
ކްރިމިނަލް ކޯޓަށް ހާޒިރުކުރި 'އަދަދު' ނޫހުގެ ނޫސްވެރިޔާ ލީވާން އަލީ ނާސިރަށް ވަކީލަކު ހަމަޖެއްސުމަށް އެންމެ ދެ ގަޑިއިރުގެ ފުރުސަތެއް ދިނުމަކީ ގާނޫނުއަސާސީއާ ހިލާފު ޣައިރު ދުސްތޫރީ އަމަލެއް ކަމަށް ވިދާޅުވެ، ޕީއެންއެފްގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ފާޑުވިދާޅުވެއްޖެއެވެ.
މި މައްސަލައާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޑރ. ޖަމީލް ވިދާޅުވީ، މިއީ ކަނޑައެޅިގެން ގާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ބ) އިން ކުށުން ބަރީއަވުމަށް އެކަށީގެންވާ ވަސީލަތް ލިބިދިނުމާއެކު، ވަކީލަކާ މަޝްވަރާ ކުރުމަށް އެކަށީގެންވާ ގޮތަށް ލިބިދީފައިވާ ފުރުސަތާ ހިލާފަށް ހިންގޭ ކަމެއް ކަމަށެވެ. އަދި ޝަރުއީ ނިޒާމު އިސްނަގައިގެން ކުރާ ކަމެއްގައި އަސާސީ ހައްގުތަކުން ލިބިދޭ ރައްކާތެރިކަން މިގޮތަށް ހަނިކުރުމަކީ އަދުލު އިންސާފަށް ހުރަސްއެޅިގެންދާނެ ކަމެއްގެ ގޮތުގައި ޑރ ޖަމީލް ސިފަކުރެއްވިއެވެ.
"ޝަރުއީ ނިޒާމު އިސްނަގައިގެން ކުރާކަމެއްގައި އަސާސީ ޙައްގުތަކުން ލިބިދޭ ރައްކާތެރިކަން މިގޮތަށް ހަނިކުރުމަކީ އަދުލު އިންސާފަށް ހުރަސްއެޅިގެންދާނެ ޣައިރު ދުސްތޫރީ އަމަލެއް!" ޑރ. ޖަމީލް ވިދާޅުވިއެވެ.
ނޫސްވެރިޔާ ލީވާން ކޯޓަށް ހާޒިރުކުރީ 'އަދަދު' ނޫހުގެ ސީއީއޯ ހުސެއިން ފިޔާޒު މުސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ޖިނާއީ ދައުވާތަކެއް ކޮށްފައިވާ މައްސަލައިގައި ހިމެނޭ ޑޮކިއުމެންޓްރީގެ ވާހަކަ ނުދެއްކުމަށް ކްރިމިނަލް ކޯޓުން އަމުރުކުރި ހަބަރު ލިޔުމާ ގުޅިގެންނެވެ. މި މައްސަލައިގައި ކޯޓަށް ހާޒިރުވުމަށް އެންގުމަށްފަހު، ވަކީލަކު ހަމަޖެއްސުމަށް އެކަށީގެންވާ ވަގުތު ނުދީ އެންމެ ދެ ގަޑިއިރު ދިނުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.
މި މައްސަލައަކީ ނޫސްވެރިކަމުގެ މިނިވަންކަމާއި، ގާނޫނީ ގޮތުން ލިބިދޭ ދިފާއީ ހައްގުތަކަށް އުނިކަން އަންނަ ކަމެއްގެ ގޮތުގައި ގާނޫނީ މާހިރުންނާއި ނޫސްވެރިންގެ ޖަމިއްޔާތަކުން ދަނީ ފާހަގަކުރަމުންނެވެ.










