގެ އަސްލު ޝުޢޫރުތައް ހާމަކުރުމުގައި ފަސްޖެހެމުންދާ ކަމަށެވެ.
މި މައްސަލައިގައި ސަރުކާރަށް ފާޑުކިޔުން އަމާޒުވެފައިވާއިރު، ގިނަ ބަޔަކު ދަނީ ފަލަސްތީނާއި އިސްލާމީ އުންމަތުގެ ހައްގުގައި ރާއްޖެއިން މިއަށްވުރެ ވަރުގަދަ ބަހެއް ބުނަންޖެހޭނެ ކަމަށް ވަކާލާތު ކުރަމުންނެވެ.










