
ސިޔާސީ ޕާޓީތަކުގެ ތެރެއަށް މާފަހުން ދުރުން އަންނަ ބަޔަކު ވަދެ ޕާޓީތައް ހަލާކު ކުރަމުންދާއިރު އެކަން ދަންނަ، ފެންނަ ބަޔަކު ނެތުމަކީ ދެރވަރުކަމެއްގެ ގޮތުގައި ކުރީގެ ނައިބު ރައީސް، އަދި ޕީއެންއެފްގެ ވެސް ނައިބު ރައީސް، ޑރ މުހައްމަދު ޖަމީލު އަހުމަދު ސިފަކުރައްވައިފިއެވެ.
ޑރ ޖަމީލު މިފަދައިން ވިދާޅުވެފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެމްޑީޕީގެ އެކްޓިވިސް ޝަމްއޫން ޖަލީލު (ލޫކަސް)އަށް ނިމިދިޔަ ސަރުކާރުގައި ވަޒީފާ ދިނީ ތައުލީމެއް ނެތް ނަމަވެސް ރައީސް މުހައްމަދު ނަޝީދުގެ އެދުމަކަށް ކަމަށް ބުނެ މީހަކު ސޯޝަލް މީޑިޔާގައި މީހަކު ކުރި ޕޯސްޓަކަށް ލޫކަސް ވަނީ ޖަވާބުގައި ޕޯސްޓެއްކޮށްފައެވެ.
ލޫކަސް ބުނެފައިވަނީ އޭނާއަކީ އެމްޑީޕީގެ ވެރިކަންތައް ގެނައުމަށް ބުރަ މަސައްކަތްކުރި މީހެއް ކަމަށާ އެނާއަށް ވަޒީފާ ހައްގު ކަމަށެވެ. ތައުލީމެއް ނެތް ކަމަށް ބުނާ ލޫކަސް އިނގިރޭސި ބަހުން ކޮށްފައިވާ އެ ޕޯސްޓު ހިއްސާ ކުރައްވާ ޑރ ޖަމީލު ވިދާޅުވެފައިވަނީ، ރައީސް އަބްދުﷲ ޔާމީންގެ ހިޔަނީގައި ގެނައި ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ވެސ ކަންވަމުންދާ ގޮތް ބަލާލުން މުހިއްމު ކަމަށެވެ.
އެގޮތުން ރައީސް މުއިއްޒުގެ ސަރުކާރުގައި ވެސް އެންެމެ މަތި ފަޑީގައި ތިބީ ރިޔާސީ އިންތިހާބުގެ ދުވަސްވަރު ޕާޓީއަށް އެއްވެސް މަސައްކަތެއް ކޮށްނުދީ ދުރުގައި ބަލަން ތިބި މީހުން ކަމަށާ އޭގެ ތެރޭގައި މިއަދުގެ މިނިސްޓީރިއަލް ލެވެލްގެ ބޭފުޅުންވެސް ހިމެނޭ ކަމަށް ޑރ ޖަމީލު ވިދާޅުވެފައިވެއެވެ.
ޑރ ޖަމީލު ވިދާޅުވީ އަބަދުވެސް ސިޔާސީ ކަންކަމުގައި ފެންނަމުން ދަނީ އިހުލާސްތެރިން ބާކީކޮށޤ އެއްފަރާތްކުރާ މަންޒަރު ކަމަށެވެ. މިއީ އަބަދު ދައްކަމުންދާ ވާހަކަ ކަމަށާ ސިޔާސީ މަސައްކަތް ނުކޮށް ހިހޫތަނުން ކާން ފުންމާލާ އެތައް ބަޔަކު ތިބޭ ކަމަށެވެ. އަދި އެގޮތަށް އަބަދު ސައްލާކުރާ އެތައް ބަޔަކު މިގައުމުގައި ތިބޭކަން ފާހަގަކުރައްވާ ޑރ ޖަމީލު ވަނީ ރާއްޖޭގައި އޮތް ދެ ފިކުރުގެ ތެރޭގައިވެސް މިބަލި ފެތުރިފައި އެބައޮތް ކަމަށް ވިދާޅުވެފައެވެ.
ޑރ ޖަމީލު ވިދާޅުވީ ދެރައީ އެހުރިހާކަމެއް އެހެން ހިނގަމުންދާއިރުވެސް ފެންނަ ބަޔަކު ނެތުން ކަމަށެވެ.









